މި ސަރުކާރުން ވަޒީފާއިން ވަކިކޮށް ނިކަމެތި ކޮށްލަމުންދަނީ ކުރީގެ ރައީސް ޔާމީން ސަރުކާރުގައި ތަރައްގީގައި ބުރަކޮށް އުޅުނު މުވައްޒަފުން ކަމަށް ކުރީގެ ހައުސިން މިނިސްޓަރ ޑރ.މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

މި ސަރުކާރުން ގިނަ އަދަދެއްގެ މުވައްޒަފުން ވަޒީފާއިން ވަކި ކުރަމުންދަނިކޮށް މުއިއްޒު މިއަދު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ ވަޒީފާއިން ވަކިކޮށް ނިކަމެތިކޮށްލަމުން ދަނީ ރައީސް ޔާމީނުގެ ތަރައްގީގެ ގިނަ މަސައްކަތްތަކެއްގައި ހާއްސަކޮށް މަގު ހެދުމުގެ މަޝްރޫއު ތަކުގައި ބުރަކޮށް ނުހަނު ހީވާގި ކަމާއި އެކު ހިދުމަތްތަކެއް ކުރި މުވައްޒަފުންނާއި އެމުވައްޒަފުންގެ އާއިލާތައް ކަމަށެވެ.

މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިން އެންޑް އިންފްރާސްޓްރަކްޗާގައި މަސައްކަތް ކުރާ ގިނަ އަދަދެއްގެ މުވައްޒަފުން ވަކި ކުރަން އިއްޔެ ވަނީ ނޯޓިސް ދީފައެވެ.

މިނިސްޓްރީން ސިޔާސީ ފިކުރަށް ބެލުމަށްފަހު ވަޒީފާއިން ވަކިކުރަން ނޯޓިސް ފޮނުވިކަން ކަށަވަރު ކުރެވުނު މުއައްޒަފުންގެ އަދަދު 44 އަރާއިރު އޭގެތެރޭގައި ގއ ވިލިނގިިލިން 10 މުވައްޒަފަކު، ފުވައްމުލަކުން 9 މުވައްޒަފަކު، ތ.ވިލިފުށިން ހަތް މުވައްޒަފަކަށް ނޯޓިސް ދީފައެވެ. މީގެ އިތުރުން ކުޑަހުވަދޫން ވަނީ އެމްއާރްޑީސީން ޕްލޭނިން މިނިސްޓްރީއަށް ބަދަލުކުރި 18 މުއައްޒަފަކަށް ވަނީ ނޯޓިސް ދީފައެވެ.

ރައީސް ސޯލިހު ވެރިކަމަށް ވަޑައިގެންނެވީ އެއްވެސް މުވައްޒަފަކު ވަޒީފާއިން ވަކި ނުކުރާނެ ކަމުގެ ވައުދާއެކުއެވެ.

ނަމަވެސް މި ސަރުކާރު ވެރިކަމާއި ހަވާލުވި ފަހުން ވަކިކުރި މުވައްޒަފުންގެ އަދަދު އެތައް ސަތޭކައަކަށް އަރާ ކަަމަށް ވެއެވެ. މީގެ ތެރެއިން ގިނަ މުވައްޒަފުން ވަކިކޮށްފައި ވަނީ ސިޔާސީ ފިކުރަށް ބަލާފައި ކަމަށް އިދިކޮޅު ފަރާތްތަކުން ތުހުމަތު ކުރެއެވެ.

ސަރުކާރުގެ މިނިސްޓްރީތަކާއި ކުންފުނިތަކުން ގިނަ އަދަދެއްގެ މުވައްޒަފުން ވަކި ކުރަމުންދާއިރު، ސިޔާސީ މަގާމުތަކަށް މިހާރުވެސް ގެންދަނީ ގިނަ އަދަދެއްގެ މީހުން އައްޔަން ކުރަމުންނެވެ.

ކިޔުންތެރިންގެ ހިޔާލު

6 ކޮމެންޓް

  1. މިގޭ

    މިސަރުކާރަކުން މީހުން ވަޅިން ޖަހާ ކަނޑައެ ނުލާނެ. ކަރުދާހުގައި ލިޔެފައި ވަކިވިކަން އަންގަމުންގެންދާނީ. ވަޒީފާއެއް ނުއުފެއްދުނުތާ ނުކަނޑާމަ ވެސްދޯ ؟

    19
    1
  2. މާވަޑި ފަލާހް

    ތިބުނާ މީހުންއުޅުނީ ތަރައްޤީގަތަ ނޫނީ މަނިކުފާނާ ގުޅިގެން ރައްޔިތުންގެ ފައިސާ އިސްރާފް ކުރުމުގައިތަ؟؟

    4
    23
  3. ވަތަނަބެ

    މުއިއްޒު ބުންޏަސް ތެދެއް ވާނީ ތެދަކަށް. އިހައްދުވަހުވެސް، އިއްޔެވެސް މިއަދުވެސް ބުރަކޮށް މަސައްކަތުގައި އުޅުނު ހީވާގި މުވައްޒަފުން ބާކީކޮށް ކަނޑާލާ ބިރުދައްކާ ހަދާ ހަމަ. އެމްޑީ ޕީއަށް ތާއީދު ކޮށްގެން ކަމަށް ދައްކައިގެން އުޅޭ ގިނަ މީހުން އެއީ މަސައްކަތަށް ކެރަވަޅު މީހުން. އެމީހުންގެ ކަމަކީ މީހުންގެ ވާހަކަ ދައްކައިގެން ތިމާ މަތީ މަގާމަކަށް ނުވަތަ ތިމާ ބޭނުންވާ ކަމެއް ހާސިލްވޭތޯ އުޅުން. މަސައްކަތަށް ޅޮސް

    17
  4. ކައްމަތީން

    ރަނގަޅު ވާހަކަފުޅެއް. އފަރާތްތަކުން ގެނައި ތަރައްޤީ އެއޮތީ ފެންނަން. މަގުތާކާ ލިންކްރޯޑާ ބަނަދަރުތަކާ

  5. ާދެރަކަމެއް

    ކުރީ ސަރުކާރުގަ ބުރަކޮށް މަސަކަތްކުރި މީހުން

  6. މޫޒު

    އެމީހުންނަށްވީ، މުއިއްޒުމެންނަށްވެސްވީގޮތެވެ. މާމާ ވަރުގަދަ ރައީސެއްގެ އަމުރަށްކިޔަމަންވުމަށްޓަކައި ދަށުންމަސައްކަތްކުރި ޕްރޮފެޝަންލަ އެތަށްބައެއް ހަލާކުގެތެރެއަށް ވައްޓާލަން މަޖުބޫރުކުރީއެވެ. ނުކުރިއްޔާ ވަގުތުން މަރު... ކުރިއްޔާ ފަހުން މަރު ... ނެތްސަލާމަތެއް.. މުޅިޤައުމު ސުންނާފަތިކޮށްފަ ކޮންވާހަކައެއް....