ކުރީގެ ރައީސް އަބްދުﷲ ޔާމީން އަވަހާރަކޮށްލަން ފިނިފެންމާ ލޯންޗްގައި ބޮމެއް ގޮއްވާލުމުގެ ހާދިސާގެ ޝަރީޢަތައް އޭރުގެ ނައިބު ރައީސް އަހްމަދު އަދީބު ހައްޔަރުކޮށް ދެބޭފުޅުންގެ ވަކިނުވެވޭނެހެން ހީވި ގާތްކަމަށް ނިމުން އައިފަހުން މިއަދު ފުރަތަމަ ފަހަރަށް ބައްދަލުވެއްޖެއެވެ.

ޔާމީނާއި އަދީބު ގިނަ ދުވަސްތަކަކަށް ފަހު ބައްދަލުވީ ކްރިމިނަލް ކޯޓުގެ ޝަރީޢަތުގެ މަޖިލީހުންނެވެ. ޔާމީނާއި ދެކޮޅަށް ދައުލަތުން ކުރާ މަނީ ލޯންޑްރިން ދައުވާގެ ޝަރީޢަތުގައި ޔާމީނާއި ދެކޮޅަށް ހެކިބަސް ދިނުމަށް އަދީބު ވަނީ ހާޒިރުކޮށްފައެވެ.

ޔާމީނާއި އަދީބު މިބައްދަލުވީ ގާތްގަނޑަކަށް ތިން އަހަރާއި ދިހަ މަސް ދުވަސް ފަހުންނެވެ.

މިއަދުގެ ޝަރީޢަތުގައި އަދީބު ވިދާޅުވީ ފިނިފެންމާ ލޯންޗް ހާދިސާއަށް ފަހު އޭނާ އަށް 500 އިންސައްތަ އިތުބާރު ކުރައްވާ ކަމަށް ޔާމީން ވިދާޅުވި ކަމަށާއި މަސައްކަތުގައި ކަންކަމުގައި ވަރަށް ގިނައިން ގުޅުއްވި ކަމަށެވެ.

އަދީބުގެ ސިޔާސީ ހަޔާތްޕުޅުގެ ފެށުން ވެސް ގުޅިފައި އޮތީ ޔާމީންގެ އެހީތެރިކަމާއި އެވެ. ކުރީގެ ރައީސް ޑރ.ވަހީދުގެ ވެރިކަމުގައި ޓްއަރިޒަމް މިނިސްޓަރުގެ މަގާމަށް އަދީބު ގެނައީ ޔާމީން ބޭނުންފުޅުވެގެން، ޕީޕީއެމް އިން އަދީބުގެ ނަން ހުށަހަޅައިގެންނެވެ.

2013 ވަނަ އަހަރު ޔާމީނަށް ވެރިކަން ލިބިވަޑައިގެންނެވި ހިސާބުން އެންމެ ބާރުގަދަ ވަޒީރަށް އަދީބު ވެވަޑައިގެން ގާތްގަނޑަކަށް މުޅި ދައުލަތުގެ ކޮންޓްރޯލް އަދީބު ހޯއްދެވިއެވެ. އެއަށްފަހު 2015 ވަނަ އަހަރުގެ ޖުލައި މަހު ނައިބު ރައީސް ކަމަށް ވަޑައިގެންނެވިއެވެ. ނަމަވެސް ނައިބު ރައީސް ކަމުގައި މާގިނަ ދުވަހަކު ހުންނެވޭ ގޮތެއް ނުވިއެވެ.

ޔާމީން އަވަހާރަކޮށްލަން އުޅުނު ކަމަށް ތުހުމަތުކޮށް އަދީބު ހައްޔަރު ކުރުމަށް ފަހު ނައިބު ރައީސް ކަމުން ވަކިކުރީ 2015 ވަނަ އަހަރުގެ ނޮވެމްބަރ 05 ވަނަ ދުވަހުއެވެ.

ޔާމީން އަވަހާރަކޮށްލަން އުޅުނު ކަމަށް ތުހުމަތުކޮށް އަދީބު ހައްޔަރު ކުރުމަށް ފަހު "ފުލުފުލުގައި" އަދީބުގެ މައްސަލަތައް "އުފަންވެގެން އައެވެ." ތަފާތު އެކި މައްސަލަތަކުގައި އަދީބުގެ މައްޗަށް 37 އަހަރުގެ ޖަލު ޙުކުމް އައެވެ. ނަމަވެސް ޔާމީންގެ ސަރުކާރު ބަދަލުވި ފަހުން ފަހަރަކު ޙުކުމެއް ބާތިލް ވަމުން އައިސް އަދީބުގެ މައްޗަށް ހުރި ހުރިހާ ޙުކުމެއް މިހާރު ވަނީ ބާތިލް ވެފައެވެ. އަދީބު މިވަގުތު ބަންދުގައި ހުރީ ސުޕްރީމް ކޯޓުގައި ދައުލަތުން އިސްތިއުނާފް ކޮށްފައިވާ މައްސަލައެއްގެ ޝަރީޢަތް ނިމެންދެންނެވެ.

ޔާމީނާއި ދެކޮޅަށް އަދީބުގެ ޒާތީ ދުޝްމަނުކަމެއް އޮވެދާނެ ކަމަށް ބުނެ އަދީބުގެ ހެކިބަސް، ޔާމީނާއި ދެކޮޅަށް ނުނެގޭނެ ކަމަށް ނިންމައި ދިނުމަށް ޔާމީންގެ ފަރާތުން ކްރިމިނަލް ކޯޓުގައި އެދުނެވެ. ނަމަވެސް ކްރިމިނަލް ކޯޓުން ނިންމީ އަދީބުގެ ހެކިބަސް ނެގުމަށެވެ.