ޤާނޫނާއި ހިލާފަށް ކަންތައްތައް ކުރިން ކަމަށާއި ޖަލު ޙުކުމެއްގައި މިހުރީ އެހެންވެގެން ކަމަށް އެމްއެމްޕީއާރްސީގެ ކުރީގެ މެނޭޖިން ޑިރެކްޓަރ އަބްދުﷲ ޒިޔަތު ވިދާޅުވެއްޖެއެވެ.
ޒިޔަތު މިހެން ވިދާޅުވީ ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ މައްޗަށް ދައުލަތުން ކުރާ މަނީ ލޯންޑްރިން ދައުވާގެ މިއަދުގެ އަޑުއެހުމުގައި ޔާމީނާއި ދެކޮޅަށް ހެކިބަސް ދެމުން ޔާމީން ކުރިމަތި ކުރި ސުވާލެއްގެ ޖަވާބުގައެވެ.
އެމްއެމްޕީއާރްސީ މެދުވެރިކޮށް ދައުލަތައް ލިބެން ޖެހޭ ފަސް މިލިއަން ޑޮލަރު (77 މިލިއަން ދިވެހި ރުފިޔަ) އަށް ޚިޔާނާތްތެރިވި މައްސަލައެއްގައި ޒިޔަތު އަށް އަހަރަށް ޖަލަށް ލާން ކްރިމިނަލް ކޯޓުން ޙުކުމް ކުރީ 2016 ވަނަ އަހަރުގެ ޖޫން މަހުއެވެ. އެ ޙުކުމަށް ހައިކޯޓުން ވަނީ ތާއިދުކޮށްފައެވެ.
ޒިޔަތުގެ މައްޗަށް އިއްވާފައި ވަނީ އަށް އަހަރުގެ ޖަލު ޙުކުމެއް ނަމަވެސް މިދިޔަ ފެބްރުއަރީ މަހުގެ 9 ވަނަ ދުވަހުން ފެށިގެން ޒިޔަތު ހުންނަނީ ގޭބަންދުގައެވެ.
ޔާމީންގެ މައްޗަށް ދައުލަތުން ދައުވާ ކުރާ މަނީލޯންޑްރިން މައްސަލައިގައި ޔާމީނާއި ދެކޮޅަށް ޒިޔަތު ފުލުހުންނަށް ބަޔާން ދިނީ ފެބްރުއަރީ މަހު ފުލުހުންނަށް ބަޔާން ދިނުމުގެ އެއް ދުވަސް ކުރިންނެވެ. ޔާމީންގެ ވަކީލް ވަނީ އެކަން މިއަދުގެ ޝަރީޢަތުގައި ފާހަގަ ކުރައްވާފައެވެ. އަދި 2016 ވަނަ އަހަރު ޒިޔަތު އޭސީސީ އަށް ދިން ބަޔާނާއި ހިލާފަށް މިއަހަރު ފުލުހުންނަށް ބަޔާން ދީފައި ވާތީ އެކަމާއި ވެސް ޔާމީންގެ ވަކީލް އާދަމް އާސިމް މިއަދު ސުވާލު ކުރެއްވިއެވެ.
ޖަވާބުގައި ޒިޔަތު ވިދާޅުވީ އޭރު އެގޮތައް ބަޔާން ދިނީ ހަނދާނުގައި އެގޮތައް ހުރުމުން ކަމަށެވެ.
ވޮޑެމުއްލާގެ އެގްޒިޝަން ކޯސްޓްގެ ގޮތުގައި ލިބުނު ފައިސާ ހަވާލު ކުރީ ކާކާތޯ ޔާމީންގެ ވަކީލް ޒިޔަތު އާއި ސުވާލު ކުރުމުން ޒިޔަތު ފުރަތަމަ ވިދާޅުވީ އެފައިސާ ހަވާލު ކުރީ އަދީބު އާއި ކަމަށެވެ. ނަމަވެސް ދެން ވިދާޅުވީ އަދީބު ރާއްޖޭގައި ނެތުމުން އެފައިސާ ހަވާލު ކުރީ އެސްއޯއެފްގެ ބޭފުޅަކާއި ކަމަށެވެ.
ޒިޔަތު މިއަދުގެ ޝަރީޢަތުގައި ވިދާޅުވީ އެމްއެމްޕީއާރްސީ މެދުވެރިކޮށް ދައުލަތައް ލިބޭ ފައިސާ އަށް ހަދަންވީ ގޮތް ރައީސް ޔާމީން ވެސް އަދި އަދީބު ވެސް އަންގަވަމުން ގެންދެވި ކަމަށެވެ. ޔާމީން އެންގެވުންތައް އަންގަވަނީ ކިހިނެއްތޯ ސުވާލު ކުރުމުން ޒިޔަތު ވިދާޅުވީ ފޯނުން ކަމަށެވެ.
ޒިޔަތު އެހެން ވިދާޅުވުމުން ޔާމީން ވަނީ ޒިޔަތު އާއި ފޯނުން ބައްދަލު ނުވާކަމަށް ވިދާޅުވެފައެވެ.
"އަޅުގަނޑާއި ޒިޔަތަކީ ފޯނުން ބައްދަލުވި މީހެއް ނޫން. އަޅުގަނޑާއި ޒިޔަތު ބައްދަލުވީ އެންމެ ފަހަރަކު. އެއީ ފުލުހުންގެ ތަޙްޤީޤެއްގައި ހަނު ހުރުމުން (ފިނިފެންމާ ގޮއްވާލި ދުވަސްވަރު) ރައީސް އޮފީހުގައި ބޭއްވި ބައްދަލުވުމެއްގައި." ޔާމީން ވިދާޅުވިއެވެ.
އެމްއެމްޕީއާރްސީ އިން މިހައި ބޮޑު ގޯސް ހަދަމުން ދިޔައިރު އިސްތިއުފާ ދޭން ޖެހޭ ކަމަށް ގަބޫލު ކުރަންތޯ ޔާމީން ސުވާލު ކުރުމުން ޒިޔަތު ވިދާޅުވީ އިސްތިއުފާ ދޭން ޖެހޭނެ ކަމަށް ގަބޫލު ނުކުރާކަމަށައި ނަމަވެސް ޤާނޫނާއި ހިލާފުކަންކަން އަމިއްލަފުޅަށް ކުރެއްވި ކަމަށް އެއްބަސްވާ ކަމަށެވެ.
ޒިޔަތުގެ ހެކިބަސް ނެގުމަށް ފަހު މިއަދުގެ އަޑުއެހުން ވަނީ ނިންމާލާފައެވެ. ދެން މިމައްސަލައިގެ އަޑުއެހުމެއް އޮންނާނީ އަންނަ މަހުގެ 03 ވަނަ ދުވަހު އެވެ.
ދައުލަތް ކާލި އަދީބާއި ޒިޔަތު ޔާމީނުގެ މައްޗަށް ދޮގުހެކި ދީފާނެކަމީ ގަބޫލްކުރެވޭ ކަމެކެވެ. ޔައުނީ މިހާރުގެ ސަރުކާރުން މި ދެމީހުންނަށް ދީފައިވާ ލުއިތަކަކީވެސް ވޯކްކުރާނެ ކަންތަކެވެ.
އެއްދޮގު ފޮރުވަން ހަތް ދޮގު ހަދަން އަޅުގަނޑަށް މިޔަދުއެބަ މަޖުބޫރުވޭ. ދޮގުނުހަދާ އަޅުގަނޑު ސަލާމަތެއްނުވާނެ.
ވަރަ ށްލޯބިސޮރެއް އެކަމަކު ނަޒާހަތްތެރި ނޫންވީމަ ވައިއެޅޭކަށް ނުވާނެދޯ
މި މީހުނގެ ހެކިބަސް ހަމ ަޞައްހަވާނެބާ/؟ އަދީބާއި ޒިޔަތު އަކީ ކުށްކޮށްގެނ ްޖަލަށްލާފަ ތިބިބައެއް. މިހާރު ގޭބަންދަށް ބަދަލުކޮށްގެން ނުފޫޒު ފޯރުވާކަން އެނގިތިބެ ހަމަ ހެކި ސައްހަވާނެތޯ