ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ)ގެ މެމްބަރަކަށް ވެވޭ އުމުރު 30 އަށް ކުޑަކުރަން ޖުޑީޝަރީ ކޮމިޓީއިން ފާސްކޮށްފިއެވެ.

މީގެ ކުރިން އެކޮމިޓީން ހުށަހެޅީ ޖޭއެއެސްސީ އަށް ކުރިމަތި ލެވޭނެ އުމުރަކީ 40 އަށް ހެދުމަށެވެ.

ނަމަވެސް ގާނޫނީ ވަކީލުންނާއި ބާ ކައުންސިލުން ވަނީ ފަނޑިޔާރުންނަށް 25 އަހަރުން ފަނޑިޔާރުކަން ކުރެވޭނެ ކަމަށާއި ސުޕްރީމް ކޯޓުގެ ފަނޑިޔާރުންނަށް ވެވެނީ 30 އަހަރުގައި ކަމަށް ވުމުން އުމުރު އެގޮތަށް ބަދަލު ކުރުމަށް ނުފެންނަ ކަމަށް ކޮމިޓީއަށް މީގެ ކުރިން ޚިޔާލު ހުށައަޅާފައެވެ.

ހޯމަ ދުވަހުގައި ކުރިއަށް ދިޔަ ޖުޑީޝަރީ ކޮމިޓީގެ ބައްދަލުވުމުގައި ވަނީ ޖޭއެސްސީއަށް އައްޔަން ކުރާ މެމްބަރުންގެ އުމުރަކީ 30 ކަމަށް ކަނޑައަޅައި ގާނޫނު އިސްލާހު ކޮށްފައެވެ. އަދި ޖޭއެސްސީގައި އިންނަވާ އެއްވެސް ވަކީލަކަށް ކޯޓުގައި ވަކާލާތު ނުކުރެވޭގޮތަށް ޖޭއެސްސީގެ ގާނޫނަށް ވަނީ އިސްލާހު ގެނެސްފައެވެ.

މީގެ ކުރިންވެސް ޖޭއެސްސީގެ މެމްބަރުން ވަނީ ކޯޓުތަކުގައި ވަކާލާތު ކުރައްވާފައެވެ. އެކަމާއި އެތައް ބައެއްގެ ފާޑުކިޔުން އަމާޒުވެފައިވެއެވެ.

ޖޭއެސްސީގެ ގާނޫނަށް ގެނައި އިސްލާހުގެ ތެރޭގައި ހިމެނެނީ ޖުޑިޝަލް އެކަޑަމީގެ އިދާރީ މުވައްޒަފުންނާއި މަސައްކަތާއި އެކަޑަމީގެ ހުރިހާ ވަސީލަތްތަކާއި އެންމެހައި މާލީ އަދި މަދަނީ ޒިންމާތަކާއި ހައްގުތައް ޑިޕާޓްމެންޓް އޮސް ޖުޑީޝަލް އެޑްމިނިސްޓްރޭޝަނުގެ ދަށަށް ބަދަލުވާނެ ކަމަށެވެ.

ޑީޖޭއޭ މިހާރު ހިންގަމުން ދަނީ ސުޕްރީމް ކޯޓުގެ ދަށުންނެވެ. ޖުޑީޝަރީ ކޮމިޓީއިން ޖޭއެސްސީގެ ގާނޫނު ފާސްކޮށް މަޖިލީހުގެ ތަޅުމަށް ފޮނުވާނެއެވެ. އަދި އެގާނޫނު ފާސްވާނީ މަޖިލީހުގެ ތަޅުމުން ގޮތް ނިންމުމުންނެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. އަހްމަދު

    މިވެސް ހަމަ ކޮންމެވެސްމީހަކަށް ފެހިކޯޓެއްނު. ހުރިހާމީހުންވެސްކުރަނީހަމައެއްކަމެއް.