އުމުރުން 20 އަހަރުގެ މޭސަން މައުންޓަކީ ޗެލްސީގެ އުފެއްދުމެކެވެ. މީގެ ދެތިން އަހަރު ކުރިން ސީނިއާ ޓީމުގައި އޭނާ ހިމެނިފައިވީ ނަމަވެސް، އާންމުކޮށް ސީޒަންތައް ހޭދަކުރަނީ ލޯންގައެވެ. މިދިޔަ ސީޒަންގައިވެސް މޭސަން މައުންޓް ހޭދަކުރީ ލޯން އެއްބަސްވުމެއްގެ ދަށުން ދެވަނަ ޑިވިޝަންގެ ޑާބީ ކައުންޓީގައެވެ. އޭރު ޑާބީގެ ކޯޗަކީ މިހާރު ޗެލްސީގެ ކޯޗު ފްރޭންކް ލަމްޕާޑެވެ.

މި ސީޒަނަށް ޗެލްސީ ނުކުތީ ބޮޑެތި ޗެލެންޖުތަކަކާ އެކުގައެވެ. 18 އަހަރުން ދަށުގެ ކުޅުންތެރިޔަކު، ފީފާގެ އުސޫލުތަކާ ހިލާފަށް ކްލަބަށް ގެނައި މައްސަލައެއްގައި ޓްރާންސްފާ ނުކުރެވޭ ގޮތަށް ފީފާއިން ނިންމާފައިވުމަކީ ޗެލްސީއަށް ކުރިމަތިވި އެންމެ ބޮޑު ގޮންޖެހުމެވެ. ލަމްޕާޑުގެ ކެރިއަރުގައިވެސް ނަގަން ޖެހޭނެ އެންމެ ބޮޑު ޒިންމާއެވެ. ޗެލްސީގެ ޒުވާން ކުޅުންތެރިންނަށް އިސްކަންދީ، ޗެލްސީގެ ރޫހުގައި ކުޅޭ ކުޅުންތެރިން ލަމްޕާޑު ބޭނުންވިވެސް މެއެވެ.

އޭގެ ތެރެއިން އެެއް ކުޅުންތެރިޔަކީ މޭސަން މައުންޓެވެ. ލަމްޕާޑުގެ އިތުބާރުވެސް އޮތް ކުޅުންތެރިއެކެވެ. ޗެލްސީގެ ސަޕޯޓަރުންނަށް ފެންނަ ގޮތުންނަމަ، ދެވަނަ ލަމްޕާޑެކެވެ. ސީޒަން ފެށިގެން މިހާތަނަށް ކުޅުނު ތިން މެޗުންވެސް ޗެލްސީއަށް މޮޅެއް ނުލިބި އޮތް އޮތުމަކީ މާ ބޮޑު ކަންބޮޑުވުމެއް ނޫން ކަމަށް ލަމްޕާޑް ދެކެއެވެ. ޗެލްސީގެ ކުޅުން އިންތިހާއަށް ރަނގަޅެވެ. ހާއްސަކޮށް ވިދަމުންދާ ތަރިއަކީ ރޭގެ މެޗުގައިވެސް ޗެލްސީން މި ސީޒަންގައި ޖެހި ފުރަތަމަ ގޯލްވެސް ޖެހި މޭސަން މައުންޓެވެ.

ރޭގެ ގޯލާއެކު އޭނާއަށް ކުރެވުނު އިހުސާސްވެސް ނޭނގޭ ކަމަށް ބުނެފައިވެއެވެ.

"އުމުރުން ހަ އަހަރުން ފެށިގެން އަހަރެން މި މަސައްކަތް ކުރަނީ ޗެލްސީގައި. ކްލަބުގެ އެކަޑެމީގެ ތެރެއިން އައިސް ސީނިއާ ލެވެލްއަށް އަރަން މި ކުޅެނީ. ޗެލްސީގެ ދަނޑުގައި ސަޕޯޓަރުން ކުރިމަތީގައި ގޯލް ޖަހާ، އެ ކުރެވުނު އިހުސާސަކީ ހުވަފެން. އެއީ މިދިޔަ ހުރިހާ ދުވަހެއްގައިވެސް އަހަރެން ދެކެމުންދިޔަ ހުވަފެން. ޕޮއިންޓަކުން ނިންމާލަން ޖެހުމަކީ ލިބުނު ދެރައެއް. އެކަމަކު މި މަސައްކަތް ކާމިޔާބުވާނެ،" މޭސަން މައުންޓް ބުންޏެވެ.

ކިޔުންތެރިންގެ ހިޔާލު

3 ކޮމެންޓް

  1. ލޮލް

    ތަންދޮރު ނޭނގޭ މީހެއް ލިޔުނު އެއްޗެއްތަ؟ މޭސަން މައުންޓް ކިޔަނީ. މައުންޓަންއޭ ނީންނާނެ ނަމުގަ މައުންޓްގެ ދިގުގޮތަށް ވިޔަސް...

    • ޙަަހހަ

      ކަލޭ ދެލޯ ހުޅުވައިގެން ކިޔާބަލަ! ???

      • އޭނާރކީ

        ބަވާ އަޅާފީ ހެޔޮނުވާނެ ???