ކުރީގެ ނައިބު ރައީސް އަހްމަދު އަދީބު – ވަގުތު އިމޭޖްސް: އަމީން ފަހްމީ
ކުރީގެ ނައިބު ރައީސް އަހްމަދު އަދީބު – ވަގުތު އިމޭޖްސް: އަމީން ފަހްމީ

ކުރީގެ ނައިބް ރައީސް އަހުމަދު އަދީބު ދައުލަތަށް ދައްކަން ޖެހޭ އެއްވެސް ފައިސާއެއް ނޯންނާނެ ކަމަށް އަދީބްގެ ގާނޫނީ ވަކީލް މޫސާ ސިރާޖް ވިދާޅުވެއްޖެއެވެ.

ދައުލަތައް 74 މިލިއަނަށް ވުރެ ގިނަ ރުފިޔާ ދައްކަން ފިނޭންސް މިނިސްޓްރީ އިން އަންގާފައިވާއިރު އަދީބުގެ ވަކީލު ސިރާޖު ވިދާޅުވީ އަދީބް ދައުލަތަށް އެއްވެސް ފައިސާއެއް ދައްކަން ޖެހޭކަމަށް އެއްވެސް ކޯޓަކުން އޭނާގެ މައްޗަށް ހުކުމެއް ކޮށްފައި ނުވާ ކަމަށެވެ.

އަދި ހަމައެކަނި އޭސީސީން ނެރުނު ރިޕޯޓަކަށް ބިނާކޮށް ދައުލަތަށް ފައިސާއެއް ދައްކަން އަދީބަށް އެންގުމުގެ ބާރު މިނިސްޓަރަށް ލިބިވަޑައިނުގަންނަވާ ކަމަށާއި އެކަން ސުޕްރީމްކޯޓުގެ 2012/SC-A/26 ގަޒިއްޔާއިން ސާފުކޮށް އެނގެން އޮންނަ ކަމަށް ސިރާޖު ވިދާޅުވިއެވެ.

ފިނޭންސް މިނިސްޓްރީ އިން އަދީބަށް އަންގާފައި ވަނީ އެފައިސާ ހަފްތާއެއްގެ ތެރޭގައި ދެއްކުމަށެވެ. އެފައިސާ ދައުލަތައް ދައްކަން އަދީބަށް އެންގީ ނަސަންދުރަ ޕެލަސް ހޮޓެލް އެންޕީއެޗް އިންވެސްޓުމެންޓަށް ދިން މައްސަލައިގައެވެ.

އެފައިސާ ދައްކަން ފިނޭންސް މިނިސްޓްރީ އިން އަދީބަށް އަންގާފައި ވަނީ މާޗް މަހުގެ 28 ވަނަ ދުވަހުއެވެ. އެހެންކަމުން އަދީބަށް ދީފައި އޮތް ހަފްތާއެއްގެ މުހުލަތު މާދަމާގެ ނިޔަލަށް ހަމަވާނެއެވެ.

ނަސަންދުރަ ކުއްޔަށް ދިނުމުގައި އަދީބު ހިޔާނާތްތެރިވެފައިވާ މައްސަލައެއްގައި ވަނީ ކްރިމިނަލް ކޯޓުގައި ޖިނާޢީ ދައުވާއެއް ވެސް އުފުލާފައެވެ.

33 އަހަރުގެ ޖަލު ޙުކުމެއް ތަންފީޒު ކުރަމުން ގެންދާ އަދީބުގެ މައްޗަށް މިހާރު ވެސް ކްރިމިނަލް ކޯޓުގައި ދައުވާ އުފުލިފައިވާ ވަރަށް ގިނަ މައްސަލަތައް އެބަހުއްޓެވެ. އެމައްސަލަތައް ސާބިތުވެއްޖެނަމަ އޭނާގެ މައްޗަށް 100 އަހަރަށް ވުރެ ވެސް ދިގު ޖަލު ޙުކުމެއް އައުން އެކަށީގެންވެއެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. ރާއްޖޭގެ ވަކީލުން، ބޮޑެތި މުޖުރިމުން ކުށުން ބަރީއަ ކުރުމަށް ވަކާލާތު ކުރުމުގެ ބަދަލުގަ އަދަބު ލުއިކުރެވޭތޯ މަސައްކަތް ކުރުން މުހިންމު ކަމަށްދެކެން.

  2. ތިވާނީ އަދީބު ދައުލަތަށް ދައްކަންޖެހޭ ހުރިހައި ފައިސާއެއް ސަލާމަތްކޮށްދޭމަތިން ވަކީލުންނަށް ދިނީކަމަށް! މާދަމާ ބުނާނެ އަދީބަކީ އަންހެނެކޭ! ކެކެކެކެކެކެކެކެ