ކުރީގެ ރައީސް މުހައްމަދު ނަޝީދު ރައީސް ކަމުން އިސްތިއުފާ ދެއްވުމަށް މަޖުބޫރުވި 2012 ވަނަ އަހަރުގެ ފެބްރުއަރީ މަހުގެ 07 ވަނަ ދުވަހު ފުލުހުން ކުރި ކަންތައްތަކާއި، އަދި ޖެހިގެން އައި ދުވަހު އެމްޑީޕީ މެންބަރުން ނިކުމެ އެތައް ތަނެއްގައި ހުޅު ޖެހި ހާދިސާ އާއި ގުޅޭ ގޮތުން ހޯމް މިނިސްޓަ އިމްރާން އަބްދުﷲ އާއި ސުވާލު ކުރަން މަޖިލީހުގެ މިއަދުގެ ޖަލްސާގައި އެޖެންޑާ ކުރި ނަމަވެސް މިނިސްޓަރ އިމްރާން ޖަލްސާއަށް ވަޑައިނުގަތުމުން އެކަން ކެންސަލް ކޮށްފިއެވެ.

މިއަދުގެ ޖަލްސާގައި މަޖިލީހުގެ ރައީސް ނަޝީދު ވިދާޅުވީ މިނިސްޓަރ އިމްރާންގެ ސިޓީއެއް ލިބިވަޑައިގެންފައިވާ ކަމަށާއި އެސިޓީގައި އޮތީ "ހައްޖު ރޯގާގެ ތުރާގައި" އުޅުއްވާތީ މަޖިލިސް ޖަލްސާއަށް ވަޑައިގެންނެވެން ނެތް ކަމަށެވެ.

ފެބްރުއަރީ 07 އަދި 08 އާއި ބެހޭ ގޮތުން އިމްރާނާއި ސުވާލު ކުރައްވަން މަޖިލީހަށް ހުށަހެޅުއްވީ ކާށިދޫ ދާއިރާގެ މެންބަރު އަބްދުﷲ ޖާބިރެވެ.

ޖާބިރުގެ ސުވާލުގައި ވިދާޅުވެފައި އޮތީ 2012 ފެބްރުއަރީ 06 ވަނަ ދުވަހުގެ ރޭގައި، ޣައިރު ޤާނޫނީ އަމުރުކުރާ ކަމަށްބުނެ ފުލުހުންގެ ވެރިންނަށް ކިޔަމަންނުވި ފުލުހުންތަކެއްގެ މައްސަލަ ޙައްލުނުވެ، 7 ފެބުރުވަރީ 2012 ވަނަ ދުވަހު ހިނގައިދިޔަ ހަމަނުޖެހުންތަކުގެ ސަބަބުން އޭރުގެ ރައީސުލްޖުމްހޫރިއްޔާ ވަނީ އިސްޢުފާ ދެއްވާފައި ކަމަށާއި 8 ފެބްރުވަރީ 2012 ވަނަ ދުވަހު ރައްޔިތުންތަކެއް ނުކުމެ ބައެއް ރަށްރަށުގެ ފުލުސް ސްޓޭޝަންތަކާއި ވެހިކަލްތަކާއި ކޯޓުތަކުގައި ވަނީ ހުޅުޖަހާފައި ކަމަށެވެ. ފުލުހުންގެ ތެރޭގައި މިފަދަ ކަމެއް އިތުރަށް ތަކުރާރުވިޔަ ނުދިނުމަށް ގެނެވިފައިވާ ބަދަލުތަކަކީ ކޮބައިތޯއާއި ފުލުހުންގެ ޢިމާރާތްތަކުގެ ސަލާމަތަށް އަޅާފައިވާ ފިޔަވަޅުތަކަކީ ކޮބައިތޯ ސާފުކޮށްދިނުމަށް ޖާބިރު ވަނީ އެދިވަޑައިގެންފައެވެ.

އިމްރާނަކީ 2012 ވަނަ އަހަރު އޭރުގެ ސަރުކާރާއި ދެކޮޅަށް ކުރި މުޒާހަރާތަކުގައި އެންމެ އިސްކޮށް ހުންނެވި އެއް ބޭފުޅާއެވެ.

ކިޔުންތެރިންގެ ހިޔާލު

5 ކޮމެންޓް

  1. މީހާ

    މިހާރު ަަަހަނދާންވެސް ނުހުންނާނެ

    18
  2. ކެކެކެ

    ހަހަހަ ހައްޖު ރޯގާއޭ! ބަޣާވާތް ރޯގާއެއް ނޫންތަ؟

    10
  3. ޒައެދު

    ހައްޖުން ރޯނގާ އެކަނިތޯ ހާސިލު ކުރެވުނީ.

    10
  4. ގެއްލޭ ބެޑްޝީޓް

    ހިސާބަށްވުރެ ނުބައި ނުލަފާ ވީމަ އަބަދުވެސް އުޅެން ޖެހޭނީ ކޮންމެސް "ތުރާލެއްގަ". ތުރާލުން ފިލާތޯ ހެޔޮނަގަށް ރުޖޫއަވެ ރައްޔިތުން ގާތު މާފަށް އެދި އުޅުން އިސްލާހުކޮށް ބަސްމަގު ސީދާ ކުރެވޭތޯ ދެންވެސް ބަލާ. ތިހެން ނުބައި ނުލަފާކަންމަތީ އަބަދަކު ނޫޅެވޭނެ.

    13
    2
  5. ބޯގުޑޭ

    ހަޖޫ ޖެހިއަސް ބޮޑު ވަރު..! މަޖިލިސް އަށް ތިޔަމަކަރު ޖެހިދާނެ.! ދުވަހެއް ވާކަން ހަނދާންކުރޭ.!

    16