ދައުލަތުގެ ބެލުމުގެ ދަށުގައި ތިބި ކުދިންތަކަކަށް އަނިޔާކުރި މައްސަލަތަކެއް ނުބަލަން، ހިއުމަން ރައިޓްސް ކޮމިޝަން އޮފް މޯލްޑިވްސް (އެޗްއާރުސީއެމް) އިން ނިންމިކަން ހާމަވެއްޖެއެވެ.

އިއްޔެ އެ މައްސަލަތައް ނުބަލަން ނިންމި ސަބަބު އޮޅުންފިލުވުމުގެ ގޮތުން، އެޗްއާރުސީއެމްގެ މެމްބަރުން މަޖިލީހަށް ހާޒިރުކޮށް، އެފަރާތްތަކާއި ސުވާލުކޮށްފައިވާއިރު، ކުޑަކުދިންގެ ހިޔާ އާއި ފިޔަވަތި އަދި ގދ. ތިނަދޫ ފެމިލީ އެންޑް ޗިލްޑްރެން ސާވިސްގެ މުވައްޒަފުންތަކެއްގެ ފަރާތުން ޖުމްލަ 22 ކުއްޖަކަށް އަނިޔާކޮށްގެން ހުށަހެޅި ދިހަ މައްސަލައެއް ހިމެނެއެވެ.

2019 ވަނަ އަހަރުގެ އެންޓި-ޓޯޗާ ރިޕޯޓުގައި ބުނެފައިވާގޮތުގައި މި މައްސަލަތަކާއި ގުޅިގެން ދިހަ މުވައްޒަފަކާއި މެދު ޖެނޑާ މިނިސްޓްރީން ވަނީ އިދާރީ ފިޔަވަޅު އަޅާފައެވެ. އެއަށްފަހު އެ މިނިސްޓްރީން އެފަރާތްތަކުގެ މައުލޫމާތު އެޗްއާރުސީއެމް އާއި ޙިއްސާކޮށްފައި ވީނަމަވެސް ކޮމިޝަނުން މައްސަލަ ތަހުޤީޤު ކޮށްފައިނުވާ ކަމަށް ރިޕޯޓުގައި ވެއެވެ. އެ ރިޕޯޓުގައި ވާގޮތުގައި، އޭގެތެރެއިން ބައެއް މައްސަލަތައް ނުބަލަން ނިންމާފައިވަނީ، ގިނަ ދުވަސްވެފައި ވުމުން ހެއްކާއި ގަރީނާ ހޯދަން ދަތިވާނެކަމަށް ބަލައެވެ.

މިކަމާއި ގުޅިގެން މަޖިލީހުގެ ހިއުމަން ރައިޓްސް އެންޑް ޖެންޑާ ކޮމިޓީން ކުރިމަތިކުރުވި ސުވާލުތަކަށް ޖަވާބުދެމުން އެޗްއާރުސީއެމް އިން އިއްޔެ ބުނެފައިވަނީ، މައްސަލަތަކާއި ގުޅިގެން ކޮމިޝަންގެ ބައްދަލުވުމެއް ބާއްވައި އެކަމުގެ މަޢުލޫމާތާއި ހެއްކަށް ރިޢާޔަތްކޮށްފައިވާނެ ކަމަށެވެ. އަދި އެ މައްސަލަތަކާއި ގުޅުންހުރި ކުދިންނާއި ސުވާލުކޮށްފައި ވެސް ވާނެ ކަމަށާއި، ނަމަވެސް މައްސަލަ އާއި ގުޅިގެން އެއްވެސް ކުއްޖަކާ ސުވާލު ނުކުރާ ކަމަށެވެ.

އެޗްއާރުސީއެމް އިން ބުނީ، ފުލުހުންނާ ގުޅިގެން ތަހުގީގު ކުރިއަށް ގެންދިއުމަށް ޕްރޮސެކިއުޓާ ޖެނެރަލް ލަފާދެއްވި ކަމަށެވެ. އެހެންކަމުން "ޖޮއިންޓް އިންވެސްޓިގޭޝަން" އެއް ކުރިއަށް ގެންދަންވެސް މަސައްކަތް ކޮށްފައިވާއިރު، ފުލުހުންނާއި އެޗްއާރުސީއެމް އިން އެ ކުދިންނާއި ތަކުރާރުކޮށް އެއް ވާހަކަތަކެއް ދެއްކުމުން އެކުދިންނަށް ނަފްސާނީގޮތުން އުނދަގޫ ދިމާވާނެކަން ފާހަގަކުރެވުނު ކަމަށް އެޗްއާރުސީއެމް އިން ބުނެފައި ވެއެވެ. އެޗްއާރުސީއެމް އިން ބުނީ، މި ސަބަބަށްޓަކައި ކުދިންނަށް އަނިޔާކުރި މައްސަލައިގެ ސިސްޓަމެޓިކް ބައި އެ ކޮމިޝަނުން ބަލަން ނިންމައި، އަނިޔާގެ ބައި ފުލުހުން މެދުވެރިކޮށް ތަހުޤީޤު ކުރުމަށް ނިންމީ ކަމަށެވެ.

ދައުލަތުގެ ބެލުމުގެ ދަށުގައި ތިބި ކުދިންތަކަކަށް، އެ ކުދިން ބަލަހައްޓާ މުވައްޒަފުންތަކެއްގެ ފަރާތުން އަނިޔާ ލިބުނު ނަމަވެސް، ހެކި ހޯދަން ދަތިވި ކަމަށް ބުނެ މައްސަލަ ނުބެލި މައްސަލަ ފެންމަތިވެފައިވާއިރު، އޭގެތެރެއިން ބައެއް ކުދިން ބަރަހަނާކުރި މައްސަލަވެސް ހުށަހަޅާފައި ވެއެވެ. މިކަމާއި ގުޅިގެން ކޮންޓްރެކްޓް އުސޫލުން މަސައްކަތް ކުރާ ހަތް މުވައްޒަފަކާއި ދާއިމީ މުވައްޒަފަކާއި ދެކޮޅަށް މައްސަލަ ހުށަހެޅުނެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. ހހ

    mihireee mi meehunge kanthah hunnagoiy. mi meehun kair meehunge dharin bahahtan ves nuvaanehnu

  2. މިމީހުންގެ

    މިމީހުންގެ ދަރިންނެއްނޫންވިޔާ ކޮންމެފަދަގޮތެއްހެދިޔަސްހެވެއްނުން!