މިހާރު ރާއްޖޭގެ އެކި ސަރަހައްދުތަކަށް ކުރަމުންދާ ވިއްސާރާގައި އައްޑޫ ސިޓީ 54 ގެއަކަށް ގެއްލުންވެފައިވާކަމަށް އައްޑޫ ސިޓީ ކައުންސިލުން ވިދާޅުވެއްޖެއެވެ.

އެ ސިޓީ ކައުންސިލުން ކުރި ޓްވީޓެއްގައި ވިދާޅުވީ، އެ ސިޓީއަށް ކުރި ވިއްސާރަގއި އެކި އަވަށްތަކުން މުޅިއަކު 54 ގެއެއްގެ ފުރާޅަށް އެކިވަރުގެ ގެއްލުން ލިބުނު ކަމަށެވެ. އަދި ބައެއް ގޭގޭގެ ފުރާޅު އެއްކޮށް ހަލާކުވި ކަމަށެވެ.

"މީގެ ތެރެއިން 11 ގެއެއްގެ ފުރާޅި މަރާމާތުކޮށް ދިނުމުގެ މަސައްކަތް މިހާރު ނިމިފައިވާއިރު، ބާކީ ގެތަކުގެ މަސައްކަތް ދަނީ ކުރިއަށް". އައްޑު ސިޓީ ކައުންސިލުން ވިދާޅުވިއެވެ.

އައްޑޫ ސިޓީ ކައުންސިލުން ވިދާޅުވީ، މި ވިއްސާރާގައި 36 ބޮޑެތި ގަސް ވެރިފައިވާކަމަށެެވެ.

"މި ގަސްތައް ނަގައި ސާފް ކުރުމުގެ މަސައްކަތް މިހާރު ވަނީ ނިމިފައި". އެ ކައުންސިލުން ވިދާޅުވިއެވެ.

ރާއްޖެއަށް މިހާރު ކުރަމުންދާ މޫސުމީ ވިއްސާރާގައި ރާއްޖޭގެ އެކި ހިސާބުތަކަށް ގެއްލުން ވަމުން އެބަ ދެއެވެ. އަދި ކަނޑުމަތީގައި ނުރައްކާތެރި ހާދިސާތައް ހިނގަމުން އަންނައިރު، ބައެއް ރަށްތަކަށް އުދަ އަރާ ގެއްލުންވަމުން ދެއެވެ.