އިންޓަނޭޝަނަލް އެސޯސިއޭޝަން އޮފް ޕޮލިސް އެކަޑަމީސް (އިންޓަޕާ) ގެ 7 ވަނަ ކޮންފަރެންސްގައި ބައިވެރިވެވަޑައިތުމަށް ޗީފް ސްޕްރިންޓެންޑެންޓް އޮފް ޕޮލިސް ޢަޙްމަދު ޢަބްދުއްރަޙުމާން މިއަދުގެ ވަގުތެއްގައި ގަތަރަށް ފުރާވަޑައިގެންފިއެވެ.

ދުނިޔޭގެ އެކި ޤައުމުތަކުގެ ޕޮލިސް އެކަޑަމީތަކުގެ ވެރިން ބައިވެރިވެވަޑައިގަންނަވާ މި ކޮންފަރެންސް ކުރިއަށްދާނީ މިއަދން ފެށިގެން މި މަހުގެ ހަތަރުވަނަ ދުވަހުގެ ނިޔަލަށް ގަތަރުގެ ދޯހާގައެވެ. މިފަހަރުގެ ކޮންފަރެންސްގެ ތީމެއްގެ ގޮތުގައި ހަމަޖައްސާފައިވަނީ “ނިއު ޓްރެންޑްސް އިން ކޮމްބެޓިންގ ޓެރެރިޒަމް އެންޑް އެކްޓްރީމިޒަމް” އެވެ.

މި ކޮންފަރެންސްގައި ދުނިޔޭގެ އެކި ޤައުމުތަކުގެ ޕޮލިސް އެކަޑަމީތަކުގެ ތަރައްޤީއަށާއި ކުރިއެރުމަށް ކުރަމުންދާ މަސައްކަތަކާއި އެއެކަޑަމީތަކުން ހިންގާ ތަފާތު ތަމްރީނު ޕްރޮގްރާމްތަކާ ގުޅޭގޮތުން މެމްބަރު ޤައުމުތަކުގެ މެދުގައި މަޢުލޫމާތު ބަދަލުކުރުމުގެ އިތުރުން ކޮންފަރެންސް ތީމް އާގުޅޭގޮތުން މެމްބަރު ޤައުމުތަކުން ޕްރެޒެންޓޭޝަންތައް ހުށަހަޅައި ކަމާގުޅޭ މަޝްވަރާތައް ކުރުމަށްވަނީ ހަމަޖެހިފައެވެ.

އިންޓަނޭޝަނަލް އެސޯސިއޭޝަން އޮފް ޕޮލިސް އެކަޑަމީސް (އިންޓަޕާ) މެމްބަރު ޤައުމުތަކުގެ ތެރޭގައި ޔޫރަޕުގެ ޤައުމުތަކާއި އެފްރިކާ އާއި އުތުރު އެމެރިކާ އާއި ދެކުނު އެމެރިކާ އަދި މެދުއިރުމަތީގެ ޤައުމުތަކާއި އޭޝިޔާގެ ޤައުމުތައް ހިމެނެއެވެ.

ދިވެހި ފުލުހުންގެ އިންސްޓިޓިއުޓް ފޮރ ސެކިއުރިޓީ އެންޑް ލޯ އެންފޯސްމަންޓް ސްޓަޑީޒް (އައިލްސް) އަކީ 2013 ވަނަ އަހަރުން ފެށިގެން އިންޓަޕާގެ މެމްބަރެކެވެ. އަދި އައިލްސްއަކީ މިހާރު އިންޓަޕާގެ ދާއިމީ މެމްބަރުކަން ލިބިފައިވާ އިންސްޓިއުޓެކެވެ.

ކިޔުންތެރިންގެ ހިޔާލު