ސަރުކާރުންގެ ފަރާތުން އިހަވަންދޫ ދާއިރާގެ މެމްބަރު މުހައްމަދު ޝިފާއު މަޖިލީހަށް ހުށަހެޅި މަސްވެރިކަމުގެ ބިލު ބަލައިގެންފިއެވެ.

މަސްވެރިކަމުގެ ބިލު މިއަދު މަޖިލީހަށް ބަލައިގަތީ 72 މެމްބަރުންގެ އިއްތިފާގުންނެވެ. މި ބިލު މިހާރުވަނީ ދިރާސާ ކުރުމަށް އިގްތިސާދީ ކޮމިޓީއަށް ފޮނުވާފައެވެ.

ބިލުގައި އިސްލާޙު ކުރަން ޖެހޭ ގިނަ ކަންތައްތަކެއް ހުރިކަމަށް ގިނަ މެންބަރުން ވަނީ ވިދާޅުވެފައެވެ.

މަސްވެރިންނަށް ހަމަ އަގު ހޯދައި ދިނުމަކީ ސަރުކާރުގެ ވައުދެއް ނަމަވެސް މި ބިލްގައި މަސްވެރިންނަށް ހަމަ އަގު ހޯދައި ދިނުމުގެ ވާހަކަ "ލަފުޒުން ލަފްޒަކަށް ނެތް" ކަމަށް ބައެއް މެންބަރުން ވަނީ ބަހުސް މަރުހަލާގައި ވިދާޅުވެފައެވެ.

މި ބިލަކީ މަސްވެރިންގެ ޚިޔާލާއި އިހްސާސްތަކަށް ރިއާޔަތް ކުރެވިގެން، މަސްވެރިކަމުގެ ދާއިރާގައި ހަރަކާތްތެރިވާ ތަޖްރިބާކާރުންގެ އިރުޝާދާއި ލަފާވެސް ހިމެނިގެން ތައްޔާރުކުރެވިފައިވާ ބިލެއް ކަމަށެވެ.

ރާއްޖޭގެ ކަނޑުގެ ސަރަހައްދުތަކުން ބޭރުގެ ފަރާތްތަކަށް މަސްވެރިކަން ނުކުރެވޭނެ ގޮތް ހެދުމަކީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހްގެ ރިޔާސީ ވައުދެއްވެސް މެއެެވެ.