ހައްޖުގެ މާތް އަޅުކަމަށްފަހު އެނބުރި ވަޑައިގަންނަވާއިރު، ބަލިވެ އުޅުއްވާނަމަ، ބަލި ހާލަތު އިތުރަށް ގޯސްވެދާނެ ކަމަށްޓަކައި ހައްޖާޖީންނާއި، އާއިލާއިން ސަމާލުވެ ވަޑައިގަތުމަށް ހެލްތް ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ) އިން އިލްތިމާސް ކޮށްފިއެވެ.

އެޗްޕީއޭ އިން ވިދާޅުވީ، އަރިދަފުސް ރޯގާ އަދި ވައިރަލް ހުމުން ރައްކާތެރިވުމަށް ކެއްސާ ކިނބިހި އަޅާވަގުތުތަކުގައި އަނގަމަށްޗާއި ނޭފަތް މަތި ކުޑަ ރުމާލަކުން ނިވާ ކުރުމާއި ޓީޝޫ ފަދަ ތަކެތި ބޭނުން ކޮށްފައި ރައްކާތެރިކަމާއެކު ނައްތާލުން ހިމެނެއެވެ. އަދި އާންމު ސާފުތާހިިރު ކަމަށް ބެލުން ހިމެނެއެވެ. ރޯގާ ޖެހި ކެއްސާނަމަ މީހުން އެއްވެ އުޅޭ ތަންތަނަށް ކުޑަކުދިން ނުގެންދިއުމަށް އެޗްޕީއޭ އިން ވަނީ އިލްތިމާސްކޮށްފައެވެ.

ހުން އަދި އަރިދަފުސް ރޯގާ ޖެހިއްޖެނަމަ ގޭގައި ދެވިދާނެ ބައެއް ފަރުވާތަކަށް ބަލާއިރު ގިނަގިނައިން ދިޔާ ތަކެތި ބޭނުން ކުރުން، އަރާމުކުރުން، ކަޅުސައި، ލުނބޯ، އިނގުރު އަދި މާމުއި ފަދަ ބުއިންތަށް ބޭނުން ކުރުން، ހުންގަދަ ވެއްޖެނަމަ ގައިގައި ފެން ހޭކުން އަދި ޕެރެސެޓެމޯލް ފިޔަވައި އެހެން ބޭހެއް ޑޮކްޓަރެއްގެ މަޝްވަރާޔާ ނުލާ ބޭނުން ނުކުރުން ހިމެނެއެވެ.

ހައްޖުވެރިން ހައްޖުން އަންނަތާ 14 ދުވަސް ތެރޭ ހުންއައިސް، ކެއްސާ، ނޭވާލާން އުނދަގުވެ އެހެން އިތުރު ބަލިމަޑުކަމެއްގެ އަލާމާތެއް ފެންނަނަމަ ލަސްނުކުރައްވާ ޑޮކްޓަރަކަށް ދެއްކެވުމަށް އެ އޭޖެންސީއިން ވަނީ އިލްތިމާސް ކޮށްފައެވެ. އަދި ޑޮކްޓަރަށް ދައްކަވާއިރު އެބޭފުޅަކީ ހައްޖުން ނުވަތަ އުމުރާއިން އެނބުރި އައި މީހެއްކަމުގެ މައުލޫމާތު ދިނުމަށްވެސް ވަނީ އިލްތިމާސް ކުރައްވާފައެވެ.