ސުޕަ ކޮމިޓީއާއި ދެކޮޅަށް އެމްޑީޕީގެ މެންބަރުން ނިކުތުމަކީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު އަށް ލިބުނު ކާމިޔާބީ އެއް ކަމަށް ނިލަންދޫ ދާއިރާގެ ކުރީގެ މެންބަރު އަދި ޕީޕީއެމްގެ ކުރީގެ އެސްޖީ އަބްދުﷲ ހަލީލް ވިދާޅުވެއްޖެއެވެ.

ހަލީލް މިއަދު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ ރައްޔިތުންގެ މަޖިލިސް މެދުވެރިކޮށް ދައުލަތް އަމިއްލަފުޅު ބާރުގެ ދަށަށް ގެނައުމަށް ހަދަން އުޅުނު ސުޕަ ކޮމެޓީއާއި ދެކޮޅަށް އެމްޑީޕީގެ މެންބަރުން ނިކުތުމަކީ ރައީސް އިބޫ އަށް ލިބުނު ކާމިޔާބެއް ކަމަށެވެ.

" ސުޕަ ކޮމެޓީ ވެގެން ދިޔައީ ސުޕަމޭން އުފެދުމުގެ ފުރަތަމަ ފިޔަވަޅަށް " ހަލީލް ވިދާޅުވިއެވެ.

ރައްޔިތުންގެ މަޖިލީހުގެ ރައީސް ރައީސް، މުހައްދު ނަޝީދު އުފައްދަވަން ހުށަހެޅުއްވި ސުޕަ ކޮމެޓީ ހަދަން ނުފެންނަކަމަށް އެމްޑީޕީގެ ޕާލިމެންޓަރީ ގުރޫޕުން ރޭ ވަނީ ނިންމާފައެވެ.

މަޖިލިހުގެ ގަވައިދަށް ނަޝީދު ގެންނަން ބޭނުންފުޅުވާ އިސްލާހުގައިވާ ގޮތުން މިނިވަން މުއައްސަސާތަކަށް މެންބަރުން ނެގުމާއި ވަކިކުރުމާއި، އެކިއެކި މަގާމުތަކަށް ބޭފުޅުން ކަނޑައަޅައި ވަކި ކުރާނީ ސުޕަ ކޮމިޓީއަކުންނެވެ.

މި އިސްލާހަކީ މިނިވަން މުއައްސަސާތަކަށް މެންބަރުން ނެގުމާއި ވަކިކުރުމަކީ އެންމެ ކޮމިޓީއަކުން ކުރާ ވަރަށް ވުރެ ފުޅާ ދާއިރާއެއްގައި ވިސްނައި މަޖިލީހުގައި ހިމެނޭ ހުރިހާ ސިޔާސީ ފަރާތްތަކެއްގެ ޝާމިލްވުން އޮންނަން ޖެހޭ ކަމެއް ކަމަށް އެމަނިކުފާނު ދެކެވަޑައިގަންނަވާތީ ހުށަހެޅުއްވި އިސްލާހެއް ކަމަށް އެމަނިކުފާނު ވަނީ ވިދާޅުވެފައެވެ.

ސުޕަ ކޮމިޓީ ހަދަން ރައީސް ނަޝީދު ހުށަހަޅުއްވަމުން ވިދާޅުވީ، މިހާރު ހުރި ދާއިމީ ކޮމިޓީތަކަކީ އޯވަސައިޓް ކުރުމުގެ މަސްއޫލިއްޔަތު އަދާކުރާ ކޮމިޓީތަކެއް ކަމަށާއި، އެހެން ކަމުން ހަރުދަނާ އުސޫލަކުން މުއައްސަސާތަކަށް ބޭފުޅުން އައްޔަންކޮށް ވަކިކުރަން އެކަމަކަށް ހާއްސަވެފައިވާ ކޮމިޓީއެއް އޮތުން މުހިންމު ކަމަށެވެ.

ސުޕަ ކޮމިޓީގައި ހިމެނެނީ މަޖިލިހުގެ ހުރިހާ ކޮމިޓީތަކުގެ މުގައްރިރުންނާއި، މަޖިލިހުގެ މެމްބަރުންގެ ގޮތުގައި ތިއްބެވި ސިޔާސީ ޕާޓީތަކުގެ ލީޑަރުންނެވެ. އިސްލާހުގައިވާ ގޮތުން ކޮމިޓީ ޗެއާ ކުރައްވާނީ ވެސް ނަޝީދެވެ.