ދަށު ކޯޓުތަކުގައި މައްސަލަތައް ފުނިޖެހި މައްސަލަތައް ނުނިމި ލަސްވާ ކަމަށް އުއްތަމަ ފަނޑިޔާރު ޑރ. އަހުމަދު އަބްދުﷲ ދީދީ ވިދާޅުވެއްޖެެވެ.

މިއަދު ހޮޓެލް ޖެންގައި ފެށި ޖުޑިޝަލް އެކްސްޗޭންޖް އޮން އޮލްޓަނޭޓިވް ޑިސްޕިއުޓް ރިޒޮލިއުޝަން ސެމިނާގައި ވާހަކަ ދައްކަވަމުން އުއްތަމަ ފަނޑިޔާރު ވިދާޅުވީ ދަށު ކޯޓުތަކުގައި މައްސަލަތައް ފުނިޖެހި މައްސަލަތައް ނުނިމި ލަސްވާ ކަމަށާއި ގާނޫނީ ކަންކަމަށް ހޭދަވާ ޚަރަދުތައް ބޮޑުކަމަށެވެ.

"ރާއްޖެ ކުރިއަރައި ވިޔަފާރިތައް އިތުރުވާން ފަށާފައިވާއިރު މިއީ ކުރިއަށް އޮތް ތަނުގައި، ވިޔަފާރިއާ ގުޅޭ މައްސަލަތައް އިތުރުވާނެ އެހެން ކަމުން , އަލްޓަނޭޓް ޑިސްޕިއުޓް ރިޒޮލިއުޝަން(އޭޑީއާރް) ގެ ނިޒާމު މިހާރު ރާއްޖެއަށް ވަރަށް މުހިންމު" އުއްތަމަ ފަނޑިޔާރު ވިދާޅުވިއެވެ.

އުއްތަމަ ފަނޑިޔާރު ވިދާޅުވީ، އެމްއައިއޭސީ ވުޖޫދަށް އައުމަކީ ރާއްޖޭއަށް ލިބުނު ބޮޑު ކުރިއެރުމެއް ކަމަށެވެ.

" އާބިޓްރޭޝަން ސެންޓަރުން ވިޔަފާރީގެ ދާއިރާއަށް އިސްކަން ދީގެން ރާއްޖޭގެ ގާނޫނީ ނިޒާމަށް ކުރިއެރުން ލިބޭނެ ކަމުގެ ޔަގީންކަން އެބައޮތް " އުއްތަމަ ފަނޑިޔާރު ވިދާޅުވިއެވެ.

މި މަހު 23 އިން 25 ގެ ނިޔަލަށް އެމެރިކާގެ ސްޓޭޓް ޑިޕާޓުމެންޓްގެ އެހީގައި މޯލްޑިވްސް އިންޓަނޭޝަނަލް އާރބިޓްރީ ސެންޓަރާއި , ސިލޯން ޗެންބަރ އޮފް ކޮމާރސް އަދި އެމެރިކާގެ ޑިޕާޓްމެންޓް އޮފް ކޮމާރސްގެ ކޮމާޝަލް ލޯ ގުޅިގެން ބާއްވާ މި ބައްދަލުވުމުގައި ރާއްޖޭގެ 15 ފަޑިޔާރަކު ބައިވެރިވެއެވެ.

މި ބައްދަލުވުމުގައި އުއްތަމަ ފަޑިޔާރު އަބްދުﷲ ދީދީގެ އިތުރުން ރާއްޖެއިން ބައިވެރިވާ ފަޑިޔާރުންނަކީ ސްޕްރީމް ކޯޓުގެ ފަޑިޔާރު އާދަމް މުހައްމަދު އަބްދުﷲ, ސްޕްރީމް ކޯޓުގެ ފަޑިޔާރު އަބްދުލް ގަނީ މުހައްމަދު, ހައިކޯޓުގެ ފަޑިޔާރު ސުޖާއު އުސްމާން , ހައިކޯޓުގެ ފަޑިޔާރު ޝުއައިބް ހުސެއިން ޒަކަރިޔާ , ހައިކޯޓުގެ ފަޑިޔާރު އަބްދުލް ރައުފް އިބްރާހިމް , ހައިކޯޓުގެ ފަޑިޔާރު އަލީ ސަމީރު , ހައިކޯޓުގެ ފަޑިޔާރު މުހައްމަދު ފައިސަލް , ހައިކޯޓުގެ ފަޑިޔާރު ހުސެއިން ޝަހީދު , ސިވިލް ކޯޓުގެ އިސް ފަޑިޔާރު އަބްދުﷲ އަލީ, ސިވިލް ކޯޓުގެ ފަޑިޔާރު ހާތިފް ހިލްމީ , ސިވިލް ކޯޓުގެ ފަޑިޔާރު ޒުބެއިރު މުހައްމަދު, ސިވިލް ކޯޓުގެ ފަޑިޔާރު އަދަމް އިބްރާހިމް އިސްމާއިލް , ސިވިލް ކޯޓުގެ ފަޑިޔާރު އަހުމަދު ރަޝީދު , ސިވިލް ކޯޓުގެ ފަޑިޔާރު އަލީ އަބްދުﷲ , ސިވިލް ކޯޓުގެ ފަޑިޔާރު ހަސަން ފަހީމް އިބްރާހީމެއެވެ.

މި ބައްދަލުވުމުގައި ލަންކާގެ 6 ފަޑިޔާރަކު ވެސް ބައިވެރިވެއެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. ޑެއިލް

    މީކިހިނެއްވެފަތިބި ބައެއްތަ. އަބަދުވެސް އެހެންމީހުން ކުށްވެރިކުރުމުގަ. ބަލަ މިދިޔަ މަހު ތިކޯޓުން ނިންމީ ތިކޯޓަށް ހުށަހެޅުނުތާ 3 އަހަރުވީ މމައްސަލައެއް. ހުރިހާ މަސައްކަތެއް ދަށުކޯޓުތަކަށް. ގިނަ މައްސަލަވެސް ދަށުކޯޓުގަ. ތިކޯޓަށް ދަނީ އިތުރު 2ކޯޓުން ފިލްޓަރުކޮށްފަ. ރިޕޯޓާވެސް އެކުގަ. އެވަރުންވެސް 3 އަހަރުވީމަ އޯކޭ. މިހާރުވެސް އެބަހުރި 3 އަހަރުވީ މައްސަލަތައް. 7 ފަނޑިޔާރުން ތިބިގެން 1 މައްސަނިމޭކަމަށްވަނީ. ބޮޑުމުސާރަ. ޒަމާނީ ވަސީލަތް. ހެސްކިޔާފަ މުވައްޒަފުން.ގޯސްވަނީ ދަށުކޯޓުތައް.