އަފްޣާނިސްތާނުގެ ކާބުލްގައި ކުރިއަށްދިޔަ ކައިވެނީގެ ޙަފްލާއަކަށް އަމާޒުކޮށް ޖާނުން ފިދާވެގެން ދިން ބޮމުގެ ހަމަލާ ރާއްޖެ އިން ކުށްވެރިކޮށްފިއެވެ.

އެ ހަމަލާ ކުށްވެރިކޮށް، މިނިސްޓަރ އޮފް ފޮރިން އެފެއަރޒް ސަލާހުއްދީން ރައްބާނީއަށް ރާއްޖޭގެ ފޮރިން މިނިސްޓަރ އަބްދުﷲ ޝާހިދު ފޮނުއްވި ތައުޒިޔާ މެސެޖުގައި ވިދާޅުވެފައި ވަނީ، އެ ހަބަރު އެއްސެވީ ކުއްލި ހައިރާން ކަމާއި ފުން ހިތާމަޔާއެކުގައި ކަމަށާއި، ރާއްޖެއިން އަބަދުވެސް ޓެރަރިޒަމްގެ ފިނޑި އަމަލުތަކާއި، ކުށެއް ނެތް މީހުންނާއި ދެކޮޅަށް ދެވޭ ހުރިހާ ބާވަތެއްގެ ޙަމަލާތައް ކުށްވެރިކުރާކަމަށެވެ.

އަދި ޓެރަރިޒަމާއި ދެކޮޅަށް މަސައްކަތްކޮށް، ޓެރަރިޒަމްގެ ވަބާއިން ސަލާމަތްވުމަށް ބައިނަލްއަޤްވާމީ މުޖްތަމައާއި ގުޅިގެން ރާއްޖެއިން މަސައްކަތްކުރަމުންދާނެކަމުގެ ޔަޤީންކަން މިނިސްޓަރ ޝާހިދު ދެއްވިއެވެ.

މިނިސްޓަރ ވަނީ، އަފްޣާނިސްތާނުގެ ރައްޔިތުންނާއިއެކު ދިވެހި ރައްޔިތުން ވާކަން ހާމަކުރައްވައި، މަރުވި ފަރާތްތަކުގެ އާއިލާތަކަށް ތައުޒިޔާ ރައްދުކޮށްދެއްވުމަށް އެދިވަޑައިގެންފައެވެ.

ކާބުލްގައި ކުރިއަށްދިޔަ ކައިވެނި ހަފްލާއަކަށް އަމާޒުކޮށްގެން ދިން ޓެރަރިސްޓް ހަމަލާގައި 63 މީހަކު މަރުވެ، 180 އަށްވުރެ ގިނަ މީހުން ޒަޚަމްވިއެވެ.