މޯލްޑިވްސް ކަސްޓަމްސް ސާވިސްގެ މުވައްޒަފުންނާއި ބެހޭ ޤަވައިދަށް އިސްލާހު ގެނެސް އެއިދާރާގައި މަސައްކަތް ކުރާ މުވައްޒަފުންގެ މަގާމުގެ ޝަރުތައް އަލުން ކަނޑައަޅައިފިއެވެ.

އިއްޔެ ކަސްޓަމްސް އިން އަމަލު ކުރަން ފެށި ޤަވައިދުގެ ދަށުން ކަސްޓަމްސްގެ އެކި ރޭންކްތަކުގެ މުވައްޒަފުންގެ ކިބައިގައި ހުންނަން ޖެހޭ ޝަރުތުތަކަށް ވަނީ ބައެއް ބަދަލުތައް ގެނެސްފައެވެ. މިއީ 2012 ވަނަ އަހަރު މިޤަވައިދަށް އަމަލު ކުރަން ފެށި ފަހުން މުވައްޒަފުންގެ މަގާމުގެ ޝަރުތުތަކަށް ބަދަލު ގެނައި ފުރަތަމަ ފަހަރެވެ.

އަލަށް ގެނައި ބަދަލުތަކުގެ ތެރޭގައި މައިގަނޑު ގޮތެއްގައި ފާހަގަ ކުރެވެނީ ކުރިން ބައެއް މަގާމުތަކުގެ ޝަރުތެއްގެ ގޮތުގައި ތަޖުރިބާ ހޯދަން އޮންނަ މުއްދަތު ކުޑަ ކޮށްފައިވުމެވެ.

ނަމަވެސް މަސައްކަތުގެ ފެންވަރު ބެލުމުގެ ނިޒާމުން ދަށްވެގެން ހޯދަން ޖެހޭ މާކްސްގެ އަދަދު ވަނީ އިތުރުކޮށްފައެވެ.

މުވައްޒަފުންގެ ޤަވައިދަށް ބަދަލު ގެނެސް އަލުން ޝަރުތުތައް ކަނޑައެޅި މަގާމުތަކުގެ ތެރޭގައި އެސްސިޓެންޓް ކަސްޓަމްސް އޮފިސަރުންގެ މަގާމުން ފެށިގެން އެސިސްޓެންޓް ކޮމިޝަނަރ އޮފް ކަސްޓަމްސްގެ މަގާމާއި ދެމެދުގައި ހުރި މަގާމުތައް ހިމެނެއެވެ.

ކަސްޓަމްސްގެ މަގާމުތަކުގެ ޝަރުތައް އަލުން ކަނޑައަޅާފައި މިވަނީ ދާދިފަހުން ކަސްޓަމްސް އިން އިއުލާން ކުރި ވަޒީފާތަކަކަށް ރެކޯޑް މިންވަރަކަށް މީހުން ކުރިމަތިލާފައި ވަނިކޮށެވެ. ކަސްޓަމްސްގެ 22 މަގާމަކަށް ޖުލައި މަހު 1200 އެއްހައި މީހުން ކުރިމަތިލިއެވެ.

ކަސްޓަމްސް އިން ބުނެފައި ވަނީ އެއިދާރާގެ ވަޒީފާތަކަށް ގިނަ ބަޔަކު ކުރިމަތިލަނީ ވަޒީފާގެ ކުރިއެރުންތައް ލިބުން ރަނގަޅުވެފައި، މުވައްޒަފުންގެ ތަރައްޤީއަށް ގިނަ މަސައްކަތްތަކެއް ކަސްޓަމްސް އިން ކުރާތީ ކަމަށެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. މީމަ

    އެކަމަކު ވަޒީފާދިނީ ރައްޓެހިންނާއި ރަހުމަތްތެރިންނަށް....

    22
    4
  2. ނަގޫގޮށްޖެހި

    ގިނަ މީހުން ކުރިމަތިލަނީ ނާޖާއިޒު ފައިދާ ނަގަން ފަސޭހަ ކޮރަޕްޝަން އިންތިހާއަށް އޮންނަ ތަނަކަށްވާތީ.

    21
    6