ދިވެހިންނަށް ހިލޭ އެއްޗެހި ބަހާ ފޭސްބުކް ޕޭޖެއް އާއްމުންގެ ސަމާލުކަން ހޯދަން ފަށައިފިއެވެ.

"ދަރުމަ ޕޭޖް" ގައި ނަމުގައި ހިންގަމުން ގެންދާ ޕޭޖްގައި ހުރި އެއްވެސް އެއްޗެކަށް އެއްވެސް އަގެއް ނުނަގައެވެ. ޕޭޖް ހިންގާ ފަރާތުން އެދެނީ އެޕޭޖްގައި ހުންނަ އެއްޗެހި ލިބޭ ފަރާތްތަކުގެ ހެޔޮ ދުޢާގައި އެފަރާތް ބައިވެރިކޮށްދޭށެވެ. ޕޭޖް މެދުވެރިކޮށް އެއްޗެހި ބަހަނީ ޞަދަގާތެއްގެ ގޮތުގައެވެ. ޕޭޖުން އެއްވެސް އެއްޗެއް ބޭނުން ނަމަ ޕޭޖަށް މެސެޖެއް ކޮށްލުމުން އެކަމުގެ އިންތިޒާމް ހަމަޖެހޭނެއެވެ.

ޕޭޖް ހިންގާ ފަރާތުގެ ނަން ހާމަކުރާކަށް ޕޭޖް ހިންގާ ފަރާތަކުން ބޭނުމެއް ނުވެއެވެ.

ޕޭޖް ހިންގާ ފަރާތުން "ވަގުތު" އަށް މައުލޫމާތު ދެމުން ބުނީ މިޕޭޖް ހެދުމުގެ ޚިޔާލު އައީ އޭނާގެ ދަރިފުޅަށް ގަނެފައި ހުރި ބައެއް އެއްޗެހި ވަރަށް އާކޮށް ހުއްޓާ ސައިޒުން ކުޑަވުމުން އެއްލާމުގެ ބަދަލުގައި މީހަކަށް ހަދިޔާ ކުރުން އެއީ ރަނގަޅު ކަމެއް ކަމަށް ގަބޫލު ކުރެވުނު ހިސާބުންނެވެ.

"އަޅުގަނޑު ބޭނުންވީ އެއްޗެހި ވިއްކުމުގެ ބަދަލުގައި މިފަދަ އެއްޗެއް ގަތުމުގެ ފުދުންތެރިކަން ނެތް ފަރާތްތަކަށް، ނުވަތަ މިފަދަ އެއްޗެއް ބޭނުން ވެފައިވާ ފަރާތްތަކަށް ހަދިޔާކުރަން. އެހެންވެ މިކަން ފެށީ." އޭނާ ބުންޏެވެ.

ޕޭޖްގައި މިވަގުތު ހުރީ ކުޑަކުދިންގެ އެއްޗެހި ނަމަވެސް ޕޭޖް ހިންގާ ފަރާތުން ބުނީ ކުރިއަށް އޮތްތަނުގައި އެހެން ބާވަތްތައް ވެސް ޕޭޖް މެދުވެރިކޮށް ޞަދަގާތް ކުރާނެ ކަމަށެވެ.

މިޕޭޖަށް އެއްޗެހި ހަދިޔާ ކުރުމުގެ ފުރުސަތު ވެސް ވަނީ އާއްމުކޮށް ހުޅުވާލާފައެވެ. ޕޭޖަށް މެސެޖް ކޮށްލުމުން އެއްޗެހި ހަދިޔާ ކުރުމަށްޓަކައި ކަން ކުރަންވީ ގޮތުގެ މައުލޫމާތު ލިބިގެންދާނެއެވެ.

"ދަރުމަ ޕޭޖް" ހިންގާ ފަރާތުން އުއްމީދު ކުރަނީ ދަރުމައަށް މިފެށި މަސައްކަތުގެ ސަބަބުން ބޭނުން ޖެހިފައިވާ އެތައް ބައެއްގެ ބޭނުންތައް ފުދިގެން ދާނެ ކަމަށެވެ. އެކަމަށްޓަކައި ފުދުންތެރިންގެ އެއްބާރުލުމާއި އެހީތެރިކަމަށް "ދަރުމަ ޕޭޖް" އިން އެދެއެވެ.

ކިޔުންތެރިންގެ ހިޔާލު

6 ކޮމެންޓް

  1. ގަމު މީހާ

    ޥަރަށް ރަނގަޅު ހެޔޮވެގެންވާ މަސައްކަތެއްކަމުގައި ދެކެން...ތިބާ އަށް ﷲ ބަރަކާތް ލައްވާށި....އަދި ތިޔަގޮތުގައި ދެމިހުރުމުގެ ތައުފީޤު ދެއްވާށި...

    51
    1
  2. މީހަ

    ﷲ ތިބާ އަށް ބަރަކާތް ލައްވާށި

    35
  3. Anonymous

    އާމީން

    24
  4. ބޯވަ

    މީ ވަރަށް ސަޅިކަމެއް

    20
  5. އައްސަދު

    بارك الله فيك

  6. ޤައުމު

    ތިބާ އަށް ބަރަކާތް ލަށްވާށި

    12