އައްޑޫ މަގު ހަދާ ޔުނިޓްގައި މަސައްކަތް ކުރަމުން އައި މުވައްޒަފުންގެ ވަޒީފާގެ އެއްބަސްވުމުގައި އޮތް މުއްދަތު ހަމަވުމުން އެއްބަސްވުން ދެމަސް ދުވަހަށް އިތުރުކޮށްފިއެވެ.

އެމްއާރްޑީސީގައި ކުރިން މަސައްކަތް ކުރި މުވައްޒަފުންގެ ތެރެއިން ޕްލޭނިން މިނިސްޓްރީ އަށް ބަދަލުވި 72 މުވައްޒަފެއްގެ ވަޒީފާގެ އެއްބަސްވުން ދެމަސް ދުވަހަށް އިތުރު ކުރަން ނިންމާ، މިހާރު އެއްބަސްވުމުގައި ސޮއި ކޮށްފައިވާ ކަމުގެ މައުލޫމާތު ލިބެއެވެ.

އެއްބަސްވުން ދެމަސް ދުވަހަށް އިތުރު ކުރުމުން އޭގެ ތެރެއިން ގިނަ މުވައްޒަފުން "ވަގުތު" އަށް މައުލޫމާތު ދެމުން ބުނީ އެއްބަސްވުން ދެމަސް ދުވަހަށް އިތުރު ކުރީ ވަޒީފާ ދާއިމީ ކޮށްދީފިނަމަ މުވައްޒަފުންގެ މައްޗަށް ސިޔާސީ ނުފޫޒު ފޯރުވަން އުނދަގޫ ވާނެތީ ކަމަށެވެ.

"ހުރިހާ މުވައްޒަފުން ވެސް ވަޒީފާގެ ބިރުވެރިކަމެއްގައި ތިބެން މިޖެހެނީ. ވަޒީފާ ދާއިމީ ވާން މިއޮތީ އެމްޑީޕީ އަށް ތާއިދުކޮށްގެން. ދެމަސް ދުވަސް ފަހުން އަނެއްކާ އެއްބަސްވުމުގައި ސޮއި ކުރާއިރު މިހާރު އެމްޑީޕީ އަށް ތާއިދު ނުކުރާ މީހުން ވަޒީފާ ގެއްލޭނެ ކަމުގެ އިންޒާރު ލިބެމުން އެބަދޭ." މުވައްޒަފަކު ބުންޏެވެ.

މިހާތަނަށް "ވަގުތު" އަށް މައުލޫމާތު ލިބިފައިވާ ގޮތުގައި ލ.ފޮނަދޫ ހަތަރު މުވައްޒަފަކާއި ފުވައްމުލަކު ނުވަ މުވައްޒަފަކާއި ގއ.ވިލިގިނލީ ދިހަ މުވައްޒަފަކަށާއި ތ.ވިލުފުށީ ހަތް މުވައްޒަފަކަށް އަދި ދ.ކުޑަހުވަދޫ 18 މުވައްޒަފަކަށް ވަނީ ނޯޓިސް ދީފައެވެ. އެހެން ރަށްރަށުގެ މުވައްޒަފުންނަށް ނޯޓިސް ދިނުމަށް ފަހު އައްޑޫގެ މުވައްޒަފުންގެ އެއްބަސްވުން އާކުރި ސަބަބެއް އަދި ސާފެއް ނުވެއެވެ.

ރައީސް ޞާލިހް ވެރިކަމަށް ވަޑައިގެންނެވީ ސިޔާސީ ސަބަބަކަށްޓަކައި އެއްވެސް މީހަކު ވަޒީފާ އިން ވަކި ނުކުރާނެ ކަމުގެ ޔަގީންކަން އެތައް ފަހަރަކު ދެއްވާފައެވެ. ނަމަވެސް އެމަނިކުފާނަށް ވެރިކަން ލިބިވަޑައިގެންނެވި ފަހުން ފެނަކަ އިން ވެސް ގިނަ އަދަދެއްގެ މުވައްޒަފުން ވަނީ ވަކިކޮށްފައެވެ. ވަކިކުރި ގިނަ މުވައްޒަފުން ބުނާ ގޮތުގައި އެމީހުން ވަޒީފާ އިން ވަކިކޮށްފައި ވަނީ އެމްޑީޕީ އަށް ތާއިދު ނުކުރާތީއެވެ.

ކިޔުންތެރިންގެ ހިޔާލު

3 ކޮމެންޓް

  1. ސދފ

    އެއިރެއްގައި އޮންނަ ސަރުކާރެއް ހަދާނީ އެބަޔަކު ބޭނުންވާ ގޮތަށް.
    ތިކަމުގައި ކުރެވޭނެ މާބޮޑުކަމެއްނެތް.
    ބޮޑެތި މަގާމުތަކުގައި ތިބޭ މީހުން ބުނާތީ އިވޭ ހަގީގީ ތަރައްގީޔަކީ މީހާގެ ސިކުނޑި ތަރައްގީވުމޭ. ޥީމާ ރައްޔިތުން ތަރައްގީވީމާ ކޮހުން ވެރިކަމަށް ނުހޮވާނެ. ޥީމާ ތަރައްގީ ވަންދެން މަޑުންތިބޭ

    13
  2. އަދުރޭ_09

    ވަގުތީ މަޤާމް ތަކުގަ ތިބޭ މީހުން އެމީހުންގެ އެއްބަސްވުން ހަމަވުމުން 2 މަސް 1 މަސް އިތުރު ކުރުމަކީ މައްސަލައެއްނޫން، އެއީ ދެން އެމަސައްކަތް ނިމޭނެކަމަށް ލަފާކޮށްފަ އިތުރުކުރެވޭ އިތުރު ކުރުމެއް، އެއީ ބޮރޭކިންގ ނިއުސް ޖަހާވަރުގެ ކަމެއްނޫން، މަވެސްމީ ޔާމީން ސަރުކާރުގަ އެމް،ޑަބްލިޔު،އެސް،ސީ ގެ ވަޒީފާގަ ހަމަ ތިގޮތަށް އުޅުނު މީހެއް، އެއްބަސްވުން ހަމަވުމުން އިތުރުކުރީ 2 މަސް، މަސައްކަތް ނިމެންދެން ހަމަ އެގޮތަށް ފަހަރަކު 2 މަސް 1 މަސް އިތުރު ކުރަމުން އައީ، ނިމުމުން ތިބުނާހެން ވަޒީފާ ގެއްލުނީ، ވަޒީފާ ދާއިމީ ނުވާހާ ހިނދަކު އެކަން އޮންނާނީ އެހެން.

    1
    4
  3. އައި

    ތިޔަ ކަހަލަ ކަންކަން ވޭތަ މިހާރު މި އޮތީ ޢުމަރު ބުނު އަބުދުލް ޢަޒީޒު ގެ ވެރިކަމޭ.....

    5
    1