ސަފާރީއަކުން، ކަނޑޫމާ ތިލައަށް ޑައިވިންގއަށް ފޭބިތަނުން އިއްޔެ ގެއްލުނު އަންހެން ފަތުރުވެރިޔާ އަދިވެސް ނުފެންނަ ކަމަށް އެމްއެންޑީއެފް އިން ވިދާޅުވެއްޖެއެވެ.

އެމްއެންޑީއެފްގެ ތަރުޖަމާން މޭޖަރ އިބްރާހިމް އާޒިމް ވިދާޅުވީ ފަތުރުވެރިޔާ ހޯދުމުގައި އެމްއެންޑީއެފް ކޯސްޓްގާޑްގެ ޑައިވަރުން ދަނީ މިއަދު ވެސް ހަރަކާތްތެރިވަމުން ކަމަށެވެ.

އެމްއެންޑީއެފް އިން އިއްޔެ ވިދާޅުވީ، އެ ފަތުރުވެރިޔާއަކީ "އޯސީއޭ އެމް7 އެސް"ނަމަކަށް ކިޔާ ސަފާރީއަކުން ޑައިވިންގއަށް ފޭބި ފަތުރުވެރިއެއް ކަމަށެވެ.

އޭނާ ގެއްލިގެން އެމްއެންޑީއެފްއަށް ރިޕޯޓްކޮށްފައި ވަނީ، އިއްޔެ މެންދުރު 13:09 ހާއިރުއެވެ. އޭނާ ޑައިވިންގއަށް ފޭބީ 22 މީހުން ހިމެނޭ ގުރުޕަކާއެކުގައި ކަމަށް އެމްއެންޑީއެފް އިން ވިދާޅުވިއެވެ.

އެމްއެންޑީއެފް އިން ވިދާޅުވީ، އއޭނާ އެންމެ ފަހުން ލައިގެން ހުރީ ހުދުކުލައިގެ ރޭޝްގާޑް ސޫޓެއް ކަމަށެވެ، ހުދު ކުލައިގެ ފިންސަކަށް އަރާފައިވާއިރު، ކަޅުކުލައިގެ ބައޮންސީ ކޮންޓްރޯލް ޑިވައިސް (ބީސީޑީ) އެއް މީނާ އަޅައިގެންހުރި ކަމަށް އެމްއެންޑީއެފްއަށް މަޢުލޫމާތު ލިބިފައިވާކަމަށް ވިދާޅުވިއެވެ.

އޭނާ އާއި ބެހޭ އެއްވެސް މަޢުލޫމާތެއް ލިބޭތޯ އެސަރަހައްދުން ދަތުރުކުރާ ފަރާތްތަކުން ބަލައި ދިނުށާއި އަދި އެ މީހާ ބެހޭ އެއްވެސް މަޢުލޫމާތެއް ލިބިއްޖެނަމަ ލަސްނުކޮށް އެމްއެންޑީއެފް ކޯސްޓްގާޑްގެ ހިލޭ ގުޅޭނަމްބަރު 191 ގުޅުމަށް އެމްއެންޑީއެފް އިން ވަނީ އެދިފައެވެ.