މާލޭގައި ހަފްތާއެއްގެ ތެރޭގައި ތިން ކުދިންނަށް ޓައިފޮއިޑް ހުން ޖެހިގެން ފަރުވާ ދީފައިވާކަމަށް ކުޑަކުދިންގެ ހާއްސަ ޑޮކްޓަރ، ޑރ އަޙްމަދު ފައިސަލް ވިދާޅުވެއްޖެއެވެ.

ހޫނު މޫސުމުގައި އިތުރުވާ މި ބަލި ރަށްފުށުގައި އާންމުވެފައިވާކަން ސިއްހީ މާހިރުން ވަނީ ވިދާޅުވެފައެވެ. ގަދަ ހުން ނުވަތަ ޓައިފޮއިޑް ހުމަކީ ޖަރާސީމަކުން ޖެހޭ ގައިންގަޔަށް އަރާ ބައްޔެކެވެ. އަދި އެދެވޭ ފަރުވާ ނުދެވިއްޖެނަމަ ފުރާނައަށްވެސް ނުރައްކާވާ ފަދަ ބައްޔެކެވެ.

ޓައިފޮއިޑް ހުން އާންމު ގޮތެއްގައި ޖެހެނީ ޒުވާނުންނާއި ސްކޫލަށް ދާ އުމުރުފުރާގެ ކުދިންނަށް ކަމަށްވާއިރު ސިއްހީ މާހިރުން ވިދާޅުވެފައިވަނީ ކޮންމެ މީހަކަށްވެސް މި ބަލި ޖެހިދާނެ ކަމަށެވެ. އެހެން ކަމުން ރައްކާތެރިވެ ތިއްބެވުމަށް ގޮވާފައިވެއެވެ.

ކުޑަކުދިންގެ ޑޮކްޓަރ، ޑރ އަޙްމަދު ފައިސަލް ވަނީ ޓައިފޮއިޑް ހުން ފެތުރޭތީ ކާބޯތަކެތި ބޭނުންކުރާއިރު، ރަގަޅަށް ރޯފިލުވައިގެން ބޭނުންކުރުމަށާއި އަތްދޮވެ، ސާފުކޮށް އަތް ގެންގުޅުމަށް އިލްތިމާސް ކުރައްވާފައެވެ.

ފައިސަލް ވަނީ ކާބޯތަކެތި ބޭނުން ކުރާއިރު ރަގަޅަށް ކައްކައިގެން ބޭނުން ކުރުމަށް އިލްތިމާސްކޮށްފައެވެ. ހާއްސަ ގޮތެއްގައި މަހާއި ބިސް ފަދަ ތަކެތި ކެއުމުގެ ކުރިން މިކަމަށް ސަމާލުވާން އެދިލައްވާފައެވެ.

މޭވާ ކާއިރު، ނޮޅައިގެން ކެވޭކަހަލަ ބާވަތްތަކުގެ މޭވާ ބޭނުންކުރުމާއި، މޭވާފަދަ ތަކެތި ބޭނުންކުރާއިރު ރަގަޅަށް ސާފު ފެނުން އަތްދޮވެ، މޭވާތައް ރަގަޅަށް ދޮންނަންޖެހޭ ކަމަށް ޑޮކްޓަރ ފައިސަލް ވިދާޅުވެއެވެ.

ރާއްޖޭގެ ރަށްތަކުން ޓައިފޮއިޑް ބަލި އެންމެ ގިނައިން މިހާތަށް ރިޕޯޓް ކޮށްފައިވަނީ ރ. އަތޮޅުންނެވެ. އެގޮތުން ބަލާއިރު މި ބަލީގެ 12 ކޭސް ވަނީ ރިޕޯޓްކޮށްފައެވެ. ދެވަނައަށް އެންމެ ގިނައިން 11 ކޭސް ރިޕޯޓްކޮށްފައިވަނީ ޅ. އަތޮޅުންނެވެ. އަދި ހދ. އަތޮޅުން ޓައިފޮއިޑް ހުމުގެ 10 ކޭސް ރިޕޯޓްކޮށްފައިވާއިރު އައްޑޫ ސިޓީން ވަނީ 9 ކޭސް ރިޕޯޓްކޮށްފައިކަމަށް ހެލްތް ޕްރޮޓެކްޝަން އެޖެންސީގެ ތަފާސްހިސާބުތަކުން ދައްކައެވެ.

މިދިޔަ އަހަރު ޓައިފޮއިޑްހުން ޖެހިގެން ޖުމްލަ 58 ކޭސް ރިޕޯޓްކޮށްފައިވެއެވެ. އެއީ މާލެއިން 4ކޭސް އަދި އަތޮޅުތަކުން 54 ކޭސްއެވެ.

ޓައިފޮއިޑްހުމުގެ އަލާމާތްތަކަށް ބަލާއިރު ހިމެނެނީ ވަރުބަލިވުން، ބަނޑާއި ބޮލުގައި ރިއްސުން، ހޮޑުލެވުން އަދި ދިޔާކޮށް، ގިނައިން ބޮޑުކަމުދެވުމެވެ. އަދި ބައެއް ފަހަރު ގައިން ރަތް ފިތްތަކެއް ނެގުން ހިމެނެއެވެ. ޖަރާސީމަކުން ޖެހޭ މި ބައްޔަކީ މެހީގެ ސަބަބުން ފެތުރޭ ބައްޔެކެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. ކެޔޮޅު

    ސަރުކާރު ޱައިފޮއިޑު ހުންޖެހުނީމާ ދެންކާކައްއޮތީ ޱައިފޮއިޑުގެ ރައްކާތެރިކަމެއް؟