ރާއްޖޭގައި މަނާކޮށްފައިވާ "މިޔަރުގެ މަސްވެރިކަން" ހުއްދަކުރުމުގެ ވިސްނުމެއް ނުގެންގުޅޭކަމަށް ފިޝަރީސް މިނިސްޓްރީން ވިދާޅުވެއްޖެއެވެ.

މިޔަރު މަސްވެރިކަން 2010 ވަނަ އަހަރާއި ހަމައަށް ފުޅާދާއިރާއެއްގައި ރާއްޖޭގައި ކުރަމުންއައެވެ. ނަމަވެސް އެއަހަރު ސަރުކާރުން ވަނީ މިޔަރު ހިމާޔަތްކޮށް، ރާއްޖޭގެ އެއްވެސް ސަރަހައްދަކުން މިޔަރު ހިފުމާއި، މިޔަރު ބޭނުން މަނާކޮށްފައެވެ.

މިޔަރު ހިމާޔަތް ކުރުމުން ރާއްޖޭގައި ވަނީ ވަރަށް ބޮޑަށް މިޔަރުގެ އާބާދީ އިތުރުވެފައެވެ. އެކަމުގެ ސަބަބުން މަސްވެރިންނަށް ވަރަށް ބޮޑެތި ދަތިތައް ދިމާވަމުން އަންނަ ކަމަށް މަސްވެރިން ބުނެއެވެ.

މަސްވެރިންގެ ޤާނޫނު ރައްޔިތުންގެ މަޖިލީހަށް ހުށަހެޅުމާއި އެކު މިޔަރުގެ މަސްވެރިކަން ހުއްދަ ކުރުމަށް ބައެއް ފަރާތްތަކުން ދަނީ ގޮވާލަމުންނެވެ. ބައެއް މަސްވެރިން ވަނީ މިޔަރުގެ މަސްވެރިކަން ހުއްދަ ކުރުމަށް ރައްޔިތުން މަޖިލީހުގެ އިޤުތިޞާދީ ކޮމެޓީގައި ވެސް އެދިފައެވެ.

ނަމަވެސް ފިޝަރީސް މިނިސްޓްރީން ވިދާޅުވީ މިޔަރުގެ މަސްވެރިކަން ހުއްދަކުރާ މިންވަރަށް ވުރެ މިޔަރުގެ އާބާދީ އަދި މަދުކަމަށާއި އެހެންކަމުން މިޔަރުގެ މަސްވެރިކަން އަލުން ރާއްޖޭގައި ފެށުމުގެ އެއްވެސް ވިސްނުމެއް މިނިސްޓްރީން ނުގެންގުޅޭކަމަށެވެ. ރާއްޖެއިން މިޔަރާއި ވެލާ ފަދަ ޒާތުގެ ކަނޑުގެ ދިރުންތައް ހިމާޔަތްކޮށްފައި އޮތް އޮތުމަކީ ބައިނަލްއަޤްވާމީ ޤައުމުތަކުން ރާއްޖެ ބަލައިގަންނަކަމެއްކަމަށާއި، މިކަމުން ޤައުމަށް ރަނގަޅު ނަން ލިބޭކަމަށް ވެސް ފިޝަރީސް މިނިސްޓްރީން ވިދާޅުވެއެވެ.

މިޔަރު ބަލާލަން ގިނަ އަދަދެއްގެ ފަތުރުވެރިން ކޮންމެ އަހަރަކު ވެސް ރާއްޖެއަށް ޒިޔާރަތް ކުރެއެވެ. އެހެންކަމުން މިޔަރު ގިނަ ވުމުން މަސްވެރިންނަށް ގެއްލުންވި ނަމަވެސް އެހެން ގޮތަކުން އިޤުތިޞާދަށް ނަފާ ލިބޭ ކަމަށް މިޔަރު ހިމާޔަތް ކުރަން ތާއިދު ކުރާ ފަރާތްތަކުން ބުނެއެވެ.

ކިޔުންތެރިންގެ ހިޔާލު

3 ކޮމެންޓް

  1. ޙައްލު

    މިޔަރެއް ބެވިއްޖެއްޔާ މަރާނަން. ވަދުއަޅަންދާ ނިކަމެތިމީހާ ބާނާ މަސްކޮޅު ކައިގެން ފަލަވެފަ އެތިބެނީ ކަނޑުއޮޅިތަކުގަ. މިނިސްޓްރީން ހުއްދަކުރޭތޯބަލާކަށް ތިބޭކަށް ނެތީން.

    11
  2. ޚާފޒ

    ޙުއްދަ ކުރިޔަސް ނުކުރިޔަސް މަސްވެރިން މިޔަރު ބާނާފަ މަރަންވީ. ބޮޑު ބަލޢެއް. ބަޔަކަށްފައިދާވިޔަސް މަސްވެރިން ނަކަށް ފައދާއެއް ނުވޭ..

  3. އެދުރުކަލޭގެ

    މިޔަރުގެ އާބާދީ އިތުރުވެފައިވާ ވަރާއި، އުދަގޫ ވާވަރު އެގޭނީ އާދައިގެ މަސްވެރިޔާއަށެވެ. މިނިސްޓްރީއަށް އެކަން ނޭގިދާނެއެވެ.