ގިނަ އަދަދެއްްގެ މަސްތުވާތަކެއްޗާއެކު މާލެއިން ހަތަރު މީހަކު ހައްޔަރު ކޮށްފިއެވެ.

މަސްތުވާތަކެއްޗާއި އެކު ހައްޔަރު ކޮށްފައިވަނީ 25 އަހަރުގެ ދިވެހި ފިރިހެނަކާއި 36 އަހަރުގެ ދިވެހި ފިރިހެނަކާއި 46 އަހަރުގެ ދިވެހި ފިރިހެނެއްގެ އިތުރުން 18 އަހަރުގެ ދިވެހި ފިރިހެނެއް ކަމަށް ފުލުހުން ވިދާޅުވިއެވެ.

މީގެ ތެރެއިން 46 އަހަރުގެ މީހާ ހައްޔަރުކޮށްފައިވަނީ ގަލޮޅު ޕޮލިސް ސްޓޭޝަންގެ ފުލުހުން މާލެތެރެ ޕެޓްރޯލް ކުރަމުންދިޔައިރު އޭނާގެ އަމަލުތައް ހުރިގޮތުން ތުހުމަތުކުރެވިގެން އިއްޔެ 18:50 އެހާކަންހާއިރު ރަތްވިލާ ހިނގުމުން ކަމަށް ފުލުހުން ވިދާޅުވިއެވެ. މި މީހާގެ އަތުން މަސްތުވާތަކެތި ހުރި 16 ރަބަރު ޕެކެޓްވަނީ ފެނިފައެވެ.

މިތަކެތި ފެނިފައިވަނީ އޭނާ ހުއްޓުވައި ބަލައިފާސްކުރަން އުޅުމުން އޭނާ އެވަގުތު ހުރިދިމާ ބިންމައްޗަށް އެއްޗެއް ވައްޓާލުމުން ފުލުހުން އެތަން ބެލިބެލުމުންނެވެ.

ފުލުހުން ވިދާޅުވީ، 25 އަހަރުގެ މީހާއާއި 36 އަހަރުގެ މީހާ ހައްޔަރުކޮށްފައިވަނީ މާލޭގައި މަސްތުވާތަކެތި ގެންގުޅެ އެތަކެތި ބޭނުންކޮށް އަދި އެތަކެތީގެ ވިޔަފާރިކުރާ ކަަމަށް ފުލުހުންގެ އިންޓެލިޖެންސަށް ލިބުނު މަޢުލޫމާތަކާ ގުޅިގެން ރޭ 20:12 އެހާކަންހާއިރު ހިންގި އޮޕަރޭޝަނެއްގައި ކަމަށެވެ.

ފުލުހުން ވިދާޅުވީ، މި މީހުން ހައްޔަރުކޮށްފައި ވަނީ، ސައިކަލެއްގައި ދަނިކޮށް މާލޭ މަގުމަތިން މި ދެ މީހުން ހުއްޓުވައި ބަލައިފާސްކުރިއިރު، މަސްތުވާ އެއްޗެއްހުރި ފަސް ބުލެޓު ފެނިގެން ކަމަށެވެ. އަދި އެތަނުން އެކަކު ދިރިއުޅޭ އެޕާޓްމަންޓް ބަލައިފާސްކުރިއިރު، މަސްތުވާ އެއްޗެއްހުރި ސެލޯފިން ކޮޅަކާއި މަސްތުވާ އެއްޗެއްހުރި ފިލްމް ހުސްކުރި ދަޅެއް ފެނިފައިވާ ކަމަށް ފުލުހުން ވިދާޅުވިއެވެ.

ފުލުހުން ވިދާޅުވީ، 18 އަހަރުގެ ފިރިހެން މީހާ ހައްޔަރުކޮށްފައިވަނީ މާފުށި ޖަލަށް މަސްތުވާތަކެތި ގެންދަންއުޅޭ ކަމަށް ފުލުހުންގެ އިންޓެލިޖެންސަށް ލިބުނު މަޢުލޫމާތަކާ ގުޅިގެން، އިއްޔެ 11:05 އެހާކަންހާއިރު ހިންގި އޮޕަރޭޝަންގައިކަމަށެވެ. އޭނާ މާލޭ މަގުމަތިން ހުއްޓުވައި ބަލައިފާސްކުރި އިރު، މަސްތުވާ އެއްޗެއްހުރި ފުއްޕާހަމެއް ވަނީ ފެނިފައެވެ.

މި މައްސަލަތައް ފުލުހުންގެ ޑްރަގް އެންފޯސްމަންޓް ޑިޕާޓްމަންޓުން ދަނީ ތަޙުޤީޤު ކުރަމުންނެވެ.