ރައްޔިތުން މަޖިލީހުގެ ސްޕަ މެޖޯރިޓީ ރައްޔިތުންގެ މަޖިލީހުގައި އެބައޮތް ކަމަށާއި އެހެންކަމުން ތެޅިނުގަނެ ކަންކަން ރަނގަޅަށް ކޮށްދެއްވުމަށް އެދިވަޑައިގަންނަވާ ކަމަށް ރައްޔިތުން މަޖިލީހުގެ ނޮޅިވަރަމް ދާއިރާގެ މެންބަރު މުހައްމަދު ނަޝީދު އަބްދުﷲ (މޮސްޓާ) ވިދާޅުވެއްޖެއެވެ.

މެންބަރު މޮސްޓާ މިހެން ވިދާޅުވީ ސުޕްރީމް ކޯޓުން ޤާނޫނާއި ހިލާފަށް ކޮށްފައިވާ ކަމަށް ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އަށް ފާހަގަ ކުރެވުނު 17 ކަމެއް ހިމެނުއްވުމަށް ފަހު ރައްޔިތުންގެ މަޖިލީހަށް ފޮނުވި ރިޕޯޓާއި ބެހޭ ގޮތުން މިއަދުގެ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުންނެވެ.

މެމްބަރު މޮސްޓާ ވިދާޅުވީ ރިޕޯޓެއް ތައްޔާރު ކުރާއިރު ޖޭއެސްސީ އިން ވެސް ކަންކަން މިހާރަށް ވުރެ ބޮޑަށް ފާހަގަ ކުރަން ޖެހޭ ކަމަށެވެ.

"ފެބްރުއަރީ 01 ގައި މައްސުނިގަނޑެއްހެން ނެރުނު އަމުރު" ރިޕޯޓްގައި ނެތް ކަމަށް ވިދާޅުވެ މޮސްޓާ އެކަމާއި ކަންބޮޑުވުން ފާޅުކުރެއްވިއެވެ. އޭނާގެ ކަންބޮޑުވުންތަކާއި ގުޅިގެން އޭނާގެ ވާހަކަފުޅު މެދުކަނޑާލުމަށް ފަހު ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވީ ފެބްރުއަރީ 01 ގައި ނެރުނު އަމުުރުގެ ވާހަކަ ރިޕޯޓްގައި އެބައޮތް ކަމަށާއި ރިޕޯޓް ބައްލަވާލެއްވުން ރަނގަޅު ވާނެ ކަމަށެވެ.

ޖަވާބުގައި މޮސްޓާ ވިދާޅުވީ އޭނާ ރިޕޯޓް ބައްލަވައިގެން ކަމަށާއި ރިޕޯޓްގައި އޮތީ ފެބްރުއަރީ 01 ގައި ނެރުނު އަމުރު ބާތިލް ކުރުން މައްސަލައަކަށްވި ވާހަކަކަމަށެވެ.

"ރިޕޯޓެއް އެއްޗެއް ތައްޔާރުކުރާއިރު ތަންކޮޅެއް ރަނގަޅަށް ބަލާލައިގެން ތައްޔާރު ކުރުމަށް ދަންނަވަން. ވަކި މަޤުޞަދެއް ހާސިލް ކުރަން މިފަދަ ކަންކަން ނުކޮށް." މޮސްޓާ ވިދާޅުވިއެވެ.

ސުޕްރީމް ކޯޓަށް ފަނޑިޔާރުން އައްޔަން ކުރުމަށް ނިންމާފައި ވާއިރު ކުރިމަތިލާން ހުޅުވާލީ ހުކުރު ދުވަހު ކަމަށާއި އާދީއްތަ ދުވަހު މެންދުރާއި ހަމައަށް ފުރުސަތު ބަންދުވާއިރު ކުށުގެ ރެކޯޑް ސާފުކުރުން ފަދަ ކަންކަން މިކުޑަވަތުކޮޅުގެ ތެރޭގައި ނުކުރެވޭނެ ކަމަށް އޭނާ ވިދާޅުވިއެވެ.

"ތިބޭފުޅުންގެ ސްޕަމެޖޯރިޓީ މިއޮތީ. ވަރަށް ފަހުރުވެރިވެލާފައި އެބަ ބުނޭ 64، 65 ކަމަށް. މަނިކުފާނު ލައިގެން 65. އެހެންވިއްޔާ ތެޅިގަނެގެން ނޫނަސް މިކަންކަން ހައްލު ކުރެވޭނެ ނޫންތޯ. ވަގުތު ވެސް ލިބޭނެ ނޫންތޯ. އެހެންވީމަ މިކަންތައްތައް ކުރާއިރު މީގެ ފަހުން ވެސް ބަލާލައިގެން މިކަންކަން ފުރިހަމަކޮށް ނިންމާލަދެއްވުން އަޅުގަނޑުމެން ވަރަށް ބޮޑަށް އެދެން. އޭރުން ރައްޔިތުންނަށް ހާސިލް ކޮށްދޭން ބޭނުންވާ ކަންތައްތައް ކޮށްދެވޭނެ. ރައްޔިތުންނަށް ބަލައިގަންނަން ވެސް ފަސޭހަ ވާނެ." މޮސްޓާ ވިދާޅުވިއެވެ.

ޖޭއެސްސީގެ ބައެއް ނިންމުންތަކަށް މީގެ ކުރިން ވެސް ގިނަ ބައެއްގެ ފާޑުކިޔުން ވަނީ އަމާޒުވެފައެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. ޢިބްރާ

    އެމްޑީޕީ މީހުން ބޭނުން ގޮތަކަށް ރިޕޯޓް ހަދާނީ

    20
    1
  2. ކަނޑަައްމުގޫ

    ތިޔަވިދާޅުވީކީމާރަގަޅުބަހެއްނޫން އެއްވެސްބަޔަކައް ބޭނުން
    ކަމެއްބޭނުން ބޭނުންހާގޮތަކައް ނުކުރެވޭނެ ކުރީގަވެސް
    ތިޔަފާޑައް އުޅެނިކޮއް ވެރިކަންވެއްޓުނީ މިވެރިކަމައްވެސް
    ފަހަރެއްގަ އެފަދަގޮތެއް ވެދާނެ ﷲ އައްބިރުވެތިވެ ތިގެން ބަސްބުނޭ މާޒީއިބުރަތް ޚާސިލްކުރޭ