ރަށު ކައުންސިލްތަކުގެ އިހްތިސާސް ކަނޑައެޅި، އެ ރަށެއްގެ މުއްސަނދިކަން އެ ރަށަކަށް ލިބޭނެ ފުރިހަމަ ނިޒާމެއް ގާއިމް ކޮށް، ދައުލަތުގެ އާމްދަނީގެ ފަސް އިންސައްތަ ކައުންސިލްތަކަށް ހާއްސަ ކުރެވޭނެ ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހް މިއަދު ވިދާޅުވެއްޖެ އެވެ.

އެމްޑީޕީ ކައުންސިލަރުންގެ ކޮންފަރެންސް ފަށަން ހުޅުމާލޭ ހުރަވީ ސްކޫލްގައި އޮތް ރަސްމިއްޔާތުގައި ރައީސް ވިދާޅުވީ ރަށެއްގެ މުއްސަނދިކަން އެ ރަށަކަށް ލިބޭނެ ފުރިހަމަ ނިޒާމެއް ގާއިމްވާން ޖެހޭނެ ކަމަށެވެ.

"ޖަޒީރާވަންތަ ރާއްޖެ ތަރައްގީ ކުރެވޭނީ، ކައުންސިލްތަކަށް މާލީ ބާރުވެރިކަން ލިބިގެން, ރަށު ކައުންސިލްތަކުގެ އިހްތިސާސް ކަނޑައެޅި، އެ ރަށެއްގެ މުއްސަނދިކަން އެ ރަށަކަށް ލިބޭނެ ފުރިހަމަ ނިޒާމެއް ގާއިމް ކުރަން ޖެހޭ" އެމަނިކުފާނު ވިދާޅުވި އެވެ.

ރައީސް ވިދާޅުވީ ލާމަރުކަޒީ ނިޒާމް ފުރިހަމަ ކުރުމަށް ގެންނަން ޖެހޭ ގާނޫނީ ބަދަލުތައް ޑްރާފްޓް ކޮށްފައިވާ ކަމަށާއި ކައުންސިލްތަކުން ނަގާ ފީގެ އާމްދަނީ ވަންނާނީ ސީދާ ކައުންސިލްތަކަށް ކަމަށް ރައީސް ވިދާޅުވިއެވެ.

ރައީސް ވިދާޅުވި ގޮތުގައި ކުންފުންޏާއި ކޯޕަރޭޓިވްސް އުފައްދައިގެން ވިޔަފާރި ކުރުމާއި އާމްދަނީ ހޯދުމުގެ މަގު ކައުންސިލްތަކުން ފީ ނަގަން ފެށުމުން ފަހިވެގެންދާނެ އެވެ.

"ގިނަ ހެޔޮ ބަދަލުތައް މި ގާނޫނަށް ގެނައުމުގެ މަސައްކަތް ކުރެވޭނެ, އިސްލާހުތަކުގެ ތެރޭގައި، މީހުން ދިރިއުޅޭ ރަށްރަށުގެ އިހްތިސާސްގައިވާ ބިމުގެ ކުލީގެ 100 އިންސައްތަ ކައުންސިލްތަކަށް ބިމާއި ރަށާއި ފަޅާއި ފަރު ފަދަ ތަންތަނުން ލިބޭ ކުލީގެ އާމްދަނީގެ 40 އިންސައްތަ ދޫކޮށްލެވޭނެ،" ރައީސް ވިދާޅުވިއެވެ.

މީގެ އިތުރުން ލާމަރުކަޒީ ނިޒާމަށް ގެންނަން ހުށަހަޅާ އިސްލާހުތަކުގެ ތެރޭގައި، ރަށު އަދި ސިޓީ ކައުންސިލް ގޮނޑީގެ 33 އިންސައްތަ ޖާގަ އަންހެނުންނަށް ހާއްސަ ކުރުމަށް ނިންމާފައިވާ ކަމަށް ރައީސް ވިދާޅުވި އެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. ދުނިޔެ

    ކައުންސެލަރުންގެ މުސާރަ ބޮޑުކޮއް އިމައްލަ ޖީބަށް ބަރުކުރާނެ ގޮތެއް ހޯދަނީ