ކ،ހިންމަފުށީ ނަރުދަމާ ނިޒާމުގެ އަމަލީ މަސައްކަތް ފަށައިފިއެވެ.

އެކަށީގެންވާ ބޯފެނާއި ނަރުދަމާގެ މަސައްކަތް އެންމެހައި ރައްޔިތުންނަށް ފޯރުކޮށްދިނުމަށް ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުން ގެންގުޅުއްވާ ސިޔާސަތުގެ ދަށުން ހިންމަފުށީގެ ނަރުދަމާގެ އަމަލީ މައްސަކަތް މިއަދު ފައްޓަވާދެއްވީ އެކަމަށްޓަކައި މިއަދު އެ ރަށުގައި ބޭއްވި ހާއްސަ ރަސްމިޔާތެއްގައި އެންވަޔަރަމެންޓް މިނިސްޓަރ ތޯރިގް އިބްރާހިމް އެވެ.

ހިންމަފުށީ ނަރުދަމާ ނިޒާމުގެ އަމަލީ މަސައްކަތް ފެށުމުގެ ރަސްމިއްޔާތުގެ ތެރެއިން - ވަގުތު އިމޭޖެސް: އަޝްހާދު އަބްދުﷲ

މި މަޝްރޫއު ފެއްޓުމުގެ ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން މިނިސްޓަރ ތޯރިގް ވިދާޅުވީ ހިންމަފުއްޓަކީ މާލޭގެ ގިނަ ބަޔަކު ޒިޔާރަތް ކުރާ މާލޭ އާއި ކައިރި އިންޑްސްޓްރިއަލް ރަށެށް ކަމަށާއި ހިންމަފުށްޓަކީ އެހެން އެއްވެސް ސަރުކާރެއްގައި އެއްވެސް ވަރަކަށް އަޅާލެވިފައި ވާ ރަށެއް ނޫން ކަމަށެވެ.

"ފެނާއި ނަރުދަމާގެ މަސައްކަތް ކުރަން ދަންނަ ޓީމެއް މިއަދު ރައީސް ޔާމީން އާއެކު މިތިބީ. އިރާދަކުރެއްވިޔާ ރައީސް ޔާމީނުގެ މާލިމީ ކަމުގެ ދަށުގައި މި ކަހަލަ ތަރައްގީ ހިންމަފުށްޓަށް ވެސް ވާނެ އަދި ރާއްޖޭގެ އެހެން ރަށް ރަށަށް ވެސް ވާނެ " މިނިސްޓަރ ތޯރިގް ވިދާޅުވިއެވެ.

ހިންމަފުށީ ނަރުދަމާ ނިޒާމުގެ އަމަލީ މަސައްކަތް ފެށުމުގެ ރަސްމިއްޔާތުގެ ތެރެއިން - ވަގުތު އިމޭޖެސް: އަޝްހާދު އަބްދުﷲ

މިނިސްޓަރ ތޯރިގް ވިދާޅުވީ ފެނާއި ނަރުދަމާގެ މައްސަކަތަކީ ރައްޔިތުންނަށް ވަރަށް މުހިންމު މަސައްކަތެއް ކަމަށާއި އެގޮތުން ގިނަ ރަށް ރަށުގެ ފެންފަށަލަ ވަނީ ހަލާކުވެ އަދި ބައެއް ރަށް ރަށުގެ ފެންފަށަލަ ދަނީ ހަލާކުވަމުން ކަމަށެވެ.

"ގިނަ ރަށްރަށުގެ ވަޅުފެނެއް ބޭނުމެއް ނުކުރޭ ޒަރޫރީ ބޭނުންތައް ފުއްދަން. ގިނަ ރަށްރަށް އޮތީ ސިއްހީ ގޮތުން ވަރަށް ނާޒުކު ފައްތަރެއްގައި" މިނިސްޓަރ ވިދާޅުވިއެވެ.

ހިންމަފުށީ ނަރުދަމާ ނިޒާމުގެ އަމަލީ މަސައްކަތް ފެށުމުގެ ރަސްމިއްޔާތުގެ ތެރެއިން - ވަގުތު އިމޭޖެސް: އަޝްހާދު އަބްދުﷲ

ހިންމަފުށީގެ ނަރުދަމާގެ އަމަލީ މަސައްކަތް ކުރިއަށް ގެންދަނީ މިނިސްޓްރީ އޮފް އެންވާރަމެންޓުން ސިއޭރާ ކޮންސްޓްރަކްޝަން ޕްރައިވެޓް ލިމިޓެޑާއި ހަވާލުކޮށްގެންނެވެ.މި މަޝްއޫއަކީ އައި.ޑީ.ބީ ގެ ލޯނު އެހީއާއި ސަރުކާރުގެ ބަޖެޓުން ކުރިއަށް ގެންދާ މަޝްރޫއެކެވެ.

މިޝްރޫއޫގެ ޖުމުލަ އަގަކީ 45,028,262.88 މިލިއަން ރުފިޔާއެވެ. މި މަޝްރޫއު ނިންމަން ކަނޑައެޅިފައިވާ ތާރިހަކީ އެއްބަސްވުމުގައި ސޮއިކުރި ތާރީހުން ފެށިގެން 468 ދުވަހުގެ ތެރޭގައިއެވެ.

ހިންމަފުށީ ނަރުދަމާ ނިޒާމުގެ އަމަލީ މަސައްކަތް ފެށުމުގެ ރަސްމިއްޔާތުގެ ތެރެއިން - ވަގުތު އިމޭޖެސް: އަޝްހާދު އަބްދުﷲ

މި މަޝްރޫއުގެ ދަށުން ކ. ހިންމަފުށީގެ ނަރުދަމާ ވިއުގަ ގާއިމު ކުރުމާއި ސްވަރޭޖް ޓްރީޓްމަންޓް ޕްލާންޓް ގާއިމު ކުރުމާއިއެކު މި ނިޒާމު ހިންގާ އެޑްމިނިސްޓްރޭޓިވް ބިލްޑިން ގާއިމު ކުރުން ހިމެނެއެވެ.