ސުޕްރީމް ކޯޓުގެ ފަނޑިޔާރު އަބްދުﷲ ދީދީ އެ ކޯޓަށް ހުށަހެޅި މައްސަލާގެ އަޑުއެހުމެއް މާދަމާ ބާއްވަން ތާވަލުކޮށްފިއެވެ.

ފަނޑިޔާރު ދީދީ ސުޕްރީމް ކޯޓަށް ހުށަހަޅާފައި ވަނީ ދުސްތޫރީ މައްސަލައެކެވެ. މި މައްސަލައަކީ ފަނޑިޔާރު އަބްދުﷲ ދީދީ ސަސްޕެންޑު ކުރަން ޖޭއެސްސީ އިން ނިންމުމާއި ގުޅިގެން ފަނޑިޔާރު ދީދީ ސްޕްރީމްކޯޓަށް ހުށަހެޅި މައްސަލައެވެ.

ޖޭއެސްސީއާ ދެކޮޅަށް ހުށަހަޅާފައިވާ މި މައްސަލަ ބައްލަވަނީ އުއްތަމަ ފަނޑިޔާރު ޑރ. އަހުމަދު އަބްދުﷲ ދީދީ އާއި ފަނޑިޔާރު އާދަމް މުހައްމަދު އަބްދުﷲ އާއި ފަނޑިޔާރު އަބްދުލްގަނީ މުހައްމަދެވެ. މި މައްސަލައިގެ އަޑު އެހުން އޮތީ މާދަމާ މެންދުރު 1:15 ގައެވެ.

ޖޭއެސްސީއިން ފަނޑިޔާރު އަބްދުﷲ ދީދީ ސަސްޕެންޝަން ކުރި މައްސަލާގައި އޭނާ ސުޕްރީމް ކޯޓަށް ވެއްދި ދުސްތޫރީ މައްސަލާގައި މީގެކުރިން ވަނީ ވަގުތީ އަމުރެއް ނެރުނެވެ. އެއީ ފަނޑިޔާރު އަބްދުﷲ ދީދީ ސަސްޕެންޑް ކުރުމަށް ޖޭއެސްސީން ނިންމި ނިންމުމަށް އަމަލުކުރުން ފަސްކޮށް ސުޕްރީމް ކޯޓުން ނެރުނު އަމުރެކެވެ. ނަމަވެސް ޖޭއެސްސީގެ އެ ނިންމުން ދެމި އެބަ އޮތް ކަމަށް އެ ކޮމިޝަނުން ވަނީ ބުނެފައެވެ.

ޖޭއެސްސީން މިހާރު ދަނީ ފަނޑިޔާރު ދީދީއާއި ގުޅޭގޮތުން އިތުރު ޝަކުވާއެއްވެސް ބަލަމުންނެވެ.

ފަނޑިޔާރު ދީދީގެ މައްސަލަތަކެއް ފުލުހުންނާއި ޖޭއެސްސީން ބަލަމުން އަންނައިރު، އޭނާ މިވަގުތު ހުންނެވީ ރާއްޖެއިން ބޭރުގައެވެ.