ރައްޔިތުންގެ މަޖިލީހަށް ހުށަހެޅިފައިވާ ކަންތައްތައް އަވަހަށް ނިންމަން މަޖިލީހުގެ "ސްޕީޑް ބާރުކޮށްލަން" މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ނިންމަވައިފިއެވެ.

މިއަދުގެ ޖަލްސާ ފައްޓަވަމުން ނަޝީދު ވިދާޅުވީ ސަރުކާރުގެ ފަރާތުން ހުށަހަޅާފައިވާ ބިލްތައް ނިންމުމަށް މިރޭގެ އިތުރުން މިހަފްތާގެ ބުރާސްފަތި ދުވަހާއި އަންނަ ހަފްތާގެ އާދިއްތަ ދުވަހު ވެސް ރައްޔިތުންގެ މަޖިލީހުގެ ޖަލްސާ ބޭއްވުމަށް ނިންމާފައިވާ ކަމަށެވެ.

ނަޝީދު ވިދާޅުވީ ކުރިއަށް އޮތް ދެ ހަފްތާގެ ތެރޭގައި ކުރަން ހުރި މަސައްކަތްތައް ވަރަށް ގިނަ ކަމަށާއި ކުރިއަށް އޮތް ދެ ހަފްތާ ތެރޭ މިހާރު ހުށަހެޅިފައި ހުރި ބިލްތައް ނިންމަން ޖެހޭ ކަމަށެވެ.

"އަޅުގަނޑުގެ އަމާޒަކީ ސަރުކާރުގެ ފަރާތުން ހުށަހަޅާފައިވާ ހަ ބިލް ވެސް ކުރިއަށް މި އޮތް ދެ ހަފްތާގެ ތެރޭގައި ނިންމާ އެ ހަ ބިލް ތަސްދީގް ކުރުމަށް ފޮނުވޭ މިންވަރަށް އަޅުގަނޑުމެނަށް މަސައްކަތް ކުރިއަށް ގެންދިޔުން،" ނަޝީދު ވިދާޅުވި އެވެ.

މަސްވެރިކަމާ ގުޅޭ ގޮތުން ހުށަހަޅާފައިވާ ބިލަކީ މި ދައުރުގައި ކުރާނެ އެންމެ މުހިއްމު މަސައްކަތް ކަމަށް ވިދާޅުވެ ނަޝީދު ވިދާޅުވީ މިރޭ ޖަލްސާ ބާއްވަނީ އެ މަސައްކަތް އަވަސް ކުރުމަށް ކަމަށެވެ.

މަޖިލީހުގެ ގަވާއިދުގައިވާ ގޮތުން ޖަލްސާތައް ބާއްވަން ޖެހެނީ ހޯމަ އަންގާރަ އަދި ބުދަ ދުވަހު އެވެ. ނަމަވެސް އިތުރު ޖަލްސާތައް ބޭއްވުމުގެ ބާރު މަޖިލީހުގެ ރައީސްއަށް އޮވެ އެވެ.

މަޖިލީހުން ފަހަކަށް އައިސް ގިނަ ޖަލްސާތަކެއް ބެއްވި ނަމަވެސް ގިނަ ޖަލްސާތަކުގައި ބަހުސް ކޮށްފައި ވަނީ ޤަރާރުތަކަކަށް ކަމަށް ވާތީ އެއީ ނަތީޖާ އެއް ނެރެވުނު މަސައްކަތްތަކަކަށް ނުވެއެވެ.

ކިޔުންތެރިންގެ ހިޔާލު

5 ކޮމެންޓް

  1. ބެއްޔާ

    ކޮންމަސައްކަތެއް. އައްނިއަށް ވެރިކަން އަވަހަށް ހޯދަދޭން ކުރާމަސައްކަތް ލަސްވެގެންތަ. ރައްޔިތުންނަށްޓަަކައި ޤާނޫނު ފާސްކުރެވޭނީ ތަރައްޤީޢަށް މަސައްކަތެއްކޮށްގެންތާ. ދެންމަޖްލިހުން ކުރާނެ މަސައްކަތެއްނުވިސްނުނު. ހަމައެކަނި އޮތީ އައްނިއަށް ވެރިކަންލިބޭގޮތަށް ކަންތައްތައް ފަހިކުރުމުގެ މަސައްކަތް ފަހިކުރުން.

  2. ކާފަދ

    މުދައްރިސް ބުނާހާގޮތެއް ދަރިވަރުން ހަދަންޖެހޭނީ. ނޫނީ ކްލާހަށް ނުވައްދާނަން

    8
    1
  3. މުހައްމަދު

    ބޭކާރު ތަނެއް.
    ރާއްޖޭގެ ޅަދަރިންގެ ކުރިމަގު ހަލާކުކުރާތަނެއް.

  4. ޙަރީބު

    ސަރުކާރެއް ހިންގަން ރައްޔިތުން ހަވާލުކުރީމާ އެކަން ނުވެ ފިލިމީހާ އަށް ތިކަން ވާނެބާ

  5. ޙ

    މަސް ދުވަސް ވީ އިނފޮމޭޝަން ކޮމިޝަނަރުގެ މަގާމަށް މީހަކު ހަމަ ނުޖެއްސިގެން އުޅޭތާ . ތިޔަހުރީ މަޖިލިސް ހިންގިފަ. ގާނޫނީ ހުސްކަމޭ ކިޔަމުން ދުވި މީހުންތަށް ކޮބައިތަ؟