ހުޅުމާލޭގައި ޕާކިން ޖާގަ ހުރި ތަންތަނަށް ވެހިކަލް ރަޖިސްޓްރީ ކޮށްދިނުން ހައުސިން ޑިވެލޮޕްމެންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން މަޑުޖައްސާލައި އޮތުމަށްފަހު އަލުން ހުއްދަ ދޭން ނިންމައިފިއެވެ.

އެޗްޑީސީން ވަނީ މިދިޔަ މެއި މަހުގެ ފަހުކޮޅު ވެހިކަލް ރަޖިސްޓްރީ ކުރަން އިތުރު ޕާކިން ސަރަހައްދުތަކެއް ކަނޑައެޅެންދެން މަޑުޖައްސާފައެވެ. އޭރު އެޗްޑީސީން ހަމަޖައްސާފައިވަނީ ހުޅުމާލޭގައި ވެހިކަލް ރަޖިސްޓްރީ ކުރެވޭނީ ގަރާޖު ހަދާފައިވާ ތަންތަނުގައި އެކަނި ކަމަށެވެ.

އެ ކޯޕަރޭޝަނުން މިމަހުގެ ހަތްވަނަ ދުވަހު ނެރުނު އިއުލާނުގައި ބުނެފައިވަނީ ގޯތި، ރޯހައުސް، މިކްސްޑް އަދި ޕިޔޯ ރެސިޑެންޓް ފްލެޓްތަކުގެ ތެރެއިން ގަރާޖު ހަދާފައިވާ އިމާރާތް އަދި ފްލެޓް އިމާރާތުން ޕާކުކުރުމުގެ ޖާގަ ކަށަވަރުވެފައިވާ ތަނެއް ނަމަ، އެތަނުގެ ވެރިފަރާތް ނުވަތަ ފްލެޓް ވިއްކުމުގެ އެގްރިމަންޓް ހަދާފައިވާ ފަރާތްތަކުން އެހެން ފަރާތަކަށް ޕާކިން ޖާގަ ދޫކުރަން އެދޭ ނަމަ ދެ ފަރާތުން ވެފައިވާ އެއްބަސްވުމުގެ ކޮޕީއެއް ހުށަހެޅުމުން އެ ފަރާތެއްގެ ނަންމަތީގައި ރަޖިސްޓްރީކުރުމުގެ ހުއްދަ ދޫކުރެވޭނެ ކަމަށެވެ.

އެހެންނަމަވެސް ކުރިއެކޭ އެއްގޮތަށް ގަރާޖު ނެތް ތަންތަނަށާއި ރަޖިސްޓްރީ ބާތިލުކުރުމަށްފަހު އޭގެ ބަދަލުގައި އާ އުޅަނދެއް ގެންނަ ނަމަ ހުއްދަ ދޫކުރަން ނިންމާފައިވާ އުސޫލަށް ބަދަލެއް ނުގެންނަ ކަމަށް ވެސް އެޗްޑީސީގެ އިއުލާނުގައި ބުނެފައިވެއެވެ.

ހުޅުމާލެއަކީ ބްރިޖް އެޅުމުގެ ކުރިން ޕާކިން ހުސް ޖާގަ އޮންނަ ތަނެކެވެ. އެހެން ނަމަވެސް ބްރިޖް ހުޅުވުމާއެކު މި ޖާގަތަށް ވަނީ ފުރިފައެވެ.