ކ.ހިންމަފުށީގައި ހުންނަ އައްސޭރި ޖަލުން ފިލި ގައިދީއަކު ހޯދައި އޭނާ އަނބުރާ ޖަލަށް ގެންގޮސްފި އެވެ.

ފުލުހުން މިއަދު ވިދާޅުވީ އައްސޭރި ޖަލުން ގައިދީއަކު ފިލާފައިވާ ކަމުގެ ރިޕޯޓް ކަރެކްޝަންސް ސާވިސް އިން ފުލުހުންނަށް ދީފައި ވަނީ ރޭ 22:08 އެހާކަންހާއިރު ކަމަށެވެ.

އެ ރިޕޯޓް ލިބުމާ ގުޅިގެން، ހިންމަފުށީ ފުލުހުންނާއި ކަރެކްޝަންސްގެ އޮފިސަރުން ކުރި މަސައްކަތުން ފިލި ގައިދީ ފެނިފައި ވަނީ ހިންމަފުށީގައި ހުއްޓާ ރޭ 22:13 އެހާކަންހާއިރު ކަމަށް ވެސް ފުލުހުން ވިދާޅުވިއެވެ.

އޭނާ ފެނުމުން ވަގުތުން ވަނީ އައްސޭރި ޖަލަށް ގެންގޮސް ހައްޔަރުކޮށްފައެވެ.

އައްސޭރި ޖަލުން ފިލި ގައިދީއަކީ ކޮން އުމުރެއްގެ މީހެއް ކަމެއް އަދި އޭނާ ޙުކުމް ތަންފީޒު ކުރަމުން ގެންދިޔައީ ކޮން މައްސަލައަކާއި ގުޅިގެން ކަމެއް ވެސް ފުލުހުން ވިދާޅެއް ނުވެއެވެ.

ހިންމަފުށީގައި ހުންނަ އައްސޭރި ޖަލަކީ މާފުށީ ޖަލުގައި ހުންނަގޮތަށް ވަށައި ފާރު ރާނައި ވަކިކޮށްފައި ހުންނަ ތަނެއް ނޫނެވެ. އެޖަލުގައި ގައިދީންނަށް ހާއްސަ ލުއިތަކެއް ދީފައި ހުރެއެވެ. އެޖަލަށް ބަދަލު ކުރަނީ ވެސް އަޙުލާޤު ރަނގަޅު ކަމަށް ފާހަގަ ކުރެވޭ ގައިދީންނެވެ.