ދައުލަތުގެ ބަޖެޓަށް 1.7 ބިލިއަން ރުފިޔާ އިތުރުކުރުމަށް ސަރުކާރުން ހުށަހެޅި ސަޕްލިމެންޓްރީ ބަޖެޓް، ސަރުކާރުން ހުށަހެޅި ގޮތައް އެއްވެސް ބަދަލެއް ނުގެނެސް ރައްޔިތުންގެ މަޖިލީހުގެ ބަޖެޓު ކޮމެޓީ އިން ފާސްކޮށްފިއެވެ.

ބަޖެޓް ދިރާސާކުރާ ކުރަނީ މަޖިލީހުގެ އިޤުތިޞާދީ ކޮމެޓީ އާއި މާލިއްޔަތު ކޮމެޓީ އެއްކޮށްލައިގެން އުފައްދާފައި އޮންނަ ކޮމެޓީ އަކުންނެވެ. އެކޮމެޓީގެ މިރޭގެ ބައްދަލުވުމުގައި ފާސްކުރީ ދައުލަތުގެ ހަރަދަށް އިތުރުވާ 1.7 ބިލިއަން ރުފިޔާ ބަޖެޓަށް އިތުރު ކުރުމަށް ފެންނަ ކަމަށެވެ.

ބަޖެޓު ރިކޮމެންޑޭޝަނުގެ ގޮތުގައި ވާހަކަ ދެއްކުމަށް ކޮންމެ މެންބަރަކަށްވެސް ހަތްމިނެޓު ދިނުމަށް ވެސް މިރޭގެ ބައްދަލުވުމުގައި ވަނީ ފާސްކޮށްފައެވެ.

ބަޖެޓަށް 1.7 ބިލިއަން ރުފިޔާ އިތުރުކުރުމަށް ސަރުކާރުން ހުށަހެޅި ގޮތަށް ފާސްވީ ކޮމެޓީގައި ބައިވެރިވެ ވަޑައިގެންނެވި މެންބަރުންގެ އިއްތިފާގުންނެވެ.

މިއަހަރަށް ލަފާކޮށް މަޖިލީހުން ފާސްކޮށްފައިވަނީ 30.2 ބިލިއަން ރުފިޔާގެރެކޯޑް ބަޖެޓެކެވެ. ބަޖެޓަށް އިތުރުކުރަން ފާސްކުރި 1.7 ބިލިއަން ރުފިޔާ އާއެކު މިއަހަރުގެ ދައުލަތުގެ ބަޖެޓުގެ ޖުމްލަ އަދަދު 32 ބިލިއަން ރުފިޔާއަށް އިތުރުވާނެއެވެ. އަދި ބަޖެޓް ޑެފިސިޓް 4.9 ބިލިއަނަށް އަރާނެ ކަމަށް މިހާރު ވަނީ ލަފާ ކުރެވިފައެވެ.

ސަޕްލިމެންޓްރީ ބަޖެޓެއް ހުށަހަޅުމުން ސަރުކާރަށް ވަނީ ފާޑުކިޔުން އަމާޒުވެފައެވެ. އިދިކޮޅު ފަރާތްތަކުން ބުނާ ގޮތުގައި ސަޕްލިމެންޓްރީ ބަޖެޓެއް ހުށަހެޅީ މިއަހަރުގެ ބަޖެޓް ހުސްވެގެންނެވެ. ނަމަވެސް ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު ވިދާޅުވީ ބަޖެޓަށް ފައިސާ އިތުރުކުރުމަށް ހުށަހެޅީ މިސަރުކާރުގެ ވައުދުތައް ފުއްދުމަށް ކަމަށާއި ބަޖެޓެއް ހުށަހެޅީ ފައިސާ ހުސްވެގްނ ނޫން ކަމަށެވެ.

"މި ބަޖެޓް މި ހުށަހަޅަނީ އެއްވެސް ހާލެއްގައި 2019 ވަނަ އަހަރަށް ފާސްކުރި ބަޖެޓް ހުސްވެގެނެއް ނޫން. މި ޖުލައި މަހުގެ ނިޔަލަށް ބަޖެޓުން ހަރަދު ކުރެވިފައިވަނީ ފާސްކުރި މިންވަރުގެ 50 އިންސައްތަ،" އަމީރު ވިދާޅުވި އެވެ.

މާދަމާ ރޭ މަޖިލީހުން ސަޕްލިމެންޓްރީ ބަޖެޓް ފާސްކުރާނެ ކަމަށް ބެލެވެއެވެ.