އދ. ދިއްދޫއަށާއި، ޅ. ކުރެންދޫއަށް އުދަ އަރަމުން އެބަ ދެއެވެ.

ފުލުހުން ވިދާޅުވީ، ދިއްދޫއަށް އުދަ އަރަމުން އަންނަ ކަމަށާއި، ރަށުގެ ރައްޔިތުން ރައްކާތެރިކަމުގެ ފިޔަވަޅު އެޅުމަށް އިލްތިމާސް ކުރާ ކަމަށެވެ. އަދި ފުލުހުންނާއި ރަށު ކައުންސިލާއި ރައްޔިތުން ގުޅިގެން ރަށު ތެރެއަށް އުދަ ފެތުރުނަ ނުދިނުމަށް ވެލި ބަސްތާ ޖަހަމުން އަންނަ ކަމަށްވެސް ވިދާޅުވިއެވެ.

އަދި މީގެ އިތުރުން ޅ. ކުރެންދޫއަށްވެސް އުދަ އަރަމުން އަންނަ ކަމަށް ފުލުހުން ވިދާޅުވިއެވެ. އަދި ފުލުހުން ވިދާޅުވީ، ލޮނުގަނޑު އެރަށު ތެރެއަށް ފެތުރުނަ ނުދީ ހިފެހެއްޓުމުގެ މަސައްކަތް ކައުންސިލާއި، ރަށުގެ ރައްޔިތުން ގުޅިގެން ކުރަމުން އަންނަ ކަމަށެވެ.

މި ދެ ރަށަށްވެސް މާބޮޑަށް އުދަ އަރަމުން ނުދާ ކަމަށް މައުލޫމާތު ލިބެއެވެ.

މޫސުމާއި ބެހޭ ރާއްޖޭގެ ގައުމީ އިދާރާގެ އޮފިޝަލަކު ވިދާޅުވީ، ދިޔަވަރު ބޮޑުވާ ވަގުތުތަކުގައި އުދަ އެރުން އެކަށީގެންވާ ކަމަށެވެ. ނަމަވެސް މޫސުން އާއްމު ގޮތެއްގައި ރަނގަޅު ކަމަށާއި، ވައިވެސް އެހާ ގަދަ ނޫން ކަމަށް ވިދާޅުވިއެވެ.