ޖުޑީޝަލް ސަރވިސް ކޮމިޝަން (ޖޭއެސްސީ) އަށް ދަށު ކޯޓުތަކުގެ ފަނޑިޔާރުންގެ ތެރެއިން އައްޔަންކުރާ ފަނޑިޔާރު އިންތިޚާބު ކުރުމަށް ބާއްވާ އިންތިޚާބުގެ ވޯޓުލުން މިއަދު ފަށައިފިއެވެ.

މިއިންތިޚާބުގައި ވޯޓުލުން ކުރިއަށްދަނީ އިންތިޚާބީ މަރުކަޒު، ބާޖަމާލުއްދީނާއި، ކޮންމެ ސިޓީ އަކާއި ކޮންމެ އަތޮޅެއްގެ ވެރިކަން ކުރާ ރަށެއްގައި ހުންނަ ކޯޓު އިމާރާތުގައެވެ.

އިލެކްޝަންސް ކޮމިޝަނުން ވިދަޅުވީ، މި ވޯޓުލުން ކުރިއަށްދާނީ ހެނދުނު ނުވައަކުން ފެށިގެން ހަވީރު ފަހެއް ޖެހުމާއި ހަމައަށްކަމަށެވެ.

މި އިންތިޚާބުގައި ވާދަކުރައްވަނީ ކްރިމިނަލް ކޯޓުގެ އިސް ޤާޟީ، ލ.ޖުޑީޝަލް ދާއިރާގެ އިސް މެޖިސްޓްރޭޓާއި އަދި ގދ.ފިޔޯރީ ކޯޓުގެ މެޖިސްޓްރޭޓެވެ.

178 ފަނޑިޔާރުންނަށް ވޯޓު ދިނުމުގެ ޙައްޤު ލިބިގެންވާ މި އިންތިޚާބުގެ ވަގުތީ ނަތީޖާ މިއަދު އިޢުލާން ކުރައްވާނެ ކަމަށް އިލެކްޝަންސް ކޮމިޝަނުނަ ވިދާޅުވިއެވެ. އަދި މި ވޯޓުގެ ދާއިމީ ނަތީޖާ މާދަމާ އިޢުލާން ކުރައްވާނެކަމަށެވެ.

ފަނޑިޔާރަކު ހޮވުމަށް އިންތިޚާބު މިބާއްވަނީ، މިހާރު އެމެންބަރުގެ ގޮތުގައި ހުންނެވި އަލްއުސްތާޛު މުޙައްމަދު ޢީސާ ފުޅުގެ ދައުރު މިމަހުގެ 27 ވަނަ ދުވަހުގެ ނިޔަލަށް ހަމަވާތީއެވެ.

ޖޭއެސްސީގައި ތިއްބަވާނީ ދަށު ކޯޓުތަކުގެ ފަނޑިޔާރުންގެ ތެރެއިން އެކޯޓުތަކުން އިންތިޚާބުކޮށްފައިވާ ފަނޑިޔާރާ އެކު 10 މެންބަރުންނެވެ.

ކިޔުންތެރިންގެ ހިޔާލު