ލ. މުންޑޫ ނޫވިލު، ޢުމުރުން 29 އަހަރުގެ ޢަލީ ޒިޔަދަމް މަރާލިރޭ، އޭނާގެ ބައްޕަގެ ލޮލަށް "ވަޅިޖަހާނަމޭ"، އެ މައްސަލައިގައި ދަޢުވާ ލިބޭ، މުޙައްމަދު ޝަނޫނު ބުނި އަޑު އިވުނު ކަމަށް، މިއަދުގެ ޝަރީޢަތުގެ މަޖިލީހުގައި ސިއްރުން ހެކިބަސް ދިން ހެކިވެރިއަކު ބުނެފިއެވެ.

ޒިޔަދަމް މަރާލާފައި ވަނީ 2015 ވަނަ އަހަރު މާޗު މަހުގެ 20 ވަނަ ދުވަހުގެ ރޭ 11:15 އެހާ އިރު، އޭނާ އަށް ވަޅިން ހަމަލާ ދީގެންނެވެ. މި މައްސަލައިގައި ދައުލަތުން ވަނީ ލ. މުންޑޫ ހީނާވިލާ މުހައްމަދު ޝަނޫނާއި ހަމަ އެރަށު، ބީޗްވިލާ އަލީ ސިފާމްގެ މައްޗަށް ގަސްތުގައި މީހާކު މެރިކަމުގެ ދައުވާ އުފުލާފައެވެ. އަދި ޝަނޫންގެ މައްޗަށް ބިރު ދެއްކުމާއި މާރާމާރީ ހިންގުމުގެ ދައުވާވެސް އުފުލާފައިވެއެވެ.

އެގޮތުން، ކްރިމިނަލް ކޯޓުގައި މިއަދު ބޭއްވި އަޑުއެހުމަކީ، ބިރުދެއްކުމާއި، މާރާމާރީގެ ކުށުގެ ދަޢުވާ އާއި ގުޅިގެން، ދަޢުލަތުން ހުށަހަޅާފައިވާ ހެކިންގެ ހެކިބަސް ނެގުމަށް ބޭއްވުނު އަޑު އެހުމެކެވެ. އެގޮތުން ބިރުދެއްކުމުގެ ކުށް ޝަނޫނުގެ މައްޗަށް ސާބިތު ކުރުމަށް، ދަޢުލަތުން މިއަދު ވަނީ ތިން ހެއްކެއް، ސިއްރު ހެކިންގެ ގޮތުގައި ހުށަހަޅާފައެވެ.

އެގޮތުން މިއަދުގެ އަޑުއެހުމުގައި ސިއްރު ހެކިވެރިޔާ 5، ބުނެފައިވާ ޒިޔަދަމް މަރާލި ރޭ، މުންޑޫ ހެލްތު ސެންޓަރު ކައިރިން، ޝަނޫނު ފެނިފައިވާ ކަމަށާއި، އަދި އެ ސަރަހައްދުން އެރޭ، ޝަނޫނުގެ ބައްޕަ، މުޙައްމަދު ނިޒާރުވެސް ފެނިފައިވާ ކަމަށެވެ. އަދި ނިޒާރު ފެނުމާއި އެކު، ނިޒާރު ކައިރިއަށް ޝާނޫނު ދިޔަ ކަމަށާއި، "މިއީ މިރަށު ކިންގޭ، ލޮލަށް ވަޅި ޖަހާފާނަމޭ" މިހެން ނިޒާރު އާއި ދިމާއަށް ބުނި އަޑު އިވިފައިވާ ކަމަށެވެ. އަދި އެރޭ ޝަނޫން ހުރީ މަސްތުގެ ހާލަތުގައި ކަމަށް ޤަބޫލުކުރެވޭ ކަމަށްވެސް ހެކިވެރިޔާ ވަނީ ބުނެފައެވެ.

ހެކިވެރިޔާގެ މި ވާހަކަތަކަށް ޖަވާބު ދެމުން، މުޙައްމަދު ޝަނޫނު ބުނީ، ﷲ ޤަންދީ ހުވަހެއްކޮށްގެން ހުރެ، ދޮގު ހެކިބަސް ދީފާނެ ކަމަށް ޤަބޫލުނުކުރާ ކަމަށާއި، އަދި އެއްވެސް ޒާތީ ކަމެއް އޮތް ނަމަ، އެކަން ބުނެދިނުމަށް އެދޭ ކަމަށެވެ. އަދި ހެކިބަސް ދޭ ފަރާތަކީ ޒިޔަދަމްގެ އާއިލާގައި ހިމެނޭ ފަރާތެއް ކަމަށްވާނަމަ، އެކަން ޤަބޫލުކޮށްގެން ނުވާނެ ކަމަށާއި، ބުނާ ބުނުމެއް ބުނަންވާނީ، އެކަމުގައި އެއްވެސް މިންވަރެއްގެ ޝައްކެއް ނެތި ކަމަށެވެ. ޖަވާބުގައި ހެކިވެރިޔާ ބުނެފައިވަނީ އެއްވެސް ޒާތީކަމެއް، އެއްވެސް ދެކޮޅުވެރިކަމެއް ނެތް ކަމަށާއި، އަދި ﷲ ގަންދީ ހުވާކޮށް ހުރެ ބުނެފައިވާ ހުރިހާ ވާހަކަތަކަކީވެސް ދެތު ވާހަކަތަކެއް ކަމަށެވެ.

ކިޔުންތެރިންގެ ހިޔާލު

3 ކޮމެންޓް

  1. ނޫރު

    ކާކަށް މޫނު ފޮރުވަން. ބޯބާލާފަ ބައިތިއްބަންވީ މީހުންމަރާ މެން.

    31
    1
  2. މުންޑު ކިންގު

    މި ކިންގުން ތިބޭ ފެންވަރުދޯ

    18
  3. ހޫ

    ތިޔަ ގޮލައެއްގެ. މޫނު ބަލާލާ ހިތްވޭ ވަރަށް

    1
    3