ރާއްޖޭގެ މުއައްސަސާތަކުގެ ބާރުތަކުގެ ތެރެއަށް ސުޕްރީމް ކޯޓާއި ގުޅޭގޮތުން ޖުޑިޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން ތައްޔާރު ކުރި ރިޕޯޓުގައިވާ ކަންކަން ބަލައި އިތުރަަށް ދިރާސާ ކުރަން ރައްޔިތުންގެ މަޖިލީހުގެ ޖުޑިޝަރީ ކޮމިޓީއަށް ފޮނުވައިފިއެވެ.

ސުޕްރީމް ކޯޓުން ގާނޫނު އަސާސީއާ ހިލާފަށް ކޮށްފައިވާ 17 ކަމެއް ފާހަގަކޮށްފައިވާ އެ ރިޕޯޓު ޖުޑިޝަރީ ކޮމިޓީއަށް ފޮނުވަން ހުށަހެޅުއްވީ އެމްޑީޕީގެ ޕާލިމެންޓްރީ ގްރޫޕްގެ ލީޑަރު، މެދު ހެންވޭރު ދާއިރާގެ މެންބަރު އަލީ އާޒިމެވެ. އެ ހުށަހެޅުން ފާސްވީ 68 މެމްބަރުންގެ ވޯޓާއެކުއެވެ.

ރިޕޯޓުގައި ފާހަގަކުރި ސުޕްރީމް ކޯޓުން ހިލާފުވި ބައެއް ކަންކަމަށް ބަލާއިރު ރައްޔިތުންގެ މަޖިލީހާއި ޖޭއެސްސީއަށް ލިބިފައިވާ ބާރުތަކެއް ސުޕްރީމް ކޯޓުން ހަނިކޮށް، މަޖިލީހާއި ޖޭއެސްސީގެ މަސައްކަތަށް ހުރަސްއެޅުން، ޖޭއެސްސީގެ ގާނޫނުުގެ 21 ވަނަ މާއްދާގެ (ބ) އުވާލައި އަދުލު އިންސާފު ގާއިމުކުރުމުގެ އިދާރީ ކަންކަން ހިންގައި ބެލެހެއްޓުމާއި ސުޕްރީމް ކޯޓުން ހަވާލުވުން ހިމެނެއެވެ.

އަދި ކޯޓުތަކުގެ ގާނޫނުގެ 8 ވަނަ ބާބުގެ 82 ވަނަ މާއްދާއިން ފެށިގެން 94 ވަނަ މާއްދާއަށް އުވާލުން، ވަކީލުންގެ ކަންކަން ރެގިއުލޭޓްކޮށް ބެލެހެއްޓުމަށް ސުޕްރީމް ކޯޓުން އަމިއްލައަށް ހަވާލުވުން، ގާނޫނީ ވަކީލުންނަށް ރާއްޖޭގެ ކޯޓު ތަކުގައި މަސައްކަތް ކުރުން މަނާ ކުރުން ހިމެނެއެވެ.

ޖޭއެސްސީގެ ރިޕޯޓަށް ބަހުސް ކުރެއްވި އެމްޑީޕީގެ ގިނަ މެންބަރުން ވަނީ ސުޕްރީމް ކޯޓުގެ ހުރިހާ ފަނޑިޔާރުން ވަކިކުރަން ޖެހޭ ކަމަށް ވިދާޅުވެފައެވެ. ބައެއް މެންބަރުން ވަނީ 19 ވަނަ ރައްޔިތުންގެ މަޖިލިސް ފެށި ފަހުން ތިން މަހަށްވުރެ ގިނަ ދުވަސްވެގެން ދިޔައިރު އެ ކަން މިހާތަނަށް ވެސް ނުވެ އޮތުމުން ކަންބޮޑުވުން ފާޅުކޮށްފައެވެ.