ރާއްޖެއަށް ކުރަމުންދާ ވިއްސާރާގައިއާންމު ސިއްހަތު ރައްކާތެރި ކުރުމަށް އެޅިދާނެ ބައެއް ފިޔަވަޅުތައް ހެލްތް ޕްރޮޓެކްޝްން އޭޖެންސީ އިން އާއްމުކޮށްފިއެވެ.

އެޗްޕީއޭ އިން އާއްމުކޮށްފައިވާ ރައްކާތެރި ފިޔަވަޅުތަކަށް ބަލާއިރު، ވިއްސާރަވެ ފެންބޮޑުވުމާއި ގުޅިގެން ސަމާލުކަން ދޭންޖެހޭ ބައެއް ކަންކަމަށް ބަލާއިރު ފެން ހިންދާ ސާފުކޮށް ނިމެންދެން ފެނުގެ އަސަރުކޮށްފައިވާ ހިސާބަށް ކުޑަކުދިން ގާތްވިޔަ ނުދިނުމާއި، ނަރުދަމާ، ޖަންކްޝަން، ނުވަތަ ސެޕްޓިކް ޓޭންކް ފުރިގެން ބޭރުވެފައިވާނަމަ ސާފު ކުރުމުގެ ކުރިން ޕަބްލިކް ހެލްތް ޔުނިޓުގެ އެހީތެރިކަން ހޯދުން ހިމެނެއެވެ.

އަދި ގައިގެ އެއްވެސް ތަނެއްގައި ފާރުގަނޑެއް ހެދިފައިވާ ނަމަ އެތަނެއްގައި ފެން ނުޖެހޭ ގޮތަށް އުޅުމާއި،ފެން ހިންދުމުގަ އާއި ސާފު ކުރުމުގައި ހަރަކާތްތެރިވާން ޖެހިއްޖެ ހާލަތެއްގައި ފެން ނުވަންނާނެހެން މަލަން އަޅައި ފާރުގަނޑު ފޮރުވުމަށް އެޗްޕީއެލް އިން ވަނީ އިލްތިމާސްކޮށްފައެވެ.

މީގެ އިތުރުން ފެން ހިންދުމުގައި އަންގި ބޭނުން ކުރުމަށް ވެސް ވަނީ އިލްތިމާސްކޮށްފައެވެ.

ރާއްޖެއަށް މިހާރު ކުރަމުންދާ ވިއްސާރާގައި އާންމު ސާފުތާހިރު ކަމަށް ކުރެވިދާނެ ކަންކަންވެސް އެޗްޕީއޭ އިނީ ހާމަކޮށްފައެވެ. އެގޮތުން ތަށި ދޮވުމަށާއި ބުއިމަށް ވާރޭ ފެން ނުވަތަ ކެއްކި ފެން ބޭނުން ކުރުމާއި، ފެންގަނޑު ތަކުގެ ތެރެއަށް ކުޑަކުދިން ފޭބިޔަ ނުދިނުމާއި، ކޮންމެ ކަމެއް ކޮށް ނިމިގެން ސައިބޯނި ލައިގެން ރީތި ފެނުން އަތް ދޮވުމަށް އެދިފައި ވެއެވެ.

އަދި މީގެ އިތުރުން، އާންމުންގެ ހާލަތު ރަނގަޅު ކުރުމުގެ ގޮތުން ބޭނުން ކުރާ ބޭސް ކަހަލަ އެއްޗެހި ރައްކާތެރި ސަރަހައްދެއްގައި ރައްކާ ކުރުމަށް އެދިފައި ވެއެވެ.

މުޅި ރާއްޖެއަށް މިހާރު ކުރަމުން ދަނީ ހުޅަނގު މޫސުމުގެ ވިއްސާރައެވެ.

ކިޔުންތެރިންގެ ހިޔާލު