ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ އެކައުންޓަށް އެއްމިލިއަން ޑޮލަރު ޖަމާކުރި މައްސަލައިގެ ތަޙްޤީޤަށް އެންޓިކޮރަޕްޝަން ކޮމިޝަން (އޭސީސީ) ގެ ކުރީގެ ރައީސް ހަސަން ލުތުފީ އާއި އޭރުގެ ނައިބު ރައީސް މުޢައްވިޒް ރަޝީދު، ޔާމީން އާއި ބައްދަލުކޮށްފައި ނުވާކަމުގެ މައުލޫމާތު "ވަގުތު" އަށް ލިބިއްޖެއެވެ.

ޔާމީންގެ މައްޗަށް ކުރާ މަނީ ލޯންޑްރިން ދައުވާގެ ޝަރީޢަތުގައި ހެކިބަސް ދެމުން މުޢަވިއްޒު ވަނީ ޔާމީނާއި ރައީސް އޮފީހުގައި ބައްދަލު ކުރެއްވި ކަމަށް ވިދާޅުވެފައެވެ. އެބައްދަލުވުމެއްގައި ހަސަން ލުތުފީ ބައިވެރިވި ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

މުޢައްވިޒު އެހެން ވިދާޅުވުމުން ޔާމީން ވަނީ ބައްދަލުވުން އޮތީ ރައީީސް އޮފީހުގެ ކޮން ފްލޯއެއްގައިތޯ އާއި ބައްދަލުވުން ދިގުދެމިގެން ދިޔައީ ކިހާ އިރަކަށްތޯ ސުވާލު ކުރައްވާފައެވެ. މުޢައްވިޒު އެސުވާލުތަކަށް ޖަވާބު ދެއްވުމުން މުޢައްވިޒާއި ބައްދަލުނުކުރައްވާ ކަމަށް ވެސް އަދި ބައްދަލު ކުރެއްވި ކަމަކަށް ވެސް ޔާމީން ވިދާޅެއް ނުވެއެވެ.

"ވަގުތު" އަށް އެނގިފައިވާ ގޮތުގައި ޔާމީނާއި މުޢައްވިޒު އެމައްސަލައިގައި ބައްދަލު ކުރައްވާފައެއް ނުވެއެވެ. ނަމަވެސް އެމައްސަލައިގައި ރައީސް އޮފީހުގެ "ބޭފުޅުންތަކަކާއި" މުޢައްވިޒު ރައީސް އޮފީހުގައި ބައްދަލު ކުރެއްވިއެވެ.

ޔާމީންގެ އެކައުންޓަށް އެއް މިލިއަން ޑޮލަރު ޖަމާކުރި މައްސަލައިގައި ޔާމީނާއި ކުރަން އޭސީސީ އިން ބޭނުންވި ސުވާލުތައް އީމެއިލް މެދުވެރިކޮށް ޔާމީނަށް ފޮނުވުމުން، އީމެއިލް މެދުވެރިކޮށް އެސުވާލުތަކުގެ ޖަވާބު ޔާމީން ދެއްވެވި ކަމަށް މައުލޫމާތު ލިބިފައިވެއެވެ.

"ވަގުތު" އަށް މައުލޫމާތު ލިބިފައިވާ ގޮތުގައި ޔާމީން، މުޢައްވިޒާއި ބައްދަލު ކުރެއްވިކަން ދެއްކުމަށްޓަކައި ރައީސް އޮފީހާއި، އޭސީސީގެ ޔައުމިއްޔާތަކެއް އެދުވަސްވަރުގެ ތާރީޚް ޖެހުމަށް ފަހު ތައްޔާރު ކުރުމުގެ މަސައްކަތް ކުރަމުން އެބަގެންދެއެވެ.

ޔާމީންގެ މައްޗަށް ދައުލަތުން އުފުލާފައިވާ މަނީ ލޯންޑްރިން މައްސަލައިގައި މުޢައްވިޒު އަދި ކޯޓަށް ހާޒިރުކޮށް ސުވާލު ކުރުމަށް ވަނީ ނިންމާފައެވެ.

ޔާމީންގެ މައްޗަށް ދައުލަތުން މަނީ ލޯންޑްރިންގެ ދައުވާ ކުރަނީ އެމަނިކުފާނުގެ ނަމުގައި އޮތް އެކައުންޓަކަށް، އެމްއެމްޕީއާރުސީގެ ޚިޔާނާތުގެ ފައިސާ ދައުރުކުރި އެސްއޯއެފް ކުންފުނިން އެއް މިލިއަން ޑޮލަރު ޖަމާކުރި މައްސަލައިގަ އެވެ.

ކިޔުންތެރިންގެ ހިޔާލު

3 ކޮމެންޓް

 1. ދދދދދދ

  ބޭރު އަރުވާލާ ދުވަސް ވަރަށް ގާތުގަ އޮތީ. ޔައުމިއްޔާތަކެއް އީޖާދު ކުރާނެ ކަމެއް ނެތް. ކޮން ޔައުމިއްޔާއެއް އީޖާދު ކުރާކަށްތަ؟ ކަލޭވެސް ޖަލަށް ގަޅާލާނީ. ތައްޔާރަށް ހުންނާތި.

  69
  2
 2. މިއަދު

  ރަގަނޅުއެއްޗެއް އަތަށްނުގޮވައިފިއްޔަދެރަ މުއައްވިޒަށް މިފަހަރު އަމާޒުވާނީ ކޮންސުވާލުތަކެއްބާ؟؟؟؟

  44
 3. ކެކެކެ

  ޔާމީން ސުވާލު ކުރައްވަން ފެއްޓެވީމަ މިމީހާ ތުރުތުރު އަޅައަޅާ ހުރީ ހެދި ބޮޑު ދޮގުގެ އަސަރުގަތާ!

  70
  2