އަޟްޙާ ޢީދު ބަންދާ ދިމާކޮށް ދައުލަތުގެ ބެލުމުގެ ދަށުގައި މަރުކަޒުތަކުގައި ދިރިއުޅޭ ކުދިންނަށް އަމާޒުކޮށްގެން ޚާއްޞަ ޕްރޮގްރާމްތަކެއް ޖެންޑާ މިނިސްޓްރީން ހިންގައިފިއެވެ.

ޖެންޑާ މިނިސްޓްރީން ވިދާޅުވީ، މި ޕްރޮގްރާމްތައް ފަރުމާކޮށްފައި ވަނީ ކުދިންގެ އުމުރުފުރާއާ ގުޅޭ ގޮތުން، މުނިފޫހިފިލުވުމާއި ކުޅިވަރުގެ ހަރަކާތްތައް ހިމެނޭ ގޮތަށް ކަމަށެވެ. އެގޮތުން ވިލިމާލޭގައި ހުންނަ ކުޑަކުދިންގެ ހިޔާއާއި ހުޅުމާލޭގައި ހުންނަ ފިޔަވަތިގައި ހިންގުނު ޕްރޮގްރާމްތަކުގެ ތެރޭގައި ޢީދު ހަދިޔާ ބަދަލު ކުރުމާއި، ވިލިމާލެއާއި ހުޅުމާލޭގައި ކުރިއަށް ގެންދިޔަ ޢީދު ކުޅިވަރު ހަރަކާތްތައް ބަލައިލުމާއި، ކުޑަކުދިންގެ ކާޓޫނު ފިލްމު ބަލައިލުމަށް ސިނަމާއަށް ގެންދިޔުމާއި، ވޯޓަރ ސްޕޯޓްސް ކުޅިވަރުގެ ހަރަކާތްތައް ހިމެނެއެވެ.

އަދި މީގެ އިތުރުން މި ކުދިންނަށް ހާއްސަކޮށް ޕިކްނިކާއި ބާބެކިއުއެއްވެސް ކުރިއަށްގެންގޮސްފައި ވެއެވެ.

ކުޑަކުދިންގެ ހިޔާގައި ހިންގުނު ޑިނަރ ނައިޓް ޕްރޮގްރާމްގައި ޖެންޑާ މިނިސްޓަރ ޝިދާތާ ޝަރީފް ބައިވެރިވެވަޑައިގެންނެވިއެވެ. އަދި ފިޔަވަތީގައި ވަނީ ކުޅިވަރު ފެސްޓިވަލްއެއް ބާއްވަފައެވެ.

މި ފެސްޓިވަލްގައި އަންހެން ކުދިންނަށް ހޭންޑް ބޯލް އަދި ފިރިހެން ކުދިންނަށް ފުޓްބޯޅަ މުބާރާތެއް ކުރިއަށް ގެންދެވިފައިވެއެވެ. ފިޔަވަތިގައި ހިންގުނު ހަރަކާތްތަކުގައި ހައުސިންގ ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ)އާއި ހުޅުމާލޭ ޕޮލިސް ސްޓޭޝަންގެ ފަރާތުން އެހީތެރިކަން ދެއްވައިފައިވެއެވެ.

ދައުލަތުގެ ބެލުމުގެ ދަށުގައި މި ވަގުތު ޖުމުލަ 150 ކުދިން ދިރިއުޅެމުންދާ އިރު، މި ކުދިންގެ ތެރެއިން 12 އަހަރުން ދަށުގެ 106 ކުދިން ދިރިއުޅެމުން ދަނީ ފިޔަވަތިގައެވެ. އަދި 12 އަހަރުން މަތީގެ 44 ކުދިން ދިރިއުޅެމުން ދަނީ ކުޑަކުދިންގެ ހިޔާގައެވެ.