ނޭޝަނަލް ސޯޝަލް ޕްރޮޓެކްޝަން އެޖަންސީ (އެންސްޕާ) ޖެންޑާ މިނިސްޓްރީގެ ދަށަށް ބަދަލު ކުރަން ރައްޔިތުންގެ މަޖިލީހުން މިއަދު ފާސްކޮށްފިއެވެ.

ޖެންޑާ މިނިސްޓްރީގެ ދަށަށް އެންސްޕާ ބަދަލުކުރާ ގޮތަށް، އިޖުތިމާއީ ސިއްހީ އިންޝުއަރަންސްގެ ގައުމީ ނިޒާމުގެ ގާނޫނަށް ސަރުކާރުގެ ފަރާތުން މި އިސްލާހު ހުށަހެޅުއްވީ މަނަދޫ ދާއިރުގެ މެންބަރު އަހްމަދު ހާރޫނެވެ.

އެންސްޕާ މިހާރު ހިންގަމުން ގެންދަނީ ހެލްތް މިނިސްޓްރީގެ ދަށުންނެވެ.

އެކަމާ ގުޅޭ ގޮތުން މިއަދު މަޖިލީހުގައި ނެގި ވޯޓު ފާސްވީ ވޯޓުގައި ބައިވެރިވެވަޑައިގަތް 62 މެންބަރުންގެ އިއްތިފާގުންނެވެ.

އެ އިސްލާހުގެ މައިގަނޑު މަގްސަދެއްގެ ގޮތުގައި އޭނާ ބުނެފައިވަނީ އެންސްޕާގެ ކަންކަން، ސިއްހަތާ ބެހޭ ސިޔާސަތުތައް ކަނޑައެޅުމުގެ މަސްއޫލިއްޔަތު ހަވާލުކޮށްފައިވާ ހެލްތު މިނިސްޓްރީއާ ހަވާލުކޮށްފައި އޮތުމުގެ ބަދަލުގައި، އެންސްޕާ އިޖްތިމާއީ މަސްއޫލިއްޔަތު ހަވާލުކޮށްފައިވާ ޖެންޑާ މިނިސްޓްރީގެ ދަށަށް އެންސްޕާ ބަދަލުކުރުން ކަމަށެވެ.

އެގޮތުން އޭނާގެ ބިލުގައި ބުނެފައިވަނީ އެ ގާނޫނުގެ 42 ވަނަ މާއްދާގެ (ހ) ގައި ހިމެނޭ "މިނިސްޓަރު" މި ލަފްޒު އިޖްތިމާއީ ހިދުމަތްތައް ފޯރުކޮއްދިނުމާ ގުޅޭ ސިޔާސަތުތައް ކަނޑައެޅުމުގެ މަސްއޫލިއްޔަތު ހަވާލުކުރެވިފައިވާ ސަރުކާރުގެ ވުޒާރާގެ ވަޒީރު ކަމަށެވެ.