ޗައިނާގައި މިހާރު ކުރިއަށްދާ ކެއްކުމުގެ ބައިނަލްއަޤްވާމީ މުބާރާތެއް ކަމަށްވާ "އިންޓަނޭޝަނަލް ޗައިނީޒް ކުޒީން ވޯލްޑް ޗެމްޕިއަންޝިޕް"ގައި ރާއްޖެއަށް ލޯ މެޑަލް ލިބިއްޖެއެވެ.

މި މުބާރާތުގައި ދިވެހި ހަ ޝެފަކު ދަނީ ބައިވެރިވަމުންނެވެ. މިމަހުގެ 21 އިން 24 ވަަނަ ދުވަހުގެ ނިޔަލަށް ޗައިނާގައި ކުރިއަށްގެންދާ މި މުބާރާތުގައި ރާއްޖެއަށް ލޯ މެޑަލް ހޯދީ، ދުނިޔޭގެ އެކި ގައުމުތަކުގެ 24 ޓީމަކާއި ވާދަކޮށެވެ.

ރާއްޖޭގެ ޝެފުން މި ހޯދި ކާމިޔާބީއަށް ޔޫތް މިނިސްޓަރ މަހުލޫފް އަހުމަދު ވަނީ މަރުހަބާ ދަންނަވާފައެވެ.

މި މުބާރާތުގައި ދިވެހި ޝެފުން ބައިވެރިވެފައިވަނީ ޝެފް ގިލްޑް އޮފް މޯލްޑިވްސްގެ ފަރާތުންނެވެ.

މި މުބާރާތުގައި ބައިވެރިވާ ދިވެހި ޝެފުންނަކީ ފާރަފުށި މޯލްޑިވްސްގައި މަސައްކަތްކުރާ މުޙައްމަދު އާދިލްއާއި، މަލަހިނި ކުޑަ ބަނޑޮސްގައި މަސައްކަތްކުރާ ރިއްފަތު މުޙައްމަދާއި، ބަރޮސް މޯލްޑިވްސްގެ އިބްރާހިމް ނާތިފްއާއި، އޮއިޝީގެ އޯނަރު އަޙްމަދު ފަތީންގެ އިތުރުން ކަލިނަރީ ކޮންސަލްޓެންޓެއްކަމަށްވާ އިބްރާހިމް ނައީމް އާއި ފޯރ ސީޒަންސް މޯލްޑިވްސް އެޓް ލަނޑާ ގިރާވަރުގައި މަސައްކަތްކުރާ އަޙްމަދު މާޒިމްއެވެ.

މި މުބާރާތުގައި ފަނޑިޔާރެއްގެ ގޮތުގައި ދިވެހި ޝެފެއްކަމަށްވާ އިސްމާއިލް ސޯދިގު ވެސް ބައިވެރިވިއެވެ. މިއީ މިފަދަ ބޮޑު ބައިނަލްއަގުވާމީ މުބާރާތެއްގައި ފުލް ޖަޖެއްގެ ގޮތުގައި ދިވެއްސަކު މަސައްކަތް ކުރި ފުރަތަމަ ފަހަރެވެ.

ކިޔުންތެރިންގެ ހިޔާލު