އިންޑިއާގައި މިއަދު ފާހަގަކުރަމުން އަންނަ 73 ވަނަ މިނިވަން ދުވަހުގެ ތަހުނިޔާ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ފޮނުއްވައިފިއެވެ.

ރައީސް މިއަދު ކުރެއްވި ޓުވިޓެއްގައި ވިދާޅުވެފައިވަނީ އިންޑިއާގެ މިނިވަން ދުވަހުގެ ތަހުނިޔާ އެގައުމުގެ ބޮޑުވަޒީރު ނަރެންދްރަ މޯދީ އާއި އެގައުމުގެ އެންމެހާ ރައްޔިތުންނަށް ދަންނަވާ ކަމުގައެވެ.

“އިންޑިއާ އަކީ އަޅުގަނޑުމެންގެ އަވައްޓެރިއެއް އަދި ގާތް އެކުވެރިއެއް. އިންޑިއާއި އެކު ގުޅުން ބަދަހިކޮށް އެކުގައި މަސައްކަތް ކުރާނަން.” ރައީސް ވިދާޅުވިއެވެ.

ރައީސް ސޯލިހު ވެރިކަމަށް ވަޑައިގެންނެވުމަށްފަހު ވަނީ ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި އިންޑިއާއި އޮތް ގުޅުން ކުޑަވެފައިވަނިކޮށް އެ ގުޅުން އަލުން ވަރުގަދަ ކޮށްފައެވެ.

އެގޮތުން ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ހުވާ ކުރެއްވުމުގެ ރަސްމިއްޔާތަށް މޯދީ އަށް ވަނީ ދައުވަތު އަރުއްވާފައެވެ. އަދި ގައުމުން ބޭރަށް ރައީސް ކުރެއްވި ފުރަތަމަ ދަތުރުފުޅުގައި ވެސް ވަޑައިގެންފައިވަނީ އިންޑިޔާއަށެވެ. ހަމަ އެގޮތުން ދެވަނަ ދައުރަކަށް މޯދީ ހޮވި ވަޑައިގެން ފުރަތަމަ ދަތުރުފުޅުގައި ވަޑައިގަތީ ރާއްޖެއަށެވެ.

ރައީސުލްޖުމްހޫރިއްޔާ ޕާކިސްތާނުގެ މިނިވަން ދުވަހުގެ ތަހުނިޔާ ފޮނުވާފައިވަނީ އެގައުމުގެ މިނިވަން ދުވަސް ނިމެން ކައިރިވެފައިވަނިކޮށް ކަން ގިނަ ބޭފުޅުންނަށް ފާހަގަވެ ފާޑުކިއުންވަނީ އަމާޒުވެފައެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. ސަންތިމަރިޔަބު

    އިންޑިޔާއިން ރާއްޖޭ ގެ މިނިވަން ދުވަހު ގެ ތަހްނިޔާއެއް ނުފޮނުވާ އެމީހުން ގަބޫލުކުރާ ގޮތުގާއި ރާއްޖެ އަކީ އިންޑިޔާގެ އަޅުވެތިކަމުގާއި އޮތް ގައުމެއް ތިކަން ހަދާން ނަށްތާލާ ﷲ އިރާދަކުރެއް ވިއްޔާ މިގައުމާއި ވާއިއެޅޭކަށް ވެސް ގެރިތަކަކަށް ނުކެރޭނެ ކިތަންމެ ބާރުގަދަޔަސް މިގައުމުގެ ރައްތުން ﷲ ގެ މަގުގާއި ސާބިތުވެތިބިހާހިދަކު ތިބާރު ވެރިކަމަކީ ކަހަރުވަކޭވެސް އަހަރެމެންގެ ހިތައް ނާރާނެ ހަމަ ހިނިއަންނަނީ