ރާއްޖޭގެ ހަތަރު ރަށެއްގެ މަޝްރޫއުތައް ހިންގަން ފައިސާގެ އެހީ ހޯމް މިނިސްޓްރީން ދީފިއެވެ.

އއ.ހިމަންދޫ ކައުންސިލާއި، ނ.ހޮޅުދޫ ކައުންސިލާއި، ތ.ވިލުފުށި ކައުންސިލާއި، ނ.ކުޑަފަރީގައި މަޝްރޫއުތައް ހިންގުމަށް މިހާރު އެރަށު ކައުންސިލްތަކާއި ވަނީ އެއްބަސްވުންތަކުގައި ސޮއިކޮށްފައެވެ.

ކުޑަފަރި ކައުންސިލަށް ފައިސާ ހަވާލުކުރުމުގެ އެއްބަސްވުމުގައި ސޮއިކުރީ މަގުބައްތި ޖެހުމަށެވެ. މިއެއްބަސްވުމުގެ ދަށުން މިނިސްޓްރީން ދިނުމަށް ހަމަޖެހިފައިވަނީ 300،00 (ތިންލައްކަ ރުފިޔާ) އެވެ. ކުޑަފަރި ކައުންސިލުން ހަރަދު ކުރަނީ 251،642.00 (ދެލައްކަ ފަންސާސް އެއްހާސް ހަސަތޭކަ ސާޅީސް ދެ ރުފިޔާ) އެވެ.

ވިލުފުށި ކައުންސިލަށް ފައިސާގެ އެހީތެރިކަން ފޯރުކޮށްދެނީ ކުޑަކުދިންގެ ޕާކެއް އަޅާށެވެ. މި މަޝްރޫއަށް މިނިސްޓްރީން ހަރަދުކުރަނީ 289،131.15 ރުފިޔާ އެވެ. އަދި އެ ރަށު ކައުންސިލުން 170،000.00 ހަރަދުކުރާނެއެވެ.

ނ. ހޮޅުދޫ ކައުންސިލަށް ފައިސާގެ އެހީތެރިކަން ފޯރުކޮށްދެނީ ކޮމިއުނިޓީ ޕާކެއް އެޅުމަށެވެ. އެމަޝްރޫއަށް މިނިސްޓްރީން ހަރަދުކުރަނީ 284،450.00 ރުފިޔާ އެވެ. ހޮޅުދޫ ކައުންސިލުން 216،000.00 ރުފިޔާ މި މަޝްރޫއަށް ހަރަދުކުރާން ނިންމާފަވެ އެވެ.

ހިމަންދޫގައިވެސް ކުޑަކުދިންގެ ޕާކެއް އަޅަން ހޯމް މިނިސްޓްރީން ވަނީ އެހީ ދިނުމުގައި ސޮއިކޮށްފައެވެ. އެ މަޝްރޫއަށް މިނިސްޓްރީން ދޭން ހަމަޖެހިފައިވަނީ 300،000.00 ރުފިޔާއެވެ. ހިމަންދޫ ކައުންސިލުން 502،000.00 ރުފިޔާ މި މަޝްރޫއަށް ހަރަދުކުރާނެއެވެ.

މިމަޝްރޫއުގެ ދަށުން 17 ރަށަކަށް އެހީ ދިނުމަށް ވަނީ ހަމަޖެހިފައެވެ. އެއީ ޕާރކް ހެދުމަށް 6 ރަށަކަށް، މަގުބައްތި ޖެހުމަށް 6 ރަށަކަށް، ޤަބުރުސްތާން ވަށާފާރު ރޭނުމަށް 4 ރަށަކަށް އަދި ނެރުބައްތި ޖެހުމަށް 1 ރަށަށެވެ. ރަށްތައް ކަނޑައެޅީ ޢާއްމުކޮށް ހުޅުވާލައި، ކައުންސިލް ތަކުން ހުށައެޅި ޕްރޮޕޯސަލްތައް ބެލުމަށްފަހު އެންމެ ރަނގަޅު ޕްރޮޕޯސަލް ހުށައެޅި ރަށްތައް ބަލައިގެން ކަމަށް ހޯމް މިނިސްޓްރީން ވަނީ ބުނެފައެވެ.