ދެމެހެއްޓެނިވި ގޮތުގައި ދަނޑުވެރިކަމުގެ އުފެއްދުންތައް ދިވެހިރާއްޖޭގައި ކުރިއެރުވުމަށްޓަކައި، ޕެސްޓިސައިޑްސް ބިލު ރައްޔިތުންގެ މަޖިލީހަށް ހުށަހެޅުމަށްޓަކައި ސަރުކާރުން ފޮނުވާފައިވާ ކަމަށް ރައީސް އޮފީހުން ވިދާޅުވެއްޖެއެވެ.

ރައީސް އޮފީހުން މިއަދު ވިދާޅުވީ މިފަދަ ބިލެއް ސަރުކާރުން ހުށަހެޅުއްވީ، ޕެސްޓިސައިޑްގެ ގޮތުގައި ބޭނުންކުރާ ބާވަތްތައް ދަނޑުވެރިކަމުގައި ބޭނުންކުރުމާއި، ދިވެހިރާއްޖޭގައި ޕެސްޓިސައިޑް އުފެއްދުމާއި ދިވެހިރާއްޖެއަށް ޕެސްޓިސައިޑް އިމްޕޯޓުކުރުމާއި އެކްސްޕޯޓުކުރުމާއި ވިއްކުމާއި ބޭނުންކުރުމާއި ނައްތާލުމާބެހޭ އުޞޫލުތައް ކަނޑައެޅުމުގެ އިތުރުން ޕެސްޓިސައިޑް ބޭނުންކުރުމުގައި އާންމު ސިއްޙަތާއި، ތިމާވެއްޓަށް ގެއްލުން ލިބޭ ގޮތަށް ކުރާ ޢަމަލުތައް ބަލައި ފިޔަވަޅުއެޅުމާއި، ޕެސްޓިސައިޑާ ގުޅޭ ސިޔާސަތުތަކާއި، އުޞޫލުތައް ބަޔާންކުރުމަށްޓަކައި އެކުލަވާލަންޖެހޭ ޤާނޫނީ އޮނިގަނޑު އެކުލަވާލުމަކީ ކޮންމެހެން ބޭނުންތެރި ކަމެއްކަމުގައި ސަރުކާރަށް ފެނިވަޑައިގަންވާތީއެވެ.

މި ބިލު ޤާނޫނަކަށް ވުމުން، ޕެސްޓިސައިޑާ ބެހޭ ކަންތައްތައް އެންމެ ރަނގަޅު ފެންވަރެއްގައި ބެލެހެއްޓުމަށްޓަކައި ޒިންމާވާނެ ޕެސްޓިސައިޑާބެހޭ ޔުނިޓެއް، ދިވެހިރާއްޖޭގައި ދަނޑުވެރިކަމާބެހޭ ކަންކަން ހިންގުމުގެ މަސްއޫލިއްޔަތު ޙަވާލުކޮށްފައިވާ ސަރުކާރުގެ ވުޒާރާގައި ޤާއިމުކުރެވި، މި ޔުނިޓުގެ މަސައްކަތްތައް ވަކިވަކިން ބަޔާންކުރެވިގެންދާނެ ކަމަށް ރައީސް އޮފީހުން ވިދާޅުވީ

މީގެއިތުރުން ޕެސްޓިސައިޑުގެ ސަބަބުން ދިމާވެދާނެ ނުރައްކަލަކުން ރައްކާތެރިކުރުމުގެ ގޮތުން އަޅަންޖެހޭ ސަލާމަތީ ފިޔަވަޅުތައް ކަނޑައަޅައި ތަންފީޛުކުރުމާއި، ޕެސްޓިސައިޑް ތަޙްލީލު ކުރުމަށްޓަކައި ރަސްމީ ލެބޯރޓަރީތައް ޤާއިމްކުރެވިގެންދާނެ ކަމަށާއި އަދި ޕެސްޓިސައިޑްގެ ވިޔަފާރި މޮނިޓަރކޮށް ކަމާގުޅޭ ތަފާސްހިސާބު އެއްކޮށް އިވެލުއޭޓްކުރުމާ ބެހޭ ކަންކަމާއި ގުޅޭ ތަފްސީލުތައް ވެސް ބަޔާންކުރެވިގެންދާނެ ކަމަށް ވެސް ރައީސް އޮފީހުން ވިދާޅުވިއެވެ.

ރައީސް އޮފީހުން ވިދާޅުވީ މި ބިލު ޤާނޫނަކަށް ވުމުން، މި ބިލުގައި ބަޔާންކޮށްފައިވާ ޤާނޫނާ ޚިލާފުކަންކަން ކުރަމުންދާ ފަރާތްތަކާ މެދު އަދަބެއްގެ ގޮތުން 5000 ރ (ފަސް ހާސް ރުފިޔާ) އާއި 100000ރ (އެއްލައްކަ ރުފިޔާ) އާއި ދޭތެރޭގެ އަދަދަކުން ޖޫރިމަނާ ކުރުމުގެ އަދަބު ކަނޑައެޅިގެންދާނެއެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. ކަހަނބު ވިތްޓޯ ޓޯ

    ރައިސް ނަޝީދުގެ ކުއްޅަވައްދަނޑު މިހާރުކޮބައިތަ .ގަރުދިޔަ ފެކްޓަރީ ވީ ތަނެއްވެސް ނޭގެ

  2. މާރުކެޓު

    ދެން ކިހިނެއް ކަނޑޫދޫ މިރުސް ކާނީ...! ޝީޓް