ދިވެހިބަސް އުފެދި ކުރިއަރައި ދިޔަ ގޮތުގެ މައްޗަށް ބިނާކޮށް ތައްޔާރުކޮށްފައިވާ ދިވެހި ބަހުގެ މޯފޮލަޖީ ފޮތުގެ ތަރުޖަމާގެ ފުރަތަމަ ބައި ދިވެހިބަހުގެ އެކެޑަމީން ރައީސް އިބްރާހީމް މުހައްމަދު ސާލިހުއަށް އަރުވައިފިއެވެ.

ދިވެހި ބަހުގެ އެކެޑަމީގެ ފަރާތުން މި ފޮތް ރައީސް ސޯލިހަށް އަރުވާފައި ވަނީ މިއަދު މެންދުރުފަހު ރައީސް އޮފީހުގައި ބޭއްވެވި ބައްދަލުވުމެއްގައެވެ.

ދިވެހި ބަހުގެ މޯފޮލަޖީ ފޮތަކީ ސޮންޔާ ފްރިޓްޒް ނަމަކަށްކިޔާ ޖަރުމަނު ވިލާތުގެ ބޭފުޅަކު، 2002 ވަނަ އަހަރު ޝާޢިއުކޮށްފައިވާ އޭނާގެ ޕީއެޗްޑީ ތީސީސްގެ ތަރުޖަމާއެކެވެ. އޭނާގެ ތީސީސް ބިނާކުރައްވާފައި ވަނީ ދިވެހިބަސް އުފެދި ކުރިއަރައި ދިޔަ ގޮތުގެ މައްޗަށެވެ.

މި ދިރާސާގައި އެވޭލާ އަކުރާއި ދިވެސްއަކުރާއި ތާނައިން ލިޔެކިޔުމުގައި ބޭނުންކޮށްފައިވާ ހަމަތައް ދިރާސީ ގޮތެއްގައި ގެނެސްދީފައިވެއެވެ، މީގެއިތުރުން ރާއްޖޭގެ އެކި ސަރަހައްދުތަކަށް ޚާއްޞަ ބަހުރުވަތައް އުފެދިގެން އައިގޮތާއި މައި ބަހާއި އެ ބަހުރުވަތަކާ ހުރި ގުޅުންތައް މި ފޮތުގައި ދިރާސީ ގޮތެއްގައި ގެނެސްދީފައި ވެއެވެ.

މި ފޮތުގައި ދިވެހި ބަހާ ސިންހަޅަ ބަހާއި ހުރި ގުޅުމުގެ މައްޗަށާއި ދިވެހިބަސް އުފެދިގެން އައުމުގައި އައްޑޫ،ފުވައްމުލައް އަދި މާލޭގައި ވާހަކަދައްކަމުން އައި ބަހުރުވަތަކުގެ ނުފޫޒު ބޮޑުކަން ފާހަގަކޮށްފައިވެއެވެ.

މި ފޮތަކީ މިހާރު ރާއްޖޭގެ ޤައުމީ ޔުނިވަރސިޓީގައި ދިވެހި ބަހާއި ބެހޭ ޢިލްމު ކިޔަވައިދިނުމުގައި ބޭނުންކުރަމުން އަންނަ ފޮތެކެވެ.