ސްޕްރީމް ކޯޓްގެ ފަނޑިޔާރުކަމަށް ކުރިމަތިލުމަށް ހުޅުވާލި ފުރުސަތުގައި އެކޯޓްގެ ފަނޑިޔާރުކަމަށް ކުރިމަތިލެއްވި ބޭފުޅުންނާއި އިންޓަވިއުކުރަން ޖުޑީޝަލް ސާރވިސްކޮމިޝަން، (ޖޭއެސްސީ)ން ނިންމައިފިއެވެ.

ސްޕްރީމް ކޯޓްގެ ފަނޑިޔާރުންގެ އަދަދު ހަތަކަށް އިތުރުކުރުމަށް ގާނޫނަށް ގެނައި އިސްލާހާއި ގުޅިގެން ސްޕްރީމް ކޯޓްގެ ބެންޗަށް އިތުރު ދެ ފަނޑިޔާރަކު އައްޔަން ކުރުމަށް ޖުޑީޝަލް ސާރވިސް ކޮމިޝަނުގެ ލަފައަކަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހް އެދިވަޑައިގަތެވެ. ރައީސް ޖޭއެސްސީގެ ލަފަޔަކަށް އެދިވަޑައިގަތީ އެ ކޯޓުގެ ފަނޑިޔާރު ކަމަށް ޑރ. އަޒްމިރަލްދާ ޒާހިރު އަދި އައިޝާ ޝުޖޫން މުހައްމަދު އައްޔަންކުރުމަށެވެ.

ޖޭއެސްސީން ވަނީ އެ ދެ ނަންފުޅު ބަލައިގަނެ ފަނޑިޔާރުކަމަށް ކުރިމަތިލުމަށް ހުކުރު ދުވަހު ވަނީ އާއްމުކޮށް ހުޅުވާލާފައެވެ.

އެ މުއްދަތު މިއަދަށް ހަމަވެފައި ވަނީ މިއަދު މެންދުރު 12:00 އަށެވެ. މި މުއްދަތުގެ ތެރޭގައި ހައިކޯޓްގެ ހަތަރު ފަނޑިޔާރަކުވަނީ ސްޕްރީމް ކޯޓްގެ ފަނޑިޔާރުކަމަށް ކުރިމަތި ލައްވާފައެވެ. އެއީ އަލީ ސަމީރާއި، އަބްދުﷲ ހަމީދާއި، ޝުއިބް ހުސައިން ޒަކަރިއްޔާގެ އިތުރުން، މުހައްމަދު ނިޔާޒެވެ.

ޖޭއެސްސީން ވިދާޅުވީ، އެބޭފުޅުންނާއި އިންޓަވިއު ކުރުމުގެ ކަންކަން މިރޭ 19:00 އިން ފެށިގެން ކުރިއަށް ގެންދާނެ ކަމަށެވެ.

ކިޔުންތެރިންގެ ހިޔާލު