ފިޝަރީޒް މިނިސްޓްރީން ޖަނަވާރުންނަށް ފަރުވާ ދިނުމަށް ވިލިމާލޭގައި ގާއިމުކޮށްފައިވާ ވެޓެރިނަރީ ކްލިނިކުން ހިދުމަތްތައް ދެމުން އަންނަ ދުވަސްތަކާއި ގަޑިތަކަށް ބަދަލު ގެންނަން މިނިސްޓްރީން ނިންމައިފި އެވެ.

މިދިޔަ ޖެނުއަރީ މަހުގެ ތެރޭގައި ޖަނަވާރުންނަށް ފަރުވާ ދިނުމަށް ގާއިމުކުރި އެ ކްލިނިކް ހުޅުވުމުގެ ކުރިން ޖަނަވާރުންނަށް ފަރުވާ ދީފައި ވަނީ ޖަނަވާރުންގެ ބަލިތަކާ ގުޅޭ ހާއްސަ ޑޮކްޓަރަކު ގޭގެއަށް ގޮސްގެންނެވެ.

މިނިސްޓްރީން މިއަދު ކުރި އިއުލާނެއްގައި ބުނީ، ވެޓެރިނަރީ ކްލިނިކުން އަންނަ މަހުގެ ތިން ވަނަ ދުވަހުން ފެށިގެން ހިދުމަތްތައް ދެމުން އަންނަ ދުވަސްތަކާއި ގަޑިތަކަށް ބަދަލުތަކެއް އަންނާނެ ކަމަށެވެ.

އެގޮތުން ހުރިހާ ހިދުމަތެއް ވެސް ދޭނީ ހެނދުނު 08:00 އިން މެންދުރު ފަހު 02:00 އަށް ކަމަށް މިނިސްޓްރީން ބުނެއެވެ.

މި ބަޔާނުގައވާ ގޮތުން އާދިއްތަ އަދި ބުދަ ދުވަސް ޑޮކްޓަރަށް ދެއްކުމަށް ހާއްސަ ކުރެވިފައި ވާއިރު ހޯމަ އާއި ބުރާސްފަތި ދުވަސް ހާއްސަ ކުރެވިފައި ވަނީ ސާޖަރީތަކަށެވެ.

މިނިސްޓްރީން ބުނި ގޮތުގައި ކްލިނިކުން ހިދުމަތް ދޭނީ ވެޓެރިނަރީ ހިދުމަތް ހޯދުމަށް އަންނަ ތަރުތީބުންނެވެ.

އޭގެ އިތުރުން، ސާޖަރީ ހެދުމުގެ ހަ ގަޑިއިރު ކުރިން ޖަނަވާރަށް ކާން ނުދިނުމަށާއި ތިން ގަޑިއިރު ކުރިން ފެން ނުދިނުމަށް ވެސް އަންގައެވެ.

މިނިސްޓްރީއަށް ސާޖަރީ އެޕޮއިންޓްމަންޓް ހަދަން ވެޓެރިނަރީ ހިދުމަތަށް އެދޭ ފޯމު ފުރުމަށް ފަހު ހުށަހެޅުމުން ފޯމު ހުށަހަޅާ ތަރުތީބުން އެޕޮއިންޓްމަންޓް ހަމަޖައްސައިދޭނެ ކަމަށް ވެސް ބުނެއެވެ.

ޖަނަވާރުންނަށް ފަރުވާ ކްލިނިކެއް ހުޅުވާފައި މިވަނީ ސިއްހީ ހިދުމަތްތައް ދިނުމަށް ޖަނަވާރުންގެ ބަލިތަކާ ގުޅޭ ހާއްސަ ޑޮކްޓަރަކު ގޭގެއަށް ގެންދިއުމަކީ އެކަށީގެންވާ ގޮތް ނޫން ކަމުންނެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. ފާޠިމަތު

    ކީއްވެ 24 ގަޑި އިރު ޚިދުމަތް ދެވޭ ގޮތް ނުހަދަނީ. ޖަނަވާރުންނަށް ވެސް އަނިޔާވީމަ ތަދުވާނެޔޭ. ބައެއް މީހުން ޕެޓްސް ގެންގުޅެނީ އަމިއްލަ ދަރިން ހެން. އެހާ ލޯބިން. އެގޮތަށް ގެންގުޅޭ އިރު ކަމެއް ދިމާވެގެން ވެޓަށް ގެންދަން ބަލާއިރު މިހުންނަނީ ބަންދު ކޮށްފަ. އަޅުގަނޑުމެންގެ ވަރަށް ބޮޑު ރިކުއެސްޓެއް މިނިސްޓްރީ އިން މިކަމަށް ތަންކޮޅެއް ބޮޑަށް އިސްކަމެއް ދީގެން މިޔައްވުރެ ރަނގަޅަށް މިކަންތައް ކުރިއެރުވުން.