ވެހިކަލްތަކުގައި ސްޓިކާ ޖެހުން އިތުރުވެފައި ވާތީ ޓްރާންސްޕޯޓް މިނިސްޓަރ އައިޝަތު ނަހުލާ އާއި ރައްޔިތުންގެ މަޖިލީހުން ސުވާލުކުރިތާ ހަފްތާއެއް ނުވަނީސް ވެހިކަލްތަކުގައި ސްޓިކާ ޖެހުން ފުލުހުން އާދަޔާއި ހިލާފަށް މަދުކޮށްފިއެވެ.

ފުލުހުން މިއަދު އާއްމުކުރި ތަފާސް ހިސާބުތަކުން ދައްކާ ގޮތުގައި މިދިޔަ މަހު ޤަވައިދާއި ހިލާފަށް ޕާކް ކުރުމުން ޖަހާފައި ވަނީ އެންމެ 90 ސްޓިކާ އެވެ.

ނަމަވެސް ސްޓިކާ ޖެހުން މަދުވީ ކީއްވެ ކަމެއް ފުލުހުން ސާފުކޮށެއް ނުދެއެވެ. މިދިޔަ ހަފްތާ އަކީ ޢީދު ބަންދުކަމުން ޤަވައިދާއި ހިލާފަށް ޕާކް ކުރި ވެހިކަލްތަކުގެ އަދަދު މަދުވީކަމެއް ނުވަތަ ފުލުހުން ސްޓިކާ ޖެހުން މަދުކުރީ ކަމެއް އަދި ސާފެއް ނުވެއެވެ.

މިދިޔަ ހަފްތާގައި މާލޭ ސަރަހައްދުގައި ހިނގި އެކްސިޑެންޓްތައް ވެސް ވަނީ މަދުވެފައެވެ. މިދިޔަ ހަފްތާގައި ހިނގާފައި ވަނީ 31 އެކްސިޑެންޓެވެ.

ސްޓިކާ ޖެހުން ހުއްޓާލުމަކީ ރައީސް އިބްރާހިމް މުހައްމަދު ޞާލިހްގެ ސަރުކާރުގެ ސަތޭކަ ދުވަހުގެ ވަޢުދެކެވެ. ވެރިކަމާއި ރައީސް ޞާލިހް ހަވާލުވި ފުރަތަމަ ދުވަސްކޮޅުގައި ސްޓިކާ ޖެހުން ހުއްޓާލި ނަމަވެސް، ސްޓިކާ ޖެހުން ހުއްޓާލިތާ މަހެއްހާ ދުވަސް ފަހުން ފުލުހުން ވަނީ އަލުން ސްޓިކާ ޖަހަން ފަށާފައެވެ.

ޖުލައި މަހު ކުރީކޮޅު އޮތް ނޫސްވެރިންގެ ބައްދަލުވުމެއްގައި ރައީސް ޞާލިހް ވިދާޅުވީ މި ސަރުކާރު އައި ފަހުން ޕާކް ކުރުމަށް "ގިނަ ތަންތަން ދެވިއްޖެ" ކަމަށެވެ. "ސްޓިކާރ ތިޔަޖަހާ މައްސަލަ އަޅުގަނޑު ސީރިއަސްކޮށް ބަލާނަން އިނގޭތޯ" ނޫސްވެރިންގެ ބައްދަލުވުމުގައި ރައީސް ޞާލިހް ވިދާޅުވިއެވެ.

ޓްރާންސްޕޯޓް މިނިސްޓަރ އައިޝަތު ނަހުލާ ދާދިފަހުން ވިދާޅުވީ ވެހިކަލްތަކުގައި ސްޓިކާ ޖަހަނީ ޕާކް ކުރާނެ ތަންތަން ދެއްކުމަށް ފަހުގައި ކަމަށެވެ.

މިސަރުކާރު އައި ފަހުން ޕާކް ކުރުމަށް ގިނަ ތަންތަން ދެވިއްޖެ ކަމަށް ރައީސް ޞާލިހް އާއި މިނިސްޓަރ ނަހުލާ ވިދާޅުވި ނަމަވެސް މިސަރުކާރު އައި ފަހުން މަސައްކަތް ނިންމާ، ހުޅުވާފައި ވަނީ އެންމެ ދެ ޕާކިން ޒޯނެވެ.

ޕާކް ކުރާނެ ޖާގަ ނުދައްކާ ސްޓިކާ ޖެހުމަކީ އާއްމުންގެ ވަރަށް ބޮޑު ޝަކުވާއެކެވެ. ސަރުކާރަށް އަށް މަސް ދުވަސް ވެގެން ދިޔައިރު ވެސް ޕާކިންގެ މައްސަލަ ހައްލު ކުރުމަށް މާބޮޑު މަސައްކަތެއް ކުރެވިފައެއް ނުވެއެވެ.