އެންޓި ކޮރަޕްޝަން ކޮމިޝަނަށް އިދިކޮޅު ކޯލިޝަނުން ހުށައަޅާފައިވާ ބައެއް މައްސަލަތައް އަވަސްކޮށްދިނުމަށް އެދި އެކޯލިޝަންގެ ޓީމެއް މިއަދު ހެނދުނު އޭސީސީއަށް ހިނގައްޖެއެވެ.

މީޑިއާއަށް މަޢުލޫމާތު ދެމުން ކޯލިޝަންގެ ފަރާތުން ޝަހީބު އިބްރާހިމް ބުނީ އޭސީސީއަށް ގިނަ މައްސަލަތަކެއް ހުށައަޅާފައިވާއިރު އެމައްސަލަތައް ކުރިއަށް ނުދާތީ ކަންބޮޑުވާ ކަމަށެވެ.

" މައްސަލަތައް ކުރިއަކަށްނުދޭ. އެހެންވެ ކޮމިޝަންގެ މެމްބަރުންނާ ބައްދަލުކުރަން އަޅުގަނޑުމެންގެ ޓީމުން މިއަދު އައިސް މި އެދުނީ. އަޅުގަނޑުމެން ވާނެ ކޮރަޕްޝަނަށް ތުހުމަތު ކުރެވޭ ގިނަ މައްސަލަތަކެއް ވައްދާފައި. ކޮމިޝަންގެ ނައިބުރައީސް އަޅުގަނޑުމެންނާ ބައްދަލުކުރަން އިންކާރު ކުރީ." ޝަހީބު ބުންޏެވެ.

އޭނާ ބުނީ ކޮމިޝަންގެ މެމްބަރުންނާ ބައްދަލުކުރެވޭނީ ކޮމިޝަންގެ ރައީސް އަދި އެއްމަސްފަހުން ޗުއްޓީ ނިންމަވާފައި އޮފީހަށް ނިކުމެވަޑައިގެންނެވުމުން ކަމަށް ބުނެފައިވާ ކަމަށެވެ.

ޝަހީބް ބުނީ އޭސީސީއަށް ވައްދާ މައްސަލަތައް ވަކި ބަޔަކަށްވީތީ ތަފާތު ކުރުމެއްނެތި ބަލަންޖެހޭނެ ކަމަށެވެ.

މިހާރު އޭސީސީއަށް ވައްދާފައިވާ މައްސަލަތައް އިންސާފުވެރި ކަމާއެކު ބައްލަވައި އަވަސް ޖަވާބެއް ދެއްވުމަށް ގޮވާލާކަމަށް ވެސް އޭނާ ބުންޏެވެ.

" އެއްވެސް މައްސަލައެއް ކުރިއަކަށްނުދޭ އަޅުގަނޑުމެން ވާނެ ލުޠުފީ ލަންކާ އެމްބަސީގައި ފޮރުވައިގެން ގެންގުޅުނު މައްސަލައިގައި ތުހުމަތު ކުރެވޭ ކޮރަޕްޝަންގެ ޢަމަލުތައް ބަލައިދިނުމަށް އެދި ވަކި ވަކިން މައްސަލަތައް ވައްދާފައި އަޅުގަނޑުމެން ވާނެ ރައީސް ސޯލިޙަށްވެސް ތުހުމަތު ކުރެވޭ ކޮރަޕްޝަންގެ މައްސަލަތަކެއް ވައްދާފައި. މިކަމާބެހޭގޮތުން ވަކި ޖަވާބެއްވެސް ނުދޭ" ޝަހީބު ބުންޏެވެ.