އެމްއެމްޕީއާރްސީގެ ކަންކަމުގައި ޔާމީން ވަރަށް ގިނައިން ގުޅި ކަމަށް ކުރީގެ ނައިބު ރައީސް އަހްމަދު އަދީބު ވިދާޅުވެއްޖެއެވެ.

ޔާމީންގެ މައްޗަށް ދައުލަތުން ކުރާ މަނީ ލޯންޑްރިން ދައުވާ ކުރާ މައްސަލައިގައި ދައުލަތުން ހުށަހެޅި ހެއްކެތްގެ ގޮތުގައި އަދީބު ހާޒިރު ކުރުމުން އަދީބު ވިދާޅުވީ ކެމްޕޭން ފައިސާ އޭނާ ބަލަހައްޓަވަމުން ގެންދެވި ކަމަށާއި ނަމަވެސް 2015 ވަނަ އަހަރު ކެމްޕޭން އެއްވެސް ފައިސާއެއް ނުބަލަހައްޓާ ކަމަށެވެ.

އަދީބު ވިދާޅުވީ ފިނިފެންމާގެ ހާދިސާއަށް ފަހު އެމްއެމްޕީއާރްސީގެ ފައިސާގެ ކަންކަމުގައި ވަރަށް ގިނައިން ޔާމީން ގުޅުއްވި ކަމަށެވެ. އަދި ހާއްސަކޮށް ވޮޑެމުއްލާ ނަމަކަށް ކިޔާ ރަށެއްގެ އެކްޒިޝިން ކޯސްޓްގެ ފައިސާ އާއި ބެހޭ ގޮތުން ޔާމީން ގުޅުއްވި ކަމަށް އަދީބު ވިދާޅުވިއެވެ.

ނަމަވެސް އެމައްސަލައިގައި ވޮޑެމުއްލާ މައްސަލައިގައި ފުލުހުން ސުވާލުކޮށްފައި ނުވާކަމަށް އަދީބު ވިދާޅުވިއެވެ.

އަދީބު އެހެން ވިދާޅުވުމުން ޔާމީން ވަނީ ގިނަ ސުވާލުތަކެއް އަދީބާއި ކުރިމަތި ކުރުވާފައެވެ. އަދި ގާޒީ މުހައްމަދު ހައިލަމް ވެސް ވަނީ އެމައްސަލައިގައި ވެސް އަދި އެމްއެމްޕީއާރްސީގެ ފައިސާ ޔާމީންގެ އެކައުންޓަށް ޖަމާކުރުމާއި ބެހޭ ގޮތުން އަދީބާއި ފުލުހުން ސުވާލު ނުކުރީ ކީއްވެތޯ އައްސަވާފައެވެ.

އަދީބު ވިދާޅުވީ އޭނާ އާއި ފުލުހުން ހަމައެކަނި ސުވާލު ކުރީ ޔާމީނާއި، ޕީޕީއެމްގެ ކެމްޕޭނަށް ލިބުނު ފައިސާ އާއި ބެހޭ ގޮތުން އެކަނި ކަމަށެވެ.

ޔާމީނަށް ކުރާ ދައުވާގައި އޮންނަނީ ވޮޑަމުލާ ކިޔާ ފަޅުރަށެއްގެ އިކުއުޒިޝަން ކޮސްޓްގެ ގޮތުގައި ލިބުނު އެއް މިލިއަން ޑަޮލަރު ޔާމީންގެ އެކައުންޓަށް ޖަމާކުރުމަށް ފަހު އެ ފައިސާ ލޯންޑާކުރި ކަމަށެވެ. ނަމަވެސް ޔާމީން ވިދާޅުވަމުން ގެންދަވަނީ އެމަނިކުފާނުގެ އެކައުންޓަށް ޖަމާވި ފައިސާ އަކީ އަދީބުގެ އަތުގައި ހުރި ކެމްޕޭން ފައިސާ ކަމަށެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. ކަޑަބޮއް

    އައްޗީޑި ތީކާކުަތަ މީހަކުގުޅަން ދޮގެެއްއޮތީއްޔާ ހެދޭތޯބަލާތި

    51
    5
  2. ހެޔޮވިސްނުން

    ބަލަގަ! ދައުލަތަށް ލިބެންޖެހޭ ފައިސާ ހޯދުމަށް ގުޅާނީ ރައީސް މީހާ ނޫންތޯއެވެ!

    35
    2