ރަށު ކައުންސިލްތަކުގެ އިހްތިސާސް ކަނޑައެޅި، އެ ރަށެއްގެ މުއްސަނދިކަން އެރަށަކަށް ލިބޭނެ ފުރިހަމަ ނިޒާމެއް ޤާއިމްކުރުމަކީ މުޙިންމު ކަމެއް ކަމުގައި އާއި، އެގޮތުން ކައުންސިގެ ދަށުގައިވާ ބިމުގެ ކުލީގެ 100 އިންސައްތަ ކައުންސިލަށް ލިބޭނެގޮތް، ލާމަރުކަޒީ ޤާނޫނަށް ގެންނަ އިސްލާހުން މަގުފަހިވެގެންދާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ސޯލިހު ވިދާޅުވެއްޖެއެވެ.

ރައީސް ސޯލިހު މިގޮތަށް ވިދާޅުވީ، މިއަދު 'އެމް.ޑީ.ޕީ ކައުންސިލަރުންގެ ކޮންފަރެންސް 2019' ހުޅުވުމުގެ ރަސްމިއްޔާތުގައި ބައިވެރިވެވަޑައިގެން ދެއްކެވި ވާހަކަފުޅުގައެވެ.

މި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ، ދިވެހިރާއްޖެ ޑިމޮކްރެސީއަށް ކުރި އުނދަގޫ ދަތުރުގައި އެމްޑީޕީ ވަކާލާތުކުރީ މި ރާއްޖޭގައި އޮންނަން ވާނީ ރައްޔިތުންގެ ޙައްޤުތައް ރައްކާތެރިކޮށްދޭ، ހަމަހަމަކަމާއި އިންޞާފު ލިބިދޭ، ޚިޔާލު ފާޅުކުރުމުގެ ފުރިހަމަ ފުރުޞަތު ލިބިދޭ ވެރިކަމުގެ ނިޒާމެއް ކަމަށެވެ. އެގޮތުން ރައްޔިތުން ހަވާލުކޮށްފައިވާ ޒިންމާ އެންމެ ފުރިހަމަ ގޮތުގައި އަދާކުރެވޭނީ، މާނަވީ ގޮތެއްގައި ލާމަރުކަޒު ކުރެވިގެން ކަމަށް ރައީސް ވިދާޅުވިއެވެ.

"އަޅުގަނޑު ޤަބޫލުކުރާ ގޮތުގައި ދިވެހި ރައްޔިތުން އަޅުގަނޑުމެންނާ ހަވާލުކޮށްފައިވާ މި ބޮޑު ޒިންމާ، އެންމެ ފުރިހަމަ ގޮތުގައި އަދާކުރެވޭނީ، މާނަވީ ގޮތެއްގައި ލާމަރުކަޒު ކުރެވިގެން. ޖަޒީރާ ރާއްޖޭގެ ޙަޤީޤީ ތަރައްޤީއަށް ވާސިލުވެވޭނީ ލާމަރުކަޒީ ރާއްޖެއެއް ބިނާކުރެވިގެން." ރައީސް ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ، ކުރަން ޖެހިފައިވާ އެންމެ މުހިއްމު އެއް ކަމަކީ މާލީ ގޮތުން ލާމަރުކަޒު ކުރުން ކަމަށާއި، ރަށު ކައުންސިލްތަކުގެ އިޚްތިޞާޞް ކަނޑައެޅި، އެ ރަށެއްގެ މުއްސަނދިކަން އެރަށަކަށް ލިބޭނެ ފުރިހަމަ ނިޒާމެއް ޤާއިމުކުރުން ކަމަށް ޤަބޫލުފުޅުކުރައްވާ ކަމަށެވެ.

އެގޮތުން ލާމަރުކަޒީ ނިޒާމަށް ގެންނަ އިޞްލާޙުތަކުގެ ތެރޭގައި ދައުލަތުގެ އާމްދަނީގެ 5% ކައުންސިލްތަކަށް ޚާއްޞަ ކުރެވޭނެ ކަމަށާއި، ބިމާއި ރަށާއި ފަޅާއި ފަރު ފަދަ ތަންތަނުން ކުލީގެ ގޮތުގައި ލިބޭ އާމްދަނީގެ %40 އާއި، މީހުން ދިރިއުޅޭ ރަށްރަށުގެ އިޚްތިޞާޞްގައިވާ ބިމުގެ ކުލީގެ 100% ކައުންސިލްތަކަށް ލިބޭނެކަމަށް ރައީސް ވިދާޅުވިއެވެ. އަދި، ކައުންސިލްތަކުން ނަގާ ފީގެ އާމްދަނީ ވަންނާނީ ސީދާ ކައުންސިލްތަކަށް ކަމަށާއި، ކުންފުންޏާއި ކޯޕަރޭޓިވްސް އުފައްދައިގެން ވިޔަފާރި ކުރުމާއި އާމްދަނީ ހޯދުމުގެ މަގުމ އިސްލާހުގެ ދަށުން ފަހިވެގެންދާނެ ކަމަށް ރައީސް ވިދާޅުވިއެވެ.

މިއަދުގެ ރަސްމިއްޔާތުގައި ރައީސް އިތުރަށް ވިދާޅުވީ، މާލެ ސަރަހައްދަށް ކުރިމަތިވެފައިވާ ތޮއްޖެހުމާއި އިޖްތިމާޢީ މައްސަލަތައް ހައްލުކުރެވޭނީ، ރާއްޖޭގެ ސަރަޙައްދުތައް ތަރައްޤީކުރެވި، ވަޒީފާތައް އުފެދި، ރަށްތަކުގެ ފުދުންތެރިކަން އިތުރުވެގެން ކަމަށާއި، އެހުރިހާ ކަމެއް ކުރެވޭނީ، ޒަމާނުއްސުރެ މާލެއަށް ޖަމާކޮށްފައިވާ ބާރުތައް ދޫކޮށްގެން ކަމަށެވެ.

"ބައެއް ކައުންސިލްތައް ވަރަށް ރަނގަޅަށް ހިނގާކަން ޤަބޫލުކުރަން. އަދި އެހެން ބައެއް ކައުންސިލްތަކުން އިތުރަށް ރަނގަޅުކުރަން ޖެހޭ ގިނަ ކަންކަން ހުރިކަން ވެސް ފާހަގަކުރަން. އަޅުގަނޑުގެ ނަޒަރުގައި ޖުމްލަ ގޮތެއްގައި އަޅުގަނޑުމެން މިދަނީ ކުރިއަށް. މިއީ ފައްކާވަމުން އަންނަ ނިޒާމެއް." ރައީސް ވިދާޅުވިއެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. ޢަދުރޭ

    މީ މީނަޔަށް ކުރެވިދާނެ ކަމެއް. ދައުލަތުގެ ބަޖެޓް އެކި ގޮތްގޮތަށް ބަހާ ހުސްކުރާނެ ގޮތް މީނަޔަށް އެނގެ. ފައިސާ ވައްދާނެ ގޮތެއް ނޭނގެނީ

  2. އެކޮއި

    އެޖެންޑާ19 ފަހަތުގަވަނީ މިގައުމު ފަނާކުރުން