ބޮޑު ޢީދު ފާހަގަ ކުރަން މުޅި ހަފްތާ ދުވަސް ބަންދު ކުރުމުން ފުލުހުންނަށް ޖެހުނީ އެންމެ 90 ސްޓިކާ ކަމަށް ވީނަމަވެސް މިދިޔަ ހަފްތާގައި ފުލުހުން އިތުރު ހިތްވަރަކާއި އެކު ނިކުމެ، 769 ސްޓިކާ ޖަހައިގެން ދައުލަތައް 576750 (ފަސައްލައްކަ ހަތްދިހަ ހަހާސް ހަތްސަތޭކަ ފަންސާސް ރުފިޔާ) ރުފިޔާ ހޯދައި ދީފިއެވެ.
ފުލުހުން މިއަދު އާއްމު ކުރު ތަފާސް ހިސާބަށް ބަލާއިރު މިދިޔަ ހަފްތާގައި 769 ސްޓިކާ ޖަހާފައިވެއެވެ. އަދި ހަފްތާއެއް ތެރޭގައި 47 ވެހިކަލް ޓޯވ ވެސް ކޮށްފައިވެއެވެ.
މިދިޔަ ހަފްތާގައި މާލޭގައި 43 އެކްސިޑެންޓް ހިނގިއިރު، އެކްސިޑެންޓްތަކުގައި އަނިޔާވި މީހުންގެ އަދަދު 13 އަށް އަރައެވެ.
ޤަވައިދުގައި ކަނޑެޅިފައިވާ މިންވަރަށް ވުރެ ބާރަށް ދުއްވުމުގެ 52 މައްސަލައެއް ފުލުހުންގެ ސަމާލުކަމަށް އައިސްފައިވެއެވެ. ފޯނު ނުވަތަ ހެޑްސެޓް ބޭނުން ކޮށްގެން ވެހިކަލް ދުއްވުމުގެ 38 މައްސަލަ އާއި ދުންފަތުގެ އިސްތިއުމާލް ކުރުމުގެ ހަތް މައްސަލަ އާއި ލައިސަންސް ނެތި ދުއްވުމުގެ 140 މައްސަލަ މިދިޔަ ހަފްތާގައި ފުލުހުންގެ ސަމާލުކަމަށް އައެވެ.
ހަފްތާއެއް ތެރޭގައި ފުލުހުން 557 ވެހިކަލް ޗެކް ކޮށްފައި ވާއިރު އަހަރީ ފީ ނުދައްކާ 57 ވެހިކަލެއް ފާހަގަ ކުރެވުނެވެ.
ސްޓިކާ ޖަހައިގެން ފުލުހުން ހަފްތާއެއް ތެރޭގައި ބައި މިލިއަނަށް ވުރެ ގިނަ ރުފިޔާ ހޯދާފައި ވާއިރު ސްޓިކާ ޖެހުން ހުއްޓާލުމަކީ ރައީސް އިބްރާހިމް މުހައްމަދު ޞާލިހްގެ ސަރުކާރުގެ ސަތޭކަ ދުވަހުގެ ވަޢުދެކެވެ. ވެރިކަމާއި ރައީސް ޞާލިހް ހަވާލުވި ފުރަތަމަ ދުވަސްކޮޅުގައި ސްޓިކާ ޖެހުން ހުއްޓާލި ނަމަވެސް، ސްޓިކާ ޖެހުން ހުއްޓާލިތާ މަހެއްހާ ދުވަސް ފަހުން ފުލުހުން ވަނީ އަލުން ސްޓިކާ ޖަހަން ފަށާފައެވެ.
ޖުލައި މަހު ކުރީކޮޅު އޮތް ނޫސްވެރިންގެ ބައްދަލުވުމެއްގައި ރައީސް ޞާލިހް ވިދާޅުވީ މި ސަރުކާރު އައި ފަހުން ޕާކް ކުރުމަށް "ގިނަ ތަންތަން ދެވިއްޖެ" ކަމަށެވެ. "ސްޓިކާރ ތިޔަޖަހާ މައްސަލަ އަޅުގަނޑު ސީރިއަސްކޮށް ބަލާނަން އިނގޭތޯ" ނޫސްވެރިންގެ ބައްދަލުވުމުގައި ރައީސް ޞާލިހް ވިދާޅުވިއެވެ.
ޓްރާންސްޕޯޓް މިނިސްޓަރ އައިޝަތު ނަހުލާ ދާދިފަހުން ވިދާޅުވީ ވެހިކަލްތަކުގައި ސްޓިކާ ޖަހަނީ ޕާކް ކުރާނެ ތަންތަން ދެއްކުމަށް ފަހުގައި ކަމަށެވެ.
މިސަރުކާރު އައި ފަހުން ޕާކް ކުރުމަށް ގިނަ ތަންތަން ދެވިއްޖެ ކަމަށް ރައީސް ޞާލިހް އާއި މިނިސްޓަރ ނަހުލާ ވިދާޅުވި ނަމަވެސް މިސަރުކާރު އައި ފަހުން މަސައްކަތް ނިންމާ، ހުޅުވާފައި ވަނީ އެންމެ ދެތިން ޕާކިން ޒޯނެވެ.
ޕާކް ކުރާނެ ޖާގަ ނުދައްކާ ސްޓިކާ ޖެހުމަކީ އާއްމުންގެ ވަރަށް ބޮޑު ޝަކުވާއެކެވެ. ސަރުކާރަށް އަށް މަސް ދުވަސް ވެގެން ދިޔައިރު ވެސް ޕާކިންގެ މައްސަލަ ހައްލު ކުރުމަށް މާބޮޑު މަސައްކަތެއް ކުރެވިފައެއް ނުވެއެވެ.
ދިވެހި ފުލުހުން އަދާކުރަން އެންމެ ރަނގަޅު ވަޒީފާ ތިޔައީ.
ހުރިހާ ފުލުހުންނަށް އީދު ޗުއްޓީ ލިބޭބާ؟ އީދު ޗުއްޓީ ގަ ތިބި މަދު މީހަކު ނިކުމެބާ ބައި މިލިއަނަށް ވުރެ ގިނަ ރުފިޔާ ހޯދީ ހާދަ ގަދައޭދޯ ???
ހެޑިން ކިޔާފަ ހީވަނީ އީދުގަ ފުލުސް އޮފީސް ބަންދު ހެން
އީދު ޗުއްޓީ ނިންމާފައި ނިކުމެ އާންމުން ގަވައިދާ ޚިލާފަށް ޕާކުކޮށްގެން މިލިއަން ރުފިޔާގެ ޖުރުމަނާ އަރުވާލައިފި. މި ހެޑިންގް ކިހިނެއް؟
ފުލުހުންގެ ބޮޑުންނަށް
ތިލާރިއަށް ކީއްކުރަނީ
އެއީ ޓްރާންސްޕޯޓް މިނިސްޓަރ ކާންބޯން ކުރާ މަސައްކަތް!
އެހެން ގޮތަކަށް ލާރި ފޮއްޗެއް ލިބޭކަށް ނެތް. ލާރި ހޯދޭނެ އިތުރު ގޮތެއް ނެތް. ތިޔަގޮތަށް ރައްޔިތުން ފެލައިގެން ލިބޭ ލާރިކޮޅުން ބޯލަބޯލާ ތިބޭ ދެން.